ސާނަވީގެ ގަދަ ދިހައެއްގައި ނ. އަތޮޅުން ވެސް އެންމެ ގިނަ ދަރިވަރުން ހިމެނުނީ ހިދާޔާ ސްކޫލުން
ކުދިކުދި އާބާދީ ހިމެނޭ ސްކޫލުތަކުން ސާނަވީ އިމްތިޙާނުގައި ހޯދަމުންދާ ނަތީޖާގެ ވާހަކަ ދައްކާއިރު އެ ވާހަކަ ތަކުގެ ކުރިއަށް އަންނަން ޖެހެނީ ނ. މިލަދޫގައި ހުންނަ ހިދާޔާ ސްކޫލުގެ ވާހަކައެވެ. ފާއިތުވި އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގައި އެ ސްކޫލުން ހޯދީ މުޅި އަތޮޅަށް ބަލާއިރު ވެސް އެންމެ ފަޚުރުވެރި ކާމިޔާބީއެވެ. ނ. އަތޮޅުގައި ހިމެނޭ ތޭރަ ރަށުގެ ތެރެއިން ސާނަވީގެ ގަދަ ދިހައެއްގައި އެންމެ ގިނަ ދަރިވަރުން ހިމެނުނީ ވެސް އެ ސްކޫލުންނެވެ. އާބާދީގެ ގޮތުންނާއި ވަޞީލަތުގެ ގޮތުން ވެސް މާ ކުރީގައި އުޅުނު ސްކޫލްތައް ފަހާލާފައި ހިދާޔާ ސްކޫލުން ކުރި ހޯދީއެވެ.

ސާނަވީ އިމްތިޙާނުގައި ހިދާޔާ ސްކޫލުން ބައިވެރިވި 20 ކުދިންގެ ތެރެއިން 5 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. 78 އިންސައްތަ ދަރިވަރުން ހަ މާއްދާއިން ފާސްވިއެވެ. ފާއިތުވި އަހަރުގެ ސާނަވީ އިމްތިޙާނުން ޤައިމީ ގަދަ ދިހައެއްގެ ތިން ވަނަ އެއްދަރިވަރަކު ހޯދިއިރު، ހަތަރުވަނަ ދެ ދަރިވަރުން ހޯދިއެވެ. އަދި އަށްވަނަގައި އެއް ދަރިވަރަކު، ދިހަ ވަނައިގައި އެއް ދަރިވަރަކު ހިމެނުނެވެ.
2020-2021 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ އެ ސްކޫލުގެ ދެ ދަރިވަރުންނެވެ.
ފާއިތުވި އަހަރު ސާނަވީން ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން:
1- ފާތިމަތު އިމްނާ ( ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ)
2- އައިޝަތު މަމްޝާ މުޙައްމަދު ( ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ)
3- އާމިނަތު ދީޝާ ( ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ)
4- މައިހާ އިސްމާއިލް ( ޤައުމީ ގަދަ ދިހައެއްގެ އަށް ވަނަ)
5- އާމިނަތު އައިފާ އަބްދުﷲ ( ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ)
ހިދާޔާ ސްކޫލްގެ ޕްރިންސިޕަލް ޗަންދުރަ ކުމާރު ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، އެ ސްކޫލުގެ ކާމިޔާބަކީ ޓީމެއްގެ ގޮތުގައި ޓީޗަރުންނާއި ސްކޫލާއި ބެލެނިވެރިން އަދި ކުދިން ވެސް ހިމެނިގެން ކުރި މަސައްކަތެވެ.
" ލިބުނު ކާމިޔާބަކީ ހިދާޔާ ސްކޫލްގެ ޓީމުގެ ހިތްވަރު" ޕްރިންސިޕަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގެ ކިޔަވައި ދިނުމުގެ ފެންވަރަށް ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށެވެ. ނަތީޖާއަކީ 2020-2021 ވަނަ އަހަރު ވެސް އެ ސްކޫލުގެ ދެ ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނުމެވެ.
ޗަންދުރަ ކުމާރު ވިދާޅުވީ އެ ސްކޫލުން ހޯދާ ކާމިޔާބީގެ ސިއްރަކީ " މައިކްރޯ ޓީޗިންގ" އެވެ. އާބާދީ މަދު ސްކޫލްތަކުން ގެންގުޅެން އެންމެ ރަނގަޅު ފޯމިއުލާ އަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
" ގުރޫޕްތަކަށް ބަހާލައިގެން ވަކިވަކި ކުދިންނަށް ފޯކަސްކޮށްގެން މަސައްކަތް ކޮށްދިނީމާ ކުދިންނާ އަޅާލެވި ފެނަވަރުވެސް މަތިވޭ" ޗަންދުރަ ވިދާޅުވިއެވެ.
" ދަރިވަރުން ކުރާ މަސައްކަތް ޓީޗަރުން ވަރަށް ކައިރިން ބަލަމުން ގެންދާނެ. ޕާސްޕަސެންޓޭޖް މަތި ކުރުމަށް ދަށް ކުދިންނަށް ފޯކަސްކޮށްގެން އިތުރުއެހީ ފޯރުކޮށްދޭނެ. ގޭގައި ދަރިވަރުން ކުރަންޖެހޭ މަސައްކަތް އިތުރުވާނެ"
250 އެއްހާ ދަރިވަރުން ކިޔަވަމުންދާ ހިދާޔާ ސްކޫލުން ސާނަވީ ނިންމި ދަރިވަރުންގެ 78 އިންސައްތަ ކުދިން ހަ މާއްދާއިން ފާސްވިއެވެ. ވިހި ކުދިންގެ ތެރެއިން ހަތް ކުއްޖަކު ހުރިހާ މާއްދާއަކުން ފާސްވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ، އެ ސްކޫލުގައި ކިޔަވައިދޭ ޓީޗަރުން ޓިއުޝަން ނަގައިދޭން ގޭގެއަށް ނުދާނެ ކަމަށެވެ. އޭގެ ބަދަލުގައި ދަރިވަރުންނަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދޭނީ ސްކޫލުގެ ތެރެއިންނެވެ. ވަކިވަކި ދަރިވަރުންނަށް ކިޔަވައިދޭން ބެލެނިވެރިން ބޭނުން ވިޔަސް އެ އިންތިޒާމް ހަމަޖައްސައި ދެނީ ސްކޫލުންނެވެ. އެހެންވެ އެއްވެސް ކުއްޖަކު ޓިއުޝަން ނަގާކަށް ނުޖެހެއެވެ.

" ދަރިވަރުންނަށް މާއްދާއަކުން އިތުރަށް އެހީތެރިކަން ބޭނުންވިޔަސް އެކަން ކޮށްދޭނީ ސްކޫލުގެ ފަރާތުން. އެ އިންތިޒާމް އޮންނާނި ހަމަޖައްސައި ދީފައި." ޗަންދުރަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބެލެނިވެރިންގެ މެދުގައި ވެސް އެ ހޭލުންތެރިކަން އޮންނާތީ، ނަތީޖާ ނެރެނީ ސްކޫލުން ދަރިވަރުންނަށް ކޮށްދޭ މަސައްކަތްތަކުގެ އެހީގައެވެ.
advertisment
ހިޔާލު