އުނގޫފާރު ސްކޫލްގެ ހަދިޔާ: ތަފާތު ޝޭޑްތަކުގެ ފޮތި ތަތްކޮށްގެން އުފެއްދި މިނިސްޓަރުގެ ފޮޓޯފުރޭމް

ދަރިވަރުން މަސައްކަތަށް އަހުލުވެރި ކުރުވުމަށް " ހޭވައްލާ" ޕްރޮގްރާމު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވަޑައިގެންނެވުމުން، އުނގޫފާރު ސްކޫލުން އެ ކަމަނާއަށް އެރުވި ހަދިޔާއިން ދަރިވަރުންގެ ހުނަރުވެރިކަން ސާބިތުކޮށްދީފިއެވެ.
މިނިސްޓަރަށް ހަދިޔާއަކަށް އެރުވީ އެ ކަމާނާގެ ފޮޓޯ ފްރޭމެކެވެ. އެ ފުރޭމުގައިވާ ފޮޓޯފުޅު ހަދާފައި ވަނީ ތަފާތު ވައްތަރުގެ އެކި ޝޭޑްތަކުގެ ފޮތި ތަތްކޮށްނެވެ. މިނިސްޓަރު ވަނީ އެ ފޮޓޯ ފްރޭމުގެ ފޮޓޯއެއް ޓްވީޓް ކުރައްވައި އެ ހުނަރުވެރި މަސައްކަތް ކުރި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ތަފާތު ވައްތަރުގެ ފޮތީގެ ޝެޑޯއިން އެޑިއުކޭޝަން މިނިސްޓަރުގެ ފޮޓޯފުޅު ތައްޔާރުކުރި އުނގޫފާރު ސްކޫލުގެ ކުރީގެ ދެ ދަރިވަރުން، ބިލާލް ވާފިރާއި އައުޝަމް ސަޢީދެވެ. މި ދެ ދަރިވަރުން މި މަސައްކަތް ކުރީ ސްކޫލުގެ އާރޓް މުދައްރިސް އަނޫޝާގެ އިރުޝާދާއެކު އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.
" މި ދެ ކުދިންގެ މަސައްކަތަށް އަޅުގަނޑުމެން މި ސްކޫލުން ފަޚުރިވެރިވަން." ނިމިގެން ދިޔަ އަހަރު، އުނގޫފާރު ސްކޫލްގައި އާރޓް ސްޓްރީމަށް ކިޔެވި ދެ ދަރިވަރުންނަށް އިޝާރާތްކުރައްވާ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިސްޓަރަށް ހަދިޔާއެއް އެރުއްވުމަށް ނިންމައި، އެ މަސައްކަތް ކުރިއަށް ގެންދިޔައީ އާރޓް މުދައްރިސްގެ ބެއްލެވުމުގެ ދަށުންނެވެ. އެ މަސައްކަތް ކުރުމަށް ދެ ދަރިވަރުން ކަނޑައަޅައި، ހަތް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމީ އެ ކުދިންގެ މަސައްކަތާއި ހުނަރުން ކަމަށެވެ.
މުޖްތަބާ ވިދާޅުވީ އެ ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރު "ހޭވައްލާ" ޕްރޮގްރާމުގެ ދަށުން ދަނީ އެ ސްކޫލްގައި މަސައްކަތުގެ ހުނަރު ދަސްކުރަމުންނެވެ.

އުނގޫފާރު ސްކޫލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކުރުމަށް މި އަހަރު ވެސް ދަނީ ޕްރޮގްރާމް ތަކެއް ހިންގަމުންނެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާތީ އެ ސްކޫލުން ބޭނުންވާ ފެންވަރަށް އެ މަސައްކަތް ކުރިއަށް ނުގެންދެވޭކަމަށް އުނގޫފާރު ސްކޫލުން މައުލޫމާތު ދެއްވައެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *