ތޭރަ އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑުޖެހީ ވެސް އޭނާ
މެދު ރޮގާ ހަމައިގައި ހުއްޓައި، ލިބުނު ބޯޅަ ހިފައިގެން އަހުމަދިއްޔާގެ ހާފްގެ ތެރެއަށް ވަދެގެން ދިޔައިރު އޭނާ ހުއްޓުވަން ކައިރީގައި ޑިފެންޑަރެއް ނެތެވެ. ބޯޅަ ލިބުމާއެކު ހަލުވި ދުވެލީގައި ގޯލް އޭރިއާގެ ތެރެއަށް ވަދެގެން ދިޔައީ އެހާމެ ހުށިޔާރު ކަމާއެކުގައެވެ. އޭނާއަށް ހުރަސް އަޅަން ނުކުތް ކީޕަރުގެ ކައިރިން ވެސް ނައްޓާލާފައި ގޯލަށް ބޯޅަ ފޮނުވާލީ ވަރަށް ހަމަޖެހިލާފައެވެ. މިއީ ހުނަރުގެ ގޮތުން ބަލާއިރު ވެސް އޭނާގެ ފަރާތުން ފެނިގެން ދިޔަ ވަރަށް ރީތި ލަނޑެކެވެ. ފައިނަލް މެޗްގައި ފެނުނު އެންމެ ހިތްގައިމު ލަނޑު ވެސް މެއެވެ. އެ ލަނޑާއެކު އެ މުބާރާތުގައި ކަލާފާނު ސްކޫލްގެ ޖާޒީ ނަމްބަރު 5، އަދި އެޓީމުގެ ކެޕްޓަން ހުސައިން އިލްހާމް އިބްރާހިމް ޖެހި ލަނޑުގެ އަދަދު ތޭރައަށް އެރިއެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ.

ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރަތުގައި ކަލާފާނު ސްކޫލް ފައިނަލަށް ދިޔައީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. ފައިނަލް މެޗާއެކު ކުޅުނު ހަ މެޗްގައި ވެސް އެންމެ މޮޅު ކުޅުމެއް ފެނުނީ އިލްހާމްގެ ފަރާތުންނެވެ.
ފައިނަލް މެޗް ފިޔަވައި ދެން ކުޅުނު ކޮންމެ މެޗެއްގައި ވެސް ދެ ލަނޑަށްވުރެ ގިނަ ލަނޑު އިލްހާމް ޖެހިއެވެ. އޭގެ ތެރޭގައި ޣާޒީ ސްކޫލް ކޮޅަށް ހަތަރު ލަނޑުޖަހައިގެން ހެދި ހެޓްރިކް ވެސް ހިމެނެއެވެ.
މި މުބާރާތުގައި އިލްހާމް ޖެހި ލަނޑުތައް:
1- ހުރަވީ ކޮޅަށް 2 ލަނޑު (ގްރޫޕް)
2- ކާމިލު ދީދީ ޕްރީ ސްކޫލް ކޮޅަށް 2 ލަނޑު (ގްރޫޕް)
3- ޣާޒީ ސްކޫލް ކޮޅަށް 4 ލަނޑު (ގުރޫޕް)
4- އިސްކަންދަރު ކޮޅަށް 2 ލަނޑު (ކުއާޓާ ފައިނަލް)
5- މަޖީދިއްޔާ ކޮޅަށް 2 ލަނޑު (ސެމީ ފައިނަލް)
6- އަޙްމަދިއްޔާ ކޮޅަށް 1 ލަނޑު (ފައިނަލް)

އިލްހާމްގެ ބައްޕަ ބުނީ އުމުރުން ހަ އަހަރުންސުރެ ފުޓްބޯޅަ ކުޅެން އިލްހާމް ޝަޢުޤު ހުންނަ ކަމަށާއި އޭރުއްސުރެ އުޅެނީ ފުޓްބޯޅައިގެ ތެރޭގައި ކަމަށެވެ. އޭނާގެ ހުނަރު މިހާރު ތަރައްޤީ ކުރަމުން ދަނީ ސަސް އެކަޑަމީން، ކޯޗް މުޙައްމަދު ފަރީދުގެ ބެލުމުގެ ދަށުންނެވެ.
ކަލާފާނު ސްކޫލްގެ ގުރޭޑް ހައެއްގައި ކިޔަވަމުންދާ އިލްހާމަކީ ކިޔެވުމުގައި ވެސް ނަމޫނާ ދަރިވަރެކެވެ. ފިލާވަޅުތައް ނިންމާފައި އެހެން ކުދިންނަށް އެހީވުމަކީ އޭނާގެ ފަރާތުން ފެންނަ ރީތި ސިފައެކެވެ.
އިލްހާމްގެ ބައްޕަ ބުނީ، އިލްހާމަކީ ކިޔެވުމަށް ސަމާލުކަން ދީ ބަރާބަރަށް ނަމާދުކޮށް ކުރިއަށް ދިއުމަށް ޢަޒުމެއް އޮވެގެން މަސައްކަތް ކުރާ ކުއްޖެއް ކަމަށެވެ.
" ޕޭރަންޓް މީޓިންގއަށް ދިޔައީމާ ވެސް ބުނާނެ ދައްކާނެ އިތުރު ވާހަކައެއް ނެތޭ. ބަރާބަރަށް ފިލާވަޅުތައް ދަސްކޮށް، ދޭ މަސައްކަތްތައް ނިންމައޭ. އެހެން ކުދިންނަށް ކިޔައިދީ އެހީވެދެއޭ" އިލްހާމްގެ ބައްޕަ ބުންޏެވެ.
ފޯވާރޑަކަށް ކުޅޭތީ ފޯވަރޑުން ގެންގުޅޭ ޓެކްޓިސްތައް އޭނާ ބަލާ ހަދައެވެ. އެ ގޮތަށް ހަދަން ވެސް މަސައްކަތް ކުރެއެވެ. އޭނާގެ އެންމެ ފޭވަރިޓަކީ ކްރިސްޓިއާނޯ ރޮލާލްޑޯއެވެ.
ބަންދު ދުވަސްދުވަހު ގޭމް ކުޅޭއިރު ވެސް ކުޅެނީ ފުޓްބޯޅަ ގޭމެއެވެ. އަދި ބޮޑެތި މުހިންމު މެޗްތައް އާއިލާއާ އެއްކޮށް ބަލާއިރު ނަގާ ފޯރީގައި ވެސް ބައިވެރިވެއެވެ. އިލްހާމަށް ވުރެ ދޮއްޓައް ތިބި ދެ ބޭބެއިންނާއި ބައްޕައަކީ ވެސް ފުޓްބޯޅަ ކުޅުނު މީހުންނެވެ.
ކަލާފާނު ސްކޫލްގެ ޓީމުގެ ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުހައްމަދު ފަރީދު ބުނީ، އިލްހާމަކީ އެހެން ކުދިންނާ އަޅާބަލާއިރު އަމިއްލައަށް ކުރިއަށްދާން މަސައްކަތް ކުރާ އަޚްލާގު ރަނގަޅު ކުއްޖެއް ކަމަށެވެ. އަދި ބުނީ ކޯޗުން ދޭ އިރުޝާދާ އެއްގޮތަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.
ފަރީދު ބުނީ އިލްހާމަކީ ފުޓްބޯޅައަށް ލޯ ހުޅުވައިގެން ވަރަށް ފަރުވާތެރިކަމާއެކު ކުޅޭ ހުނަރުވެރި ފޯވާޑެއް ކަމަށެވެ. އޭނާ ކުރާ ކޮންމެ ކަމެއްގައި ވެސް ސައްތައިން ސައްތައިގެ ހިތްވަރެއް ލާ ކަމަށް ވެސް ފަރީދު ބުންޏެވެ.
" ފުޓް ބޯޅައިގެން ތެރެއިން ވެސް ޑިސިޕްލިން ހިފަހައްޓައިގެން، ސީދާ އެކަމަށް ފޯކަސް ކޮށްގެން ކުޅޭ މޮޅު ކުއްޖެއްގެ ގޮތުގައި ފާހަގަ ކުރެވެނީ. އަދި އެހާމެ ގޯލާ ވެސް ރައްޓެހި. މުސްތަގުބަލް އޮތް ހުނަރުވެރި ވޯވާޑަކަށް ވާނެ ކުއްޖެއް އެއީ"
advertisment
ހިޔާލު