މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގައި ބައިވެރިވާން ނުކުތް ގއ. މާމެންދޫ ސްކޫލުގެ ކީ ސްޓޭޖް އެކެއްގެ ބައެއް ދަރިވަރުން އަމާޒު ކުރި މައިގަނޑު ސުވާލަކީ "ޕްލާސްޓިކް މޫދަށް އުކަނީ ކޮންބައެއް ހެއްޔެއެވެ؟
އެކަން ކުރަނީ ސީދާ ކޮންބައެއްކަން ނޭނގުނަސް އެކުދިން ކުރި ސުވާލުން އެނގެނީ ތިމާވެއްޓާމެދު އެކުދިން ވެސް ވިސްނާކަމެވެ. ޕްލާސްޓިކްގެ ސަބަބުން ވެއްޓަށާއި ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާއިރު އެކަމާ ކަންބޮޑުވާން ތިބި އެއް ބަޔަކީ ވެސް އެއީއެވެ.
މާމެންދޫގެ ގޮނޑުދޮށް ހިމެނޭހެން ސާފު ކުރުމަށް ގެންދިޔަ ހަރަކާތުގައި ކައުންސިލާއެކު އެ ސްކޫލްގެ ގުރޭޑް އެކަކުން ދިހައެއްގެ ދަރިވަރުން ބައިވެރިވިއެވެ. އެރަށުގެ ވަށައިގެންވާ ސަރަޙައްދު ގުރޭޑް ހަޔަކުން ދަށުގެ ދަރިވަރުން ސާފު ކުރަމުން ދިޔައިރު ފަޅުތެރެ ސާފުކުރުމުގައި މަތީ ގުރޭޑް ތަކުގެ ބައެއް ދަރިވަރުން އެހެން މީހުންނާއެކު ބައިވެރިވިއެވެ.
އާންމުކޮށް ރަށް ސާފުކޮށް ބަލަހައްޓާއިރު ވެސް އެރަށުން ނެގި ޕްލާސްޓިކްގެ އަދަދު މަދު ނުވާކަމަށް މާމެންދޫ ސްކޫލުގެ ޕްރިންސިޕަލް އާޒިމް އަބްދުﷲ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ސްކޫލާއި ކައުންސިލާ ގުޅިގެން މިއަދު އެކަނި ވެސް 360 ކިލޯގެ ޕްލާސްޓިކް ނެގި ކަމަށެވެ.
" ކައުންސިލުން ސާފު ކުރުމުގެ މަސައްކަތް ގަވާއިދުން ކުރަމުންދާއިރު އެއީ ހީކުރިވަރަށްވުރެ މާ މަތީ އަދަދެއް" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެރަށުން އުކާލާފައި ހުރި ޕްލާސްޓިކަށްވުރެ ގިނައީ ލައްގާފައި ހުރި ޕްލާސްޓިކްގެ ބާވަތްތަކެއެވެ. ފަޅުތެރެއިން ނެގި ތަކެތީގެ ތެރޭގައި އަންނައުނާއި ދަގަނޑުކޮޅުތަކާއި ވާބުރިބުރި ހިމެނެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މަޓީއާ ގުޅިގެން ޕާލޭއިން ކުރިއަށް ގެންދިޔަ ބިޔަ ބޮޑު ހަރަކާތުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވީ ވެސް ސްކޫލްތަކުންނެވެ. 205 ސްކޫލަކުން މި ހަރަކާތުގައި ބައިވެރިވިއެވެ.

މިއަދު ހެނދުނު 7:00ގައި ފެށި ސާފު ކުރުމުގެ ހަރަކާތުގައި ދަރިވަރުންނާއި ސްކޫލްތަކުގެ މުވައްޒަފުން ބައިވެރިވެ ގިނަ އަދަދެއްގެ ކުނިބުނި ނަގާ ސާފުކުރިއެވެ. 275 ރަށެއްގައި މި ހަރަކާތް ހިންގިއިރު، 129 ރަށެއްގެ ގޮނޑުދޮށް ވަނީ ސާފުކޮށްފައެވެ.
ތޮއްޑޫ ސްކޫލްގެ ލިޑިންގ ޓީޗަރު އައިޝަތު ލީޝާ ވިދާޅުވީ ކައުންސިލާ ގުޅިގެން އެ ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ދަރިވަރުން ބައިވެރިވީ ކުރާހިތުން ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންދިޔައީ ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.
" ކުދިންނާއި ސްކޫލާއި ކައުންސިލާ ގުޅުނީމާ މިފަދަ މުހިންމު ކަމެއް ފުރިހަމައަށް ކުރެވެނީ. ކުދިންގެ ފަރާތުން ވެސް ފެނުނީ އެ ޝަޢުޤުވެރިކަން" ލިއުޝާ ވިދާޅުވިއެވެ.

މާމެންދޫން ފެނުނީ އެންމެ ރަށެއްގެ ހާލަތެވެ. މިފަދަ އެތައް ރަށަކުން ނެގި ކުނިބުންޏާއި ޕްލާސްޓިގެ ބާވަތްތައް އެތައް ލައްކައަކަށް އަރާނެއެވެ. ޕާލޭއިން ވަނީ މިހާތަނަށް 2.1 މިލިއަން ކިލޯގެ ޕްލާސްޓިކް ރީސައިކަލް ކުރަން ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުން އެއްކުރި ޕްލާސްޓިކެވެ.
އުކާލާ ޕްލާސްޓިކް މަދުނުވާނަމަ އެކުދިން ދެން ވެސް ކުރާނީ އެ ސުވާލެވެ.
advertisment
ހިޔާލު