އޭލެވެލްގެ ބައޮލޮޖީ އިމްތިޙާން ހީކުރި ވަރަށްވުރެ އުނދަގުލެވެ. ޓެސްޓް ނިންމާފައި ހޯލުން ނުކުތީ ވެސް އުއްމީދު ކުރި ނަތީޖާ ނުލިބޭނެ ކަމަށް ނިންމައިގެންނެވެ. އެއީ އޭނައަށް ފަސޭހަ ދުވަހެއް ވެސް ނޫނެވެ. އެކަމަކު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙަޔާތުގައި ވެސް އެންމެ ފަޚުރުވެރިވި އެއް ދަރިވަރު، ޝަދާ މުޙައްމަދު ރަމީޒަށް އެ އިމްތިޙާނުން ލިބުނު ނަތީޖާވީ އޭނައަށް ވެސް، ކިޔެވި ސްކޫލަށް ވެސް ލިބުނު ބޮޑު " ސަޕްރައިޒް" އަކަށެވެ.
"ބައޮލޮޖީން ލިބުނީ ސަޕްރައިޒެއް. އޭ ސްޓަރއެއްގެ އިތުރުން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ލިބިދާނެ ކަމަށް އުއްމީދެއް ވެސް ނުކުރަން" ނަތީޖާއާމެދު ހިތްހަމަޖެހިފައި ހުރި ޝަދާ ދަރިވަރު ނޫހަށް ބުންޏެވެ.
ޝަދާއަކީ ފާއިތުވި އަހަރު، ރ. އަތޮޅު ތަޢުލީމީ މަރުޒުގެ މަތީ ސާނަވީން އެންމެ މޮޅު ދަރިވަރެވެ. މަތީ ސާނަވީން ގަދަ ދިހައެއްގެ ތިންވަނައަށް ދިޔައީ ފިޒިކްސްއާއި ކެމިސްޓްރީން އޭ އެއް ލިބި، ބައޮލޮޖީއާއި ދިވެއްސާއި އިސްލާމުން އޭ ސްޓަރއެއް ލިބިގެންނެވެ. ސާނަވީން ގަދަ ދިހައެއްގެ ދެވަނައަށް ދިޔައީ ޓްރެވަލް އެންޑް ޓޫރިޒަމުން އޭ އެއް ލިބުމުންނެވެ. ހަތް މާއްދާއިން ލިބުނީ އޭ ސްޓަރއެކެވެ.
ކުޑައިރުއްސުރެ ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއްދިން ޝަދާ ޓިއުޝަން ނެގީ ސާނަވީގައި ކިޔެވިއިރުއެވެ. މަތީ ސާނަވީގައި ކިޔެވިއިރު ޓިއުޝަން ނެގުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ނުދެކެއެވެ. ސްކޫލުންނާއި ގޭގައި އަމިއްލައަށް ކުރި މަސައްކަތުން ކުރިއަށް ދިއުމަށް ހުރަހެއް ނެތެވެ.

" ކުލާސް ކުދިންނާއެކު ކުލާސްތެރޭގައި ކިޔެވުމުން ލިބުނު ފައިދާ ވަރަށް ބޮޑު. ޑިޝްކަޝް ކުރަމުން އެއްކުއްޖަކު އަނެއް ކުއްޖަކަށް ބުނެދެމުން ދިޔައީމާ ފިލާވަޅު ދަސްކޮށް ކުރިއަށް ދާން ފަސޭހަ" ޝަދާ ބުންޏެވެ.
ކިޔެވުމުގައި ޝަދާ ގެންގުޅެނީ " ބެލެންސް" ފޯމިއުލާއެކެވެ. ކިޔަވާށޭ ކިޔަވާއި ފޮތުގެ ތެރެއަށް ހުސްނުވެއެވެ. ގޭތެރޭގައި މަންމަމެންނާއެކު ކައްކަމުން ފަހަމުން، ބައެއް ފަހަރު ހިނގާލަށް ބޭރަށް ނުކުތުމަކީ ވެސް އެއީ އޭނާ ގަވާއިދުން ކުރާ ކަމެކެވެ.
" ކިޔަވާށޭ ކިޔާފައި ފޮތް ހިފައިގެން އިންނަނީކީ ނޫން. ދެ އިރު އެކްސްޓްރާއަށް ދާތީ، ކިޔަވަނީ ހަވީރާއި ދަންވަރު ވަގުތު ތަކުގައި. އެކަން ވެސް އާންމުކޮށް ކުރާނީ ޓެސްޓް ކައިރިވީމާ" ޝަދާ ބުންޏެވެ.
ޝަދާ ބުނީ ސްކޫލުގައި ނަގާ ޓެސްޓްތަކުން ދަށް ނަތީޖާއެއް ލިބޭފަހަރު ސްޓްރެސްވާ ކަމަށެވެ. އެފަދަ ކޮންމެ ވަގުތެއްގައި ވެސް އޭނާގެ އެންމެ ގާތް އެކުވެރިއަކީ ފަހާފޮއްޓެވެ. ހުރިހާ ސްޓްރެސްއެއް ފިލުވާލަނީ ފަހާފޮށި ކައިރީގައި އިނދެގެންނެވެ.
" ސްޓްރެސްވީމާ ކުރަން އެންމެ ރަނގަޅު ކަމަކަށް ފެނުނީ އެކަން. ސްޓްރެސް ފިލުވާލަން އެންމެ ރަނގަޅީ ފެހުން"

ޝަދާ ފަހަން ދަސްކުރީ މަންމަ ކައިރިންނެވެ. އަގު ނަގައިގެން ފަހައި ނޫޅުނަސް ރައްޓެހިންނާއި ތިމާގެ މީހުންގެ ހެދުން އެއްޗެހި އޭނާ ފަހާދީ އުޅެއެވެ.
ހައި އެޗީވާސް ސްކޮލަރޝިޕްގެ ދަށުން ކިޔަވަން މެލޭޝިޔާއަށް ފުރަން ތައްޔާރު ވަމުންދާ ޝަދާ ބޭނުންވަނީ ރޭޑިއޯ ގްރަފީއާއި އިމޭޖް ސްކޭނިންގ ދާއިރާއިން ކުރިއަށް ދާށެވެ. ރަށުގައި ހުރެގެން އެ ވަޒީފާ އަދާކުރުމަކީ ޝަދާ ބޭނުންވާ ގޮތެވެ. ރަށުން ކިޔަވައިގެން ރަށަށް ޚިދުމަތް ކުރުމަކީ އެއީ އަބަދުވެސް އޭނާ ކުރާ އުއްމީދެކެވެ.

ޝަދާ ބުނީ ކިޔެވުމުގައި ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންނަމަ ދާންވީ ގޯލް ދުރާލާ ކަނޑައެޅުން މުހިންމު ކަމަށެވެ. އެއާއެކު އެ ގޯލަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެއެވެ.
ޝަދާގެ ދެކޭގޮތުގައި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ގިނަ ބައެއްގެ މަސައްކަތާއި ހިތްވަރު ވާނެއެވެ. އޭނާގެ ކާމިޔާބީގައި ތިބީ އާއިލާއާއި މަންމައާއި ބައްޕަގެ އިތުރުން ސްކޫލާއި ޓީޗަރުންނެވެ. އެމީހުން ކޮށްދިން މަސައްކަތަށް އޭނާގެ ހިތުގައި އޮތީ އިޚްލާސްތެރި ޝުކުރެކެވެ.
މަންމައާއި ބައްޕަ އޭނާއަށް ކުރި އިތުބާރާއި ދިން ޔަގީންކަމަކީ އެއީ މާދަމާ ޤައުމުން ބޭރުގައި މަތީ ތަޢުލީމަށް ކިޔަވަމުންދާއިރު ވެސް ބަދަލެއް ނާންނެ ކަމެކެވެ.
ޝަދާ އެންމެ އުފާވަނީ އޭނާ ހޯދި ކާމިޔާބީން މަންމައާއި ބައްޕަގެ އިތުރުން ސްކޫލާއި މުޅި ރަށަށް ފަޚުރުވީތީއެވެ.
advertisment
ހިޔާލު