މިންހާ: ދަރުމަވަންތަ ސްކޫލްގެ ފުރަތަމަ އަންހެން ކެޕްޓަން

ދަރުމަވަންތަ ސްކޫލްގެ ފުރަތަމަ އަންހެން ކެޕްޓަނަކީ ގްރޭޑް 10ގައި ކިޔަވަމުން ގެންދާ މަރިޔަމް މިންހާ މުފީދުއެވެ. ދަރުމަވަންތަ ސްކޫލް އުފެދިގެން އައީ ހަމައެކަނި ފިރިހެން ކުދިން ކިޔަވަންދާ ސްކޫލެއްގެ ގޮތުގައެވެ. މީގެ ދިހަ އަހަރު ކުރިން އެ ސްކޫލްގައި ދެ ޖިންސަށް ކިޔަވައިދޭން ފަށައި، މި އަހަރަކީ ދެ ޖިންސް އެކީގައި ސާނަވީ އިމްތިޙާނުގައި އިށީންނާނެ އަހަރެވެ. މިހެންވެ މިންހާ ވަނީ ދަރުމަވަންތަ ސްކޫލްގެ ފުރަތަމަ އަންހެން ކެޕްޓަނަށްވެ، ތާރީޚުގެ ތެރެއަށް ވަދެފައެވެ.

އެ މަގާމް މިންހާ ހޯދީ އެ ސްކޫލްގެ ތިން ދަރިވަރަކާ ވާދަކޮށް، ގިނަ ދަރިވަރުންގެ ވޯޓާއެކީގައެވެ. 401 ވޯޓްގެ ތެރެއިން 342 ވޯޓް މިންހާއަށް ލިބުނެވެ. އެއީ ކެޕްޓަނަކަށް ވުމަށް ހޯދަންޖެހޭ މާކްސްގެ 50 އިންސައްތައެވެ. ބާކީ 50 އިންސައްތަ ބަހާލާފައި ވަނީ ކިޔެވުމާއި އިތުރު ހަރަކާތަށެވެ. މި ބައިން 48 އިންސައްތަ މިންހާއަށް ލިބުނެވެ.
" ވަރަށް ބޮޑު އިތުބާރެއް އަޅުގަނޑަށް ކުރާތީ، މިހާ މަތިން ދަރިވަރުންގެ ތާއީދު މި ލިބުނީ. އެއީ އެކުދިންނާއެކު އޮތް ރަނގަޅު ގުޅުމެއްގެ އަސްލު" ދަރިވަރު ނޫހަށް ދިން ބަސްދީގަތުމެއްގައި މިންހާ ބުންޏެވެ.

މިންހާ ބުނީ ސްކޫލްގެ ކެޕްޓަނަކަށް ވުމުގެ ހުވަފެން މާކުރިއްސުރެ ދެކެމުން ދިޔަ ކަމަށާއި، އެ ހުވަފެނުގައި ކުލަޖެހިގެން އައިތަން ފެނުމަކީ އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. " ގްރޭޑް އެކެއްގައި އުޅެމުން ކުރަމުން އައި އުއްމީދެއް، ދެކުނު ހުވަފެނެއް މިއީ. ދަރުމަވަންތަ ސްކޫލްގެ ފުރަތަމަ އަންހެން ކެޕްޓަނަށްވުން" މިންހާ ބުންޏެވެ.
މިންހާގެ އަޒުމަކީ ސްކޫލްގެ ކެޕްޓަން ކަމުގެ ޒިއްމާއަކީ ކުޑަ ޒިއްމާއެއްގެ ގޮތުގައި ނުދެކި މިހާރަށްވުރެ ބޮޑަށް ދަރިވަރުންނަށް ހުރިހާ ގޮތަކުން ނަމޫނާ ދަރިވަރަކަށް ވުމެވެ. ސްކޫލަށް ރީތިނަން ހޯދައިދިނުމެވެ.
" އެންމެ މުހިންމު އެއް މަސައްކަތް އެއީ. ސްކޫލަށް ރީތި ނަން ހޯދައިދިނުން. ޚާއްޞަކޮށް ސާނަވި އިމްތިހާނުން" މިންހާ އޭނާގެ އަޒުމް އާކުރިއެވެ.

މިންހާ ކިޔަވަނީ ބިޒްނަސް ސްޓްރީމެވެ. އެންމެ ކިޔަވާ ހިތްވަނީ ބިޒްނަސްއާއި އެކައުންޓެވެ. އެކަމަކު މެރިން ސައިންސަށް އޭނާ ދޭ ސަމާލުކަން ވަކި ކުޑައެއް ނޫނެވެ. އެ މާއްދާވެސް ކިޔަވަނީ ކިޔަވާ ހިތުންނެވެ.
ކިޔެވުމުގެ އިތުރުން މިންހާ އަކީ ނެޓްބޯޅައާއި ހޭންޑް ބޯޅައިގެ މުހިންމު ތަރިއެކެވެ. ނެޓްބޯޅައިގައި ސްކޫލްގެ ޓީމުގައި މުހިންމު ކުޅުންތެރިއެކެވެ. ހޭންޑްބޯޅައިގައި އޭނާ އަކީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

އަދަބީ މުބާރާތްތަކުގައިވެސް މިންހާ ފާހާގަ ކޮށްލެވެއެވެ. ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުން ހަތަރުވަނަ ލިބުނެވެ. އަދި ދަރުމަވަންތަ ސްކޫލްގެ އެންމެ މޮޅު ވާހަކަ ދެއްކުންތެރިޔާގެ މަގާމް ދެ އަހަރު ހޯދާފައި ވެއެވެ. ނިމިގެން ދިޔަ އަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ތަށި މިލްކުކުރި ޓީމުގެ މުހިންމު އެއްމެމްބަރަކީ މިންހާއެވެ.
މިންހާ ބުނީ ސްކޫލަށް ކިޔަވަމުންދަމުން ކޮންމެ ދުވަހަކު ޕްރެކްޓިސްއަށް ދަމުން ކިޔެވުމުގައި ރަނގަޅު ކާމިޔާބީއެއް ހޯދެނީ ވަކި ތާވަލެއްގެ ދަށުން ތަރުތީނުން ކަންތައްތަ ރާވާލައިގެންނެވެ. އެ ގޮތަށް ކަންތައްތަ ކުރުމުން އެއްވެސް ކަމަކަށް ބުރުލެއް ނާރައި ހުރިހާ ކަމެއް ބަރާބަރަށް ކުރިއަށް ގެންދެވެއެވެ.
" އަޅުގަނޑަށް ކިޔަވަން ފަސޭހައީ ރޭގަނޑުގެ ވަގުތުގައި. ސްކޫލްނިންމާފައި ހަވީރު ޕްރެޓިސްގައި އުޅެފައި ރޭގަނޑު ކިޔަވަނީ. އޭގެ ތެރެއިން ޓިއުޝަނަށްވެސް ވަގުތު ހުސްކުރަން" މިންހާ ކިޔައިދިނެވެ.

މިންހާ ބުނީ އޭނާގެ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި ތިއްބެވީ މުދައްރިސުންނާއި ބެލެނިވެރިންނެވެ. ސްކޫލަށް ބޭނުންވާ ކަންތައްތަކާއި ކުޅިވަރުގައި އުޅުމާއި، ބޭނުންވާ ކޮންމެ އެއްޗެއް ހޯދައި ދިނުމާއި، މައިންބައިފައިންގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *