ތަޢުލީމް ފޯރުކޮށް ދިނުމުގައި ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައި ވަނީ ނަމޫނާއެއް: ނާއިބް ރައީސް

ތަޢުލީމް ފޯރުކޮށް ދިނުމުގައި ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައި ވަނީ ނަމޫނާއެއް ކަމަށާއި އެކަމާ މުޅި ޤަޢުމު ފަޚުރިވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެންވިދާޅުވީ ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރުސީ ތަޢުލީމު ދިނުމަށްޓަކާ އެންމެ ފުރަތަމަ އެ މަސައްކަތްކުރެވުނު ސްކޫލަކީ ޖާމާލުއްދީން ސްކޫލުކަމާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ އެ ސްކޫލުން ނަމޫނާ ދައްކުވައިދީފައިވާކަން ފާހަގަކުރައްވާފައެވެ. ޚާއްޞަގޮތެއްގައި 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އަގުވަޒަންކޮށް އޭރުގެ ރައިސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ ފެހިފަތް އެސްކޫލުން ޙާޞިލުކޮށްފައިވާކަމީ އެ ސްކޫލުގައި މީގެ 35 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް މަސައްކަތްކުރި ފަރާތްތަކުގެ މައްޗަށް ފަޚުރުވެރިވާން ޖެހޭކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސްކޫލުދައުރުގެ ހަނދާންތައް އައު ކުރައްވަމުން މިހާރުގެ ސްކޫލުދަރިވަރުންނަށް ވަނީ ނަޞޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން ކުދިކުދި ކަންކަންވެސް ރަނގަޅަށް ކުރަން އާދަކުރުމާއި އެކުގައި މަސައްކަތްކުރުމާއި މުދައްރިސުންނާއި މައިންބަފައިންނާ ބޮޑެތި މީހުންނަށް އިޚްތިރާމު އަދާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ހަމަ އެހެންމެ ސްކޫލުގެ އަހަރީދުވަސްފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ އެއްކަމަކީ ޓީޗަރުންނާއި އުގަންނައިދޭ ފަރާތްތަކަށް އިޙްތިރާމު އަދާކުރުމާއެކު އެފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއި ޓީޗަރުންދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" ޓީޗަރެއްގެ ފަރާތުން ދަރިވަރު ވެގެން ޑޮކްޓަރަކަށް ވެސް ވަނީ. ޕައިލެޓަކަށް ވެސް ވަނީ. އިންޖިނިއަރަކަށް ވެސް ވަނީ. އެހެން މަސައްކަތްތަކުގެ ތެރެއަށް ވަންނަނީ ވެސް" ފައިސަލް ވިދާޅުވިއެވެ. "މިއަދު އާކުރަން ޖެހޭ އަޒުމަކީ ޓީޗަރުން އެ ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރުން. އެ މީހުންނަށް ދޭންޖެހޭ ގަދަރާއި އިޙުތިރާމް ދިނުން"

ފައިސަލް ވިދާޅުވީ ދަރިވަރުންނަށް ތައުލީމް ފޯރުކޮށް ދިނުމަށް ކުރަމުންދާ ޚަރަދަކީ ބޭކާރު ޚަރަދެއްކަން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ ދަރިވަރުންނަށް ކުރާ ހޭދައަކީ ތައުލީމަށް ކުރާ އިންވެސްޓްމަންޓެއް ކަމަށެވެ. " އެއީ އިންވެސްޓްމަންޓެއް. ދަރިވަރުންނަށް ޚަރަދު ކުރާ ލޯ ލާރިއަކީ ވޭސްޓް ވެގެންދާނެ އެއްޗެއްނޫން." ފައިސަލް ވިދާޅުވިއެވެ. ފައިސަލް މިހެން ވިދާޅުވީ ހެނދުނުގެ ނާސްތާ އަކީ ވޭސްޓެއްކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.

ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މި ޖަލްސާގައި ޖަމާލުއްދީން ސްކޫލުގެ އިސްމަޤާމުތަކަށް ހޮވިފައިވާ ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ސްކޫލުގެ އަހަރީ ދުވަހުގެ ކޭކު ފެޅުމުގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *