ސާނަވީގައި ދިގުރަށު ސްކޫލުގެ ހަތަރު ދަރިވަރުން ހިމެނުމަކީ އެއީ ޕްރިންސިލެއްގެ ގޮތުގައި ނުކުމެވަޑައިގެންނެވި ފުރަތަމަ އަހަރު ވެސް އަބްދުﷲ ޒުބައިރަށް ލިބުނު ބޮޑު ކާމިޔާބެކެވެ. އެކަން އޭނާ ސިފަކުރެއްވީ ވެސް އެގޮތަށެވެ.
" ވަރަށް ބޮޑު އުފަލެއް، އަދި ބޮޑު ކާމިޔާބީއެއް" ޒުބައިރު ވިދާޅުވިއެވެ.
ފާއިތުވި އަހަރު ދިގުރަށު ސްކޫލުން ސާނަވީގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އެއީ އެ ސްކޫލުގެ ތާރީޚުގައި ވެސް ލިބުނު އެންމެ ރަނގަޅު ނަތީޖާއެވެ.
ޒުބައިރު ވިދާޅުވި ގޮތުގައި ދިގު ރަށު ސްކޫލުގައި ހޭދަ ކުރެއްވި 18 މަސް ދުވަހުގެ ތެރޭގައި ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ދަރިވަރުންގެ ނަތީޖާއަށާއި ސްކޫލުގެ ކުރިއެރުމަށް ކުރެއްވި ކަމަށެވެ. އެ ބަދަލު ގެނައުމުގައި ޓީޗަރުންނާއި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑުކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

" ރަނގަޅު ޕްލޭނެއް އެކުލަވާލައިގެން އަޅުގަނޑުގެ މާލިމީ ކަމުގައި، ޓީޗަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެ ފެނުނީ."
އޭނާ ވިދާޅުވީ ދިގުރަށުގެ ރައްޔިތުންނަކީ ވެސް ދަރިވަރުންނަށް ކިޔަވައިދޭން ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމޫނާ ބެލެނިވެރިންތަކެއް ކަމަށެވެ. އަދި ފާއިތުވި އަހަރު އެ ސްކޫލްގެ ގުރޭޑް 10ގައި ކިޔެވި ދަރިވަރުންނަކީ ވެސް ކިޔަވާހިތުން ކިޔެވި ބަސްއަހާ އަޚްލާޤު ރަނގަޅު ދަރިވަރުން ތަކެއް ކަމަށެވެ.

" ނަތީޖާއެއް ނެރެވޭނީ ގިނަ މަސައްކަތެއް އެތައް ބަޔަކު ކޮށްގެން"
ޒުބައިރު ވިދާޅުވި ގޮތުގައި ކާމިޔާބު ހޯދަން އޭނާ މަސައްކަތް ކުރެއްވީ އެ ސްކޫލުގައި މަސައްކަތް ކުރައްވާ އެންމެ ދުވަސްވީ މީހުންގެ އެހީތެރިކަމާއި ޚިޔާލު ހޯއްދައިވައިގެން ކަމަށެވެ.

" އެންމެ ގިނަ ޚިޔާލާއި މަޝްވަރާ ދެއްވީ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޓީޗަރަކު. 31 އަހަރު އޭނާ ޚިދުމަތް ކުރެއްވި. އޭނާގެ ޚިޔާލާއި މަޝްވަރާ އަޅުގަނޑަށް ވީ ވަރަށް މުހިންމު އެއްޗަކަށް"
ފެހެންދޫއިން ފިއްލަދޫއަށް
ދިގުރަށުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޒުބައިރު ބަދަލުކުރެއްވީ ބ. ފެހެންދޫއަށެވެ. ސެޓްލައިޓް ސްކޫލްގެ ގޮތުގައި މިހާރު ކިޔަވަމުން ގެންދާ ފެހެންދޫ ސްކޫލުގައި މަސައްކަތް ކުރެއްވުނީ ފަސް ހަފްތާގައެވެ.
ޒުބައިރު ވަނީ ކިޔެވުމާއެކު ކުޅުމުގެ ތެރޭގައި ދަރިވަރުން ޝާމިލުވާނެ އެތައް ކަންތައްތަކެއް ފެހެންދޫ ސްކޫލުގައި ތަޢާރަފުކޮށްފައެވެ.
" އެ ވަގުތު ކޮޅުގެ ތެރޭގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލު ކުރެވުނީ، އެރަށު ރައްޔިތުން ހެޔޮ ހިތުން އެކަންތައްތައް ބަލައިގަންނާތީ. " ޒުބައިރު ވިދާޅުވިއެވެ.
ހދ. ފިއްލަދޫ ސްކޫލުގެ ޕްރިންސިޕަލްކަމާ ޒުބައިރު ހަވާލުވެ ވަޑައިގެންނެވިތާ އަދި ތިން މަހެއް ނުވެއެވެ. އެ ސްކޫލާ އެނާ ގުޅިވަޑައިގެންނެވީ މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.
ޒުބައިރު ވިދާޅުވި ގޮތުގައި އިމްތިޙާނު ކައިރިވެފައި ވާތީ މިއަހަރު އޯލެވެލް ހަދަމުންދާ ދަރިވަރުންނަށް މާބޮޑު ކަމެއް ކޮށްދެވޭ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް ރަށުން ބޭރުން ހަތަރު ޓީޗަރުން ގެނެސް ހަތަރު މާއްދާއަށް ޚާއްޞަކޮށްގެން ކޭމްޕެއް ބާއްވަ ދިނެވެ. އެއީ ސާނަވީ އިމްތިޙާނުގައި އިށީންނަން ތިބި ދަރިވަރުންނަށް ލިބުނު ރަނުގެ ފުރުޞަތެކެވެ.

" ސްޓަޑީކޭމްޕުން ދަރިވަރުންނަށް ކުރިން ނޭނގޭ އެތައް އެއްޗެއް އެނގިގެން ދިޔަ. އަހަރު ދުވަހުގެ ފިލާވަޅުތައް އެ ކޭމްޕުން އެނގުނު ކަމަށް ދަރިވަރުން ފާހަގަކުރޭ "
ޒުބައިރު ވިދާޅުވީ ފިއްލަދޫ ސްކޫލަށް ރަނގަޅު ބަދަލު ތަކެއް އަންނަން ބެލެނިވެރިންނާއި ކައުންސިލުން ބޭނުންވާ ކަމަށާއި އެކަމުގައި އެފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
ޒުބައިރަށް، ފިއްލަދޫގައި މަސައްކަތް ފައްޓަވަން ޖެހުނީ ސުމަކުންނެވެ. ހުރިހާ ކަމެއްގައި ވެސް ސްކޫލްގެ ހާލަތު ދަށެވެ. އެހެންވެ އިދާރީ ހިންގުމާއި ތިއްބެވި ޓީޗަރުންނާއެކު މަސައްކަތުގެ ރޫހެއް އޭނާ ގެންދަވަނީ އާލާ ކުރައްވަމުންނެވެ.
" ޓީޗަރުންނަށް އިތުރު ޓްރެއިންތަކެއް ދީގެން ނަމަވެސް ކިޔަވައި ދިނުމުގެ ފެންވަރު މަތިކުރުން އެންމެ ބޮޑު އަމާޒަކީ"

ޒުބައިރު ވިދާޅުވީ އޭނާގެ ހުރިހާ މަސައްކަތެއް މިހާރު ހުސްކުރައްވައިގެން ހުންނެވީ ފިއްލަދޫ ސްކޫލުގެ ތަރައްޤީއަށާއި ކިޔަވައި ދިނުމުގެ ފެންވަރު މަތިކޮށް ދަރިވަރުން ހޯދާ ނަތިޖާއަށެވެ.
" އަޅުގަނޑު ބެލެނިވެރިންގެ ކައިރީގައި ވެސް އަދި ދަރިވަރުންގެ ކައިރީގައި ވެސް ބުނެފައިވާނީ، އެއްވެސް މާއްދާއަކުން އެއްޗެއް އޮޅުން ނުފިލާ، ނުވަތަ އިތުރު އެހީއެއް ބޭނުން ވެއްޖެނަމަ އެކަން އަންގާލަދޭށޭ. އަޅުގަނޑާ ހަމައަށް، ނޫނީ ޓީޗަރުންނާ ހަމައަށް ގެނެސްދޭށޭ. ޓީޗަރުން ނެރެގެން ނަމަވެސް ދަރިވަރުންގެ ތައުލީމަށް ސްކޫލަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ"

ޒުބައިރު ވިދާޅުވީ 130 އެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލަށް އެނާ ގެންނަން ބޭނުންވާ ބަދަލުތައް މަޑުމަޑުން އަންނަން ފަށާފައިވާ ކަމަށާއި އެކަމަކު އެ ބަދަލު އަންނާނީ އެންމެ ހަލުވި މިނެއްގައެއް ނޫނެވެ. އެއީ ކުރަންޖެހޭ މަސައްކަތާއި އަޅާބަލާއިރު ގިނަ ކަންތައްތައް އަދި ފުރިހަމަ ނުވާތީއެވެ. އެކަމަކުވެސް މިހާރުގެ ހާލަތު ބަދަލު ކުރައްވައި ނަތިޖާ ދެއްކުމަކީ އެއީ ޒުބައިރުގެ ޢަޒުމެކެވެ. އުއްމީދެކެވެ. ރަށުގެ ރައްޔިތުންނާއި ބެލެނިވެރިން ތިބީ އެ ދުވަހެއްގެ އިންތިޒާރުގައެވެ. އޭނާއަށް އެހީތެރިވާން ތިބީ ބެލެނިވެރިންނާއި ރަށު ކައުންސިލެވެ. އެފަރާތްތަކުން ދެމުންދާ އެހީތެރިކަމަށް ފަށްފަށުން އޭނާ ޝުކުރުއަދާކުރައްވައެވެ.
advertisment
ހިޔާލު