އިންޓަރސްކޫލް 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ކަލާފާނާއި މަޖީދިއްޔާ ސްކޫލް ހިގެއްޖެއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗްގައި ކަލާފާނު ވަނީ ފަސޭހަ ކަމާއެކު އިސްކަންދަރު ކޮޅަށް ހަ ލަނޑުޖަހާފައެވެ. އިސްކަންދަރަށް މި މެޗްގައި ލަނޑެއް ނުޖެއެވެ.
މެޗްގެ ފުރަތަމަ ލަންޑުޖެހީ ހަތް ވަނަ މިނެޓްގައި ކަލާފާނުގެ ޖޯޒީ ނަމްބަރު ހަތެއް، ހުސައިން އިލްހާމް އިބްރާހިމެއެވެ. އޭގެ ނުވަ މިނެޓް ފަހުން ޖޯރީނަމްބަރު 11 އީހަން އިބްރާހިމް ލަނޑެއް ޖެހިއެވެ. އޭނާ ވަނީ މި މެޗްގައި އިތުރު ދެ ލަނޑުޖަހައި ހެޓްރިކެއް ހަދާފައެވެ. އިލްހާމްގެ ފަރާތުން ވެސް އިތުރު ލަނޑެއް މި މެޗްގައި ފެނިގެން ދިޔައެވެ. މެޗްގެ ފަސް ވަނަ ލަނޑު ޖެހީ ޖޯޒީންމަބަރު 9 މުޙައްމަދު ވިފާޤު ޖާދުއްﷲއެވެ.
ދެވަނަ މެޗްގައި ކުޅުނީ މަޖީދިއްޔާ ސްކޫލާއި މުޙްޔިއްދީން ސްކޫލެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ން އެވަރު ވުމުން ޕެނަލްޓީ ޖަހައިގެން މަޖީދިއްޔާ ސެމީއަށް ދިޔައީ 2-3 ގެ ތަފާތަކުންނެވެ. މި މެޗްގައި ލީޑް ފުރަތަމަ ނެގީ މަޖީދިއްޔާ ސްކޫލުންނެވެ. 15 ވަނަ މިނެޓްގައި މަޖީދިއްޔާއިން ލަނޑުޖެހީ ޖޯޒީ ނަމްބަރު 7 ޝާދިން އަބްދުއްރައްޒާގުއެވެ. އެއްވަރު ކުރި ލަނޑު މުޙްޔިއްދީނުން ޖެހީ 38 ވަނަ މިނެޓްގައި ޔޫސުފު ޒުހަލް ހުސައިން ޔާމިންއެވެ. މަޖީދިއްޔާއަށް ފެނަލްޓީ ކާމިޔާބު ކޮށްދިނީ ޝާދިންގެ އިތުރުން މުޙައްމަދު އާއިޒު އަޙްމަދު މުއުތަސިމްއާއި ކައިޒް މުޙައްމަދު ހުސައިންއެވެ. މުޙްޔިއްދީނަށް ޕެނަލްޓީ ކާމިޔާބު ކޮށްދީނީ ޒުހާލްގެ އިތުރުން މުޙައްމަދު ފިރުދައުސް އަބްދުލް މާޖިދުއެވެ.
ސެމީއަށް ދާނެ އަނެއް ދެ ޓީމު އެނގޭނީ މާދަމާ ކުޅޭ ކުއާޓާ ފައިނަލް މެޗްތަކަށް ފަހުއެވެ. މާދަމާ ހަވީރު، ފުރަތަމަ މެޗްގައި ކުޅޭނީ ގުރައިދޫ އާއި މާފުށީ ސްކޫލެވެ. ދެވަނަ މެޗްގައި ކުޅޭނީ އަހުމަދިއްޔާ ސްކޫލާއި ޖަމާލުއްދީނެވެ.
advertisment
ހިޔާލު