މަތީ ތައުލީމަށް 550 ލޯން ދޫކުރަނީ

މަތީ ތައުލީމަށް 550 ލޯން ދޫކުރަން ނިންމައި، ލޯނަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. މި ލޯނުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ލޯނުގެ ފުރުޞަތު ހުޅުވާލެއްވިކަން އިއުލާން ކުރެއްވީ ނޫސްވެރިންނަށް މިއަދު ބޭއްވި ބައްދަލުވުމުގައި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަނެވެ.
މި ލޯން ސްކީމްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ.

މިއަދު ހުޅުވާލި ލޯނުގެ ފުރުޞަތުގައި ޖާގަ ދޭން ނިންމާފައި ވަނީ، ޑިޕޮލަމާއަށް ކިޔަވަން 45 ޖާގައާއި، ލައިސަންސް ކޯސްތަކަށް 30 ޖާގައާއި، ޑިގްރީއަށް 252 ޖާގައާއި މާސްޓަރސް ޑިގްރީއަށް 126 ޖާގައާއި ޕީއެޗްޑީއަށް 10 ޖާގައެވެ.
މިނިސްޓަރު ވިދާޅުވީ ލޯން ދޫކުރުމުގައި މާލީ ތަނަވަސް ކަމެއް ނެތް ދަރިވަރުންނަށް އިސްކަންދޭނެ ކަމަށެވެ. އަދި އިދާރީ ދާއިރާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ފުރުޞަތެއް ވަނީ ކަނޑައަޅާފައެވެ. 87 ދާއިރާގެ ތެރެއިން ލިބޭ ފުރުޞަތުގައި ކިޔަވާނެ ލެވެލްއެއް ކަނޑައަޅާނީ އެ ފުރުޞަތު ލިބޭ ދަރިވަރެކެވެ.
މިނިސްޓަރު ވިދާޅުވީ ލޯނަށް އެދި ފޯމް ހުށަހަޅާއިރު، ކުރިއަށްވުރެ ލުއިފަސޭހަވާނެ ކަމަށާއި، އަސްލާއެއްގޮތް ކަމުގެ ތައްގަނޑު މިފަހަރު ލިޔުންތަކުގައި ޖަހަން ނުޖެހޭނެކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *