ވ. އޭއީސީގެ ސްކިލް ޕްރޮގްރާމުން ދަރިވަރުންނަށް ހޯދައި ދިނީ ޢަމަލީ ގޮތުން މަސައްކަތް ކުރާނެ ފުރުޞަތު

ހަލާކުވާ ޓީވީއާއި ކޮމްޕިއުޓަރުތައް ހެދުމާއި ސްކޫލްގެ އޮފީހުގެ ކަރަންޓް ވައިރު ކުރުމާއި، ހަލާކުވާ ޑެސްކްތައް މަރާމާތުކޮށް ބަލަހައްޓަނީ ވެސް ދަރިވަރުން

ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް ހައެއްގައި ކިޔަވަމުންދިޔަ ޝިޔާން މުޙައްމަދު ހަލީމް މަސްކަތް ކުރަމުން ދިޔައީ ހަލާކުވެފައިވާ ޓީވީތަކެއް ހެދުމުގެ މަސައްކަތެވެ. ތިން ޓީވީގެ ތެރެއިން އެއް ޓީވީ ހެދުމުގައި އޭނާއާއެކު އޭނާގެ ބޭބެ ޝިޒާން މުހައްމަދު ހަލީމް ވެސް ބައިވެރިވިއެވެ. ސްކޫލުން ފަހިކޮށް ދިން އެ ފުރުޞަތުގެ ބޭނުން ހިފީ ކުރާ ހިތުންނެވެ. އެކަމަށް އޭނާ އޮތް ޝަޢުޤެއްގެ ބޮޑުކަމުންނެވެ.

ބެޓެރި ބުރުމާއަކުން ޓީވީގެ ވަށައިގެން ޖަހާފައި ހުރި އިސްކުރުތައް ނައްޓާލައި ޓީވީ ރޫޅާލައި ދިމާވެފައި ހުރި މައްސަލަ އޭނާގެ ޓީމުން ހައްލުކުރިއެވެ. އެ މަސައްކަތް އޭނާ ދަސްކުރީ ގޭތެރެއިންނާއި ސްކޫލުން ފަހިކޮށް ދިން ފުރުޞަތުގައި އަމިއްލަ މަސައްކަތުންނެވެ. އެކަމާ އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. އެފަދަ ފުރުޞަތެއް ލިބުނީތީއެވެ.

މިއީ އެންމެ ދަރިވަރެއްގެ ވާހަކައެވެ. މިފަދަ އެތައް ދަރިވަރުންނަށް ވ. އަތޮޅު ތަޢުލީމީ މަރުކަޒުން އަންނަނީ ސްކިލްސް ކުލާސްތަކުން ހުނަރު ދަސްކޮށްދީ، އަދި ހުރި ހުނަރެއް އަމިއްލައަށް ބޭނުން ކުރާނެ ފުރުޞަތު ތަނަވަސްކޮށް ދެމުންނެވެ.

ސްކިލް ޕްރޮގްރާމުގެ ގޮތުގައި އެ ސްކޫލުގައި ހަތަރު ކުލާހެއް ހިންގައެވެ. އެއީ ފެހުމާއި ޕޭސްޓްރީއާއި ގުރަފިކް އެންޑް ޑިޒައިންއާއި އިލެކްޓްރިކް ވައިރިންއެވެ. އެ ކުލާސްތައް ކުރިއަށް ގެންދަނީ ހަފްތާއަކު އެއް ދުވަހުއެވެ. މީގެ އިތުރުން ސްކޫލުން މިވަގުތުދަނީ ސްކޫލުގައި ކާޕެންޓްރީ އެއް ބިނާ ކުރުމަށްޓަކައި އެކިއެކި ފަރާތްތަކުގެ އެހީތެރިކަމާއި އެކު ފަންޑު ހޯދަމުންނެވެ.

ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަޙްމަދު މުޖްތަބާ ވިދާޅުވި ގޮތުގައި ސްކިލް ކުލާސްތައް އެ ސްކޫލްގައި ފެށީ މާގިނަ ވަޞީލަތެއް ހުރެގެން ނޫނެވެ. ބޭނުންވީ ދަރިވަރުންނަށް ފުރުޞަތުތަކެއް ތަނަވަސްކޮށް ދޭށެވެ. އޭގެ ފައިދާ އެ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ފެންނަމުންދާ ކަމަށް ހިތްހަމަޖެހުމާއެކު ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

" ވަޞީލަތްތައް ހަމަކޮށްގެން ފެށުމުގެ ބަދަލުގައި އަޅުގަނޑުމެން ފެށީ. ފަހާފޮށި ވެސް ގެންނަނީ ޓީޗަރުން ގެއިން. ޕޭސްޓްރީ ކުލާހަށް ބޭނުންވަ އަވަނާއި އެހެނިހެން ތަކެތި ހަދިޔާ ކޮށްދެއްވީ ބެލެނިވެރިން. ހަފްތާއަކު އެއްފަހަރު އޮންނަ ކުލާހުގައި ބޭނުން ކުރަން ފަހާފޮށި ވެސް ގެނެސްފައި ނިމުނީމާ ގެންދަނީ" މުޖްތަބާ ވިދާޅުވިއެވެ.

ކަރަންޓް ވައިރިންގ ބޭސިކް ދަސްކޮށްދޭ ކުލާހުގެ މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯގެ ފެލިދޫ ބުރާންޗްގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ. އެއީ ސްޓެލްކޯގެ ފެލިދޫ ބުރާންޗްގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ ކުލާހެކެވެ.

މުޖްތަބާ ވިދާޅުވީ އެ ކުލާހުގައި ކިޔަވާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ކުރާ މަސައްކަތަކީ އެ ސްކޫލްގެ އޮފީސް އިމާރާތުގައި ވައިރު އެޅުމެވެ. ވައިރު އެޅުމުގެ މަސައްކަތް ކުރަނީ ދަރިވަރުންނެވެ. އެކަމުގައި ވައިރިން ކުލާހުގެ 9 ދަރިވަރުން ބައިވެރިވެއެވެ. އެކަން ކުރަމުންދާ ގޮތް ކައިރިން ބަލަނީ ސްޓެލްކޯގެ ފެލިދޫ ބުރާންޗްގެ މުވައްޒަފުންނެވެ.

" އޮފީސް ވައިރު ކުރަން ބަޔަކާ ހަވާލު ކުރުމުގެ ބަދަލުގައި ބޭނުންވީ ދަރިވަރުން ދަސްކުރި އެއްޗެއްގެ ބޭނުން ޢަމަލީ ގޮތުން ކުރެވޭނެ ފުރުޞަތު ދޭން. އެކުދިން އެކަން ކުރަނީ ކުރާ ހިތުން. އޭގެ ސަބަބުން އެތައް ކަމެއް އަމަލީ ގޮތުން ކުދިންނަށް ދަސްވޭ" މުޖްތަބާ ވިދާޅުވިއެވެ.

ގްރެފިކް ޑިޒައިނިންގ ކުލާހުގައި ބައިވެރިވާ ދަރިވަރުން ދަނީ އެ ސްކޫލުގައި ކުރަންޖެހޭ އެފަދަ މަސައްކަތް ތަކުގައި ސްކޫލަށް އެހީތެރިވަމުންނެވެ. ސޯޝަލް މީޑިއާއަށްލާ ފޮޓޯތަކާއި ޕޯސްޓްތައް ޑިޒައިން ކުރަނީ އެ ދަރިވަރުންނެވެ. ވިޑިއޯ ނެގުމާއި އެޑިޓް ކުރުން ފަދަ މަސައްކަތްވެސް ކުރަނީ ދަރިވަރުންނެވެ.

" އަޅުގަނޑުމެންގެ ދަރިވަރުން ވީޑިއޯ ނަގައި އެޑިޓްކޮށް އެ ހުރިހާ މަސައްކަތެއް ކުރާނެ. އެކަމުގައި މިހާރު އެކުދިން މާ މޮޅު" ދަރިވަރުންގެ ފަރާތުން އެކަންކަމަށް ދޭ ސަމާލުކަމާއި ހުނަރަށް މުޖްތަބާ ތަޢުރީފު ކުރިއެވެ.

ކުދިން ބޭނުންކުރާ ޑެސްކްފަދަ ތަކެތި ހަލާކުވުމުން މަރާމާތު ކުރުމާއި ދަވާދުލައި ބަލަހައްޓަނީ ވެސް ދަރިވަރުންނެވެ.

މުޖްތަބާ ވިދާޅުވީ އެ ހުރިހާ ފުރުޞަތެއްގެ ތެރެއިން ގުރޭޑް 10 ނިންމާފައި ދަރިވަރުން ދާއިރުގައި ރަނގަޅު ނަތިޖާއާއެކު ހުނާރާއި ރަނގަޅު ސިފަ އަށަގެންފައި ހުރި ގާބިލް މުރާލި ދަރިވަރަކު ބިނާކުރުމަކީ އެ ސްކޫލުގެ އަމާޒެވެ. އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދަރިވަރުންނަށް ފަހިކޮށްދިން ފުރުޞަތު ތަކުގެ ބޭނުން ދަރިވަރުން ހިފައި، މަސައްކަތުގެ ތެރެއަށް އެ ދަރިވަރުން ވަންނަމުން ދިއުމެވެ.

ވ. އަތޮޅު ތަޢުލީމީ މަރުކަޒުން ފެށި ސްކިލް ޕްރޮގްރާމުގެ މޭސްތިރިނަކީ އެ ސްކޫލުގެ ހީވާގި މުދައްރިސުންނެވެ. މުދައްރިސުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ މިފަންނުތަކުން ސަނަދު ހާސިލްކޮށްފައިވާ ބޭފުޅުންނެވެ. އަދި ބައެއް ކުލާސްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އަނެއްބައި ކުޅާސްތައް ކުރިއަށް ގެންދަނީ ހުރި ވަޞީލަތްތަކުގެ ބޭނުން ހިފައިގެން ރަށުގައި ތިބި ފަންނީ ބޭފުޅުންގެ ބޭނުން ވެސް ހިފައިގެންނެވެ.

އެ ސްކޫލުން ފަހިކޮށް ދިން އެ ފުރުޞަތު ތަކުން ކުރިމަގުގައި ޝިޔާން ފަދަ އެތައް ކުދިންނެއް ފެންނާނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *