ރަނގަބީލު ޖެހުމާއެކު، އެހެން ދުވަސްތަކާ ޚިލާފަށް ބެލެނިވެރިން ދާން ހިނގައިގަތީ ކުލާސްތަކާ ދިމާލަށެވެ. އޭރު އެކި އެކުދިންގެ ޝުޢޫރުތަކެއް، ބެލެނިވެރިންނާ ގުޅޭ ގޮތުން ދެމުން ގެންދެއެވެ. ސްކޫލްގެ ތެރޭގައި މިފަދަ އެތައް ވީޑިއޯ ޕްރެޒެންޓޭޝަންތައް ފެންނަން ހުއްޓެވެ.
ކުލާހަށް ބެލެނިވެރިން ވަތްއިރުވެސް އެހެން ދުވަސްތަކާ ތަފާތު ކަމުގެ މާބޮޑު ކަމެއް ފާހަގައެއް ނުކުރެވެއެވެ. ބެލެނިވެރިންގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ޝުޢޫރު ފާޅުވީ ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔާއަށް ދިއްކޮށްލި ލޯބީގެ މެސެޖުންނެވެ. ކޮންމެ ކުއްޖަކުވެސް މައިންބަފައިންދެކެ އެކުދިން ވާ ލޯބި ބަޔާންކޮށް ޚާއްޞަ މެސެޖެއް ކާޑެއްގައި ލިޔެ ބެލެނިވެރިޔާއަށް ދިނެވެ. މިއީ ހުރަވީ ސްކޫލުގެ ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތުގެ އެންމެ މުހިންމު އެއް ހަރަކާތެވެ.

ހުރަވީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު ޒުހުރުބާން ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ދުވަހާއި މުދައްރިސުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ބެލެނިވެރިންގެ ދުވަަސް ފާހަގަ ނުކޮށް ދޫކޮށް ނުލެވޭނެއެވެ. އެހެންވެ ބެލެނިވެރިންގެ އަގުވަޒަންކޮށް ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަށްވެސް މިފަދަ ދުވަހެއް ފާހަގަކުރުން މުހިންމެވެ.
" އަޅުގަނޑުމެންގެ ބެލެނިވެރިންނަކީ ނަމޫނާ ބައެއް. އެމީހުންގެ ޚިދުމަތް ފާހަގަ ކުރަންޖެހޭ. ސްކޫލްގެ ފެންވަރުގައާއި ކުދިންގެ ފެންވަރުގައިވެސް" ޒުހުރުބާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލްގެ ސްޓާފުން ގުޅިގެން ޚާއްޞަ ކުޅިވަރު ހަރަކާތްތަކެއް މި ރޭ ކުރިއަށް ގެންދާނެ ކަމަށެވެ. މިއީވެސް ބެލެނިވެރިންނާއި ސްކޫލާ އޮތް ގުޅުން ހަރުދަނާ ކުރުމަށް ގެންދާ މުހިންމު ހަރަކާތެއްކަމަށް އެ ސްކޫލުން ފާހަގަ ކުރައްވައެވެ.
ކުޅިވަރުގެ ހަރަކާތުގެ ތެރޭގައި ހިމެނީ ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޭމްތަކެކެވެ.

" މި ހަރަކާތްތަކުންވެސް ވަނަ ހޮވައި އިނާމްވެސް ދޭ ގޮތަށް އަޅުގަނޑުމެން ނިންމާފައި ވަނީ" ޒުހުރުބާން ވިދާޅުވިއެވެ.
ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި އެލްކޭޖީން ފެށިގެން ގްރޭޑް 10ށް 1060 ދަރިވަރުން މި އަހަރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު