ދާއިންއަށް އޯލެވެލްއަށްވުރެ އޭލެވެލް މާ ފަސޭހަ

އޯލެވެލްއިން ދިޔައީ އަށް ވަނައަށް، އޭލެވެލްއިން ދެ ވަނަ ހޯދާ ބިޒްނަސްއިން ދުނިޔެއިން އެއްވަނަ ވެސް ހޯދި

އަބަދުވެސް އަޑު އިވެނީ އޯލެވެލްއަށްވުރެ އޭލެވެލް އުނދަގޫ ވާހަކައެވެ. ކިޔަވަންޖެހޭ ސިލަބަސް ހާސްބައި ތަފާތު ވާހަކައެވެ. އެކަމަކު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އޭލެވެލް ނިންމައި، ފާއިތުވި އަހަރު އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރު އަލީ ދާއިން ނަޝްއަތައް އޯލެވެލްއަށްވުރެ އޭލެވެލް މާ ފަސޭހައެވެ. އޭނާގެ ކާމިޔާބީ ވެސް އޮތީ އޯލެވެލް އަށްވުރެ އޭލެވެލްގައެވެ.

ދާއިން ބުނީ ކިޔަވަން ޖެހޭ ގޮތް ތަފާތު ވުމަކީ ވެސް އޭނާއަށް އޭލެވެލް ފަސޭހަވުމުގެ އެއް ސަބަބެވެ. އޭލެވެލްގައި، ކިޔެވުމުގެ މިނިވަންކަން އަމިއްލައަށް ކަނޑައަޅައި، ބޭނުންވާ މާއްދާތައް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލިބެއެވެ. އޭލެވެލްގެ ބިޒްނަސް ސްޓްރީމްގައި ފަސް މާއްދާ ކިޔެވީ ވެސް ކިޔަވާ ހިތުންނެވެ.

އޭނާ ބުނި ގޮތުގައި އޯލެވެލް ދުވަސްވަރު ސްކޫލާއި ގިނަ މާއްދާތަކުން ޓިއުޝަން ނަގަން ޖެހުމުން އަބަދުވެސް އުޅެން ޖެހެނީ ބިޒީ ތާވަލެއްގައެވެ. އެހެންވެ އަބަދު ވެސް ހުރެވެނީ "ސްޓްރެސް" ވެފައެވެ.

" އޭލެވެލްގައި އެންމެ ބޭނުންވި މާއްދަތައް ކިޔަވަން ފެށުމުން ވަރަށް ބޮޑު މިނިވަންކަމެއް ލިބޭ. އެއީ ކިޔެވުމާއިގެން ކުރިއަށް ދާން ލިބުނު ފަސޭހައެއް" އިސްކަންދަރު ސްކޫލުން އޯލެވެލް ނިންމި ދާއިން ބުންޏެވެ.

ދާއިން ކިޔަވަނީ ފަތިސް ގަޑީގައެވެ. ދަންވަރު ހޭލާ ހުރެ ފިލާވަޅު ދަސްކުރުމަކީ އެއީ ކުރާކަމެއް ނޫނެވެ. ފިލާވަޅުގައި ބުނާއެއްޗެއް ނަގައިގަންނަން ފަސޭހައީ ބާރަށް ކިޔައިގެންނެވެ. އެހެންވެ ކޮންމެ ފިލާވަޅެއް ވެސް އޭނާ ދަސްކުރަނީ ބާރަށް ކިޔައިގެންނެވެ.

" ބާރަށް ކިޔަވަނީ ބޮލަށް ނަގައިގަންނަން ފަސޭހަވީމާ. ހަނދާނުގައި ގިނަ ދުވަހު ބަހައްޓަން"

އޭލެވެލްއަށް ކިޔެވިއިރު ދާއިންގެ އެންމެ ކައިރީގައި ތިބީ އޯލެވެލްގައި ރަނގަޅު ނަތީޖާ ލިބުނު ދަރިވަރުންނެއް ނޫނެވެ. ގަދަ ދިހައެއްގައި ހިމެނުނީ ވެސް މަދު ކުއްޖެކެވެ. އެކަމަކު އެ ހުރިހާ ކުދިން އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނެވެ.

" އެންމެން އެކީގައި ކިޔެވުމުގެ ފައިދާ ފެނުނީ" ދާއިން ބުންޏެވެ.

ބިޒްނަސް މާއްދާއިން ދުނިޔެއިން އެއްވަނަ ލިބުމަކީ އެއީ ކުޑަ އުފަލެއް ނޫނެވެ. ދާއިން އަށް އެއީ "ސަޕްރައިޒް" ނަތީޖާއެކެވެ. އެއީ އެވަރުގެ ނަތީޖާއަކަށް އޭނާ އުއްމީދު ނުކުރާތީއެވެ.

" ބިޒްނަސްއިން ދުނިޔެއިން ވަނައެއް ލިބިދާނެ ކަމަށް އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރަން. އެއީ ސަޕްރައިޒެއް." ދާއިން ބުންޏެވެ.

ދާއިން ބުނީ ހައި އެޗީވަރސް ސްކޮލަރޝިޕް ހޯދުމަކީ ޢަޒުމެއް ކަމަށާއި އެކަން ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ ދިވެހި މާއްދާއަށެވެ. ސްކޮލަރޝިޕް ނުލިބި ބައެއް ކުދިން މާޔޫސްވަނީ ވެސް ދިވެހިން ދަށް ވާތީއެވެ. އޭލެވެލް ފެށުމާއެކު އެންމެ ބޮޑަށް މަސައްކަތް ކުރީ ވެސް އެހެންވެއެވެ.

" އިސްލާމް މާއްދާއާ މެދު އަބަދުވެސް ޔަގީންކަން އޮވޭ. ދިވެހި މާއްދާއަށް ވަކިން ބޮޑަށް ފޯކަސްކޮށްގެން ކިޔެވިން. އޭގެ ނަތީޖާ ވެސް ރަނގަޅު"

ދާއިންއަށް ދިވެއްސާއި އިސްލާމުން އޭ ސްޓަރ އެއް ލިބުނެވެ. ބިޒްނަސްއާއި އެކައުންޓިންގ އިން ވެސް ލިބުނީ އޭ ސްޓަރ އެކެވެ. ޤައުމީ ގަދަ ދިހައެއްގެ ދެވަނައަށް ވެއްޓުނީ އިކޮނޮމިކްސްއިން އޭ އެއް ލިބިގެންނެވެ.

ދާއިން ބުނީ އޭލެވެލްގައި އޭނާއަށް ލިބުނު ކާމިޔާބީގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޓީޗަރުންނާއި މެނޭޖްމަންޓް ހިއްސާ ބޮޑު ކަމަށެވެ. އެ ސްކޫލުގެ ފެހި މާހައުލާއި ލައިބްރަރީއާއި ތަޖުރިބާ ހޯދަން އެ ސްކޫލުން ފަހިކޮށްދިން ދަތުރުތަކުން އެތައް މައުލޫމާތެއް ލިބުނެވެ.

" ހަރިންމައިން ބޭރުން އުނގެނުން" އެއީ ވިލާ ހައި ސްކޫލުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ފައިދާ އެންމެ ބޮޑަށް ކުރި އެކަކަށް ދާއިން ވާނެއެވެ. ދާއިން ބުނީ ވެސް އެހެންނެވެ.

" ގދ. އަތޮޅަށް ކުރި ޘަޤާފީ ދަތުރުން ކުރިން ނޭނގޭ އެތައް ކަމެއް ދަސްވި. އަޑުނާހާ އެތައް އެއްޗެއްގެ ނަން ދަސްވި. އެ ދަތުރުގެ ސަބަބުން ދިވެހިންގެ އާދަކާދައާއި ޘަޤާފަތާއި މަސައްކަތްތެރި އެތައް އުފެއްދުންތަކެއް ފެނިގެންދިޔަ. ނަތީޖާއަކީ ދިވެހި މާއްދާއަށް ވަރަށް ބޮޑު ޝަޢުޤުވެރިކަމެއް އުފެދިގެން ދިއުން"

ދާއިން ބުނީ މެލޭޝިޔާގެ ޔުނިވަރސިޓީތަކަށާއި ފެކްޓްރީތަކާއި ސެންޓްރަލް ބޭންކް ހިމެނޭހެން އިތުރު ބޭންކްތަކަށް ޒިޔާރާތްކޮށް މަސައްކަތް ހިނގާގޮތް ތަޖުރިބާ ކޮށްލުމަކީ ވެސް އެއީ ފިލާވަޅުތަކުގެ ބޭރުން ގިނަ މައުލޫމާތެއްލިބި ލޯ ހުޅުވިގެން ދިޔަ ދަތުރެއް ކަމަށެވެ.

" އެފަދަ ތަޖުރިބާ ލިބުނީމާ އަޞްލު ކިޔެވުމަކަށް މި ވަނީ. އޭގެ ނަތީޖާއަކަށް ވަނީ ވިސްނަން ދަންނަ ކިޔަވަން ދަންނަ ދަރިވަރަކަށް މަގުފަހިވުން" ވިލާ ހައި ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން ކަމުގެ ޒިންމާ ވެސް އަދާކުރި ދާއިން ބުންޏެވެ.

ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމަށް އިނގިރޭސި ވިލާތައް ދާއިން ފުރާނީ އަންނަ އޮގަސްޓް މަހުގައެވެ. ބޭނުން ވަނީ ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރުމެވެ. އެއާއެކު އަމިއްލަ ވިޔަފާރިއެއް ޕްރޮމޯޓްކޮށް ހިންގުމަކީ ވެސް އޭނާ ދެކޭ ހުވަފެނެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *