ހިރިޔާ ސްކޫލަށް ދިހަ އަހަރު ފުރިގެން ދިޔައިރު، އެ ސްކޫލްގެ ފުރަތަމަ ފިރިހެން ކެޕްޓަނަކަށް ވުމުގެ ޝަރަފު ލިބުނީ ގުރޭޑް 10ގެ ދަރިވަރު މުޙަންމަދު އިނާން އިސްމާއީލަށެވެ. އޭނާ އަކީ ނިމިގެން ދިޔަ އަހަރު އެ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނެވެ.
އިނާން ބުނީ ޑެޕިއުޓީ ކެޕްޓަންގެ ޒިއްމާއާއެކު ކެޕްޓަންގެ ޒިއްމާ އުފުލަން ދިޔައީ ތައްޔާރުވަމުން ކަމަށެވެ. އޭނާއަށް އިތުބާރުކޮށް ހިރިޔާ ސްކޫލްގެ ދަރިވަރުން ދިން ޔަގީންކަމަކީ އެ ޒިއްމާ އޭނާ އަދާކުރާނެ ކަމުގެ ހެއްކެއް ކަމަށެވެ.
" ކެޕްޓަންކަމަށް ކުރިމަތިލިއިރުވެސް އުއްމީދު އޮތް ހޮވޭނެކަމަށް. އެއީ ވާދަ ކުރި ކުދިންނާ ބަލާއިރު، ކިޔެވުމާއި އިތުރު ހަރާކާތްތަކުގައިވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި އޮތީމާ" އިނާން ބުންޏެވެ.
" ކެޕްޓަންގެ ޒިއްމާ އެނގި ހުރެ ހަވާލު މިވީ. މިދިޔަ އަހަރު ލިބުނު ޚިޔާލުތަކަށް ބަލައި، މި އަހަރު މާ ބޮޑަށްވެސް މަސައްކަތް ކުރެވޭނެ. އެތަން ފެންނަންވެސް ފެންނާނެ" އިނާން ޔަގީންކޮށްދިނެވެ.
އިނާންއަކީ ކިޔެވުމުގައިވެސް ހިރިޔާގެ ސްކޫލްގެ ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ. ގިނަ ކުޅިވަރުތަކެއްގައި ހަރަކާތްތެރިވެ، ކެރަމްއިން ސްކޫލަށް ވަނަތަކެއް ހޯދާދީފައިވާ ދަރިވަރެކެވެ. ނިމިގެން ދިޔަ އަހަރު ކަލާސް އެވޯޑް ކެރަމްއިން އޭނާއަށް ލިބުނެވެ.
ކެޕްޓަނަށް ވުމާއެކު، އިތުރު އަޒުމެއްވެސް އިނާން ވަނީ ކަނޑައަޅާފައެވެ. އެއީ ކެޕްޓަން ސޭޝްއާއެކު ސާނަވީ އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ހިރިޔާގެ ފުރަތަމަ ކެޕްޓަނަށް ވުމެވެ.
" ލީޑިންގ ޓީޗަރު، އައިޝަތު ވަހީދާ ( އައިސްތަ މިސް، ވިދާޅުވީ ހިރިޔާގެ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނެއޭ، އެކަމަކު އަދި މިވީތަނަކަށް ކެޕްޓަނެއް ގަދަ ދިހައެއްގައި ހިމެނިފައި ނުވެއޭ. އުއްމީދު ކުރަމޭ އެކަން ވާނެކަމަށް" އިނާން ބުންޏެވެ.
އައިސްތަ މިސްގެ މި އެދުމާއެކު އިނާން ވަނީ އެއީ އޭނާގެ އަޒުމެއްގެ ގޮތުގައި ކަނޑައަޅާ އަކަމަށް ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ފަށާފައެވެ. " އެއީ ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެއް." އިނާންގެ އަޒުމް އާކުރިއެވެ.
ހިރިޔާ ސްކޫލަކީ އަންހެން ކުދިންނަށް ޚާއްޞަކޮށްގެން 2009 ވަނަ އަހަރު ހުޅުވި ސްކޫލެކެވެ. ދެ ޖިންސަށް ޚާއްޞަކޮށްގެން ކިޔަވައިދޭން ފެށީ 2011 ވަނަ އަަހަރުއެވެ. މިހާރު އެ ސްކޫލްގައި 1500ށްވުރެ ގިނަ ކުދިން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު