އުފަން ރަށް ވިލުފުށީ ސްކޫލުން މަތީ ސާނަވީ ނިންމައި، ހަތަރު އޭ އާއި އެއް މާއްދާއިން އޭ ސްޓަރ ހޯދައިގެން ހައި އެޗީވަރސް ސްކޮލަރޝިޕް ހޯދި ފުރަތަމަ ދަރިވަރަށް ވުމަކީ އާދަމް ސާދިން ދެކޭ ގޮތުގައި އޭނާއަށް ލިބޭ ކުޑަ އުފަލެއް ނޫނެވެ. އެކަމާ އޭނާ ފަޚުރުވެރި ވަނީ އޭނާ ހިނގި މަގުން ހިނގާނެ އެތައް ދަރިވަރުންނަށް، ނަމޫނާއަކަށް ވީމައެވެ.
" މިއީ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުގެ ފަހަތުން މިފަދަ އެތައް ދަރިވަރުންނެއް ރަށު ސްކޫލުން ނުކުމެގެންދާތަން ދެކެން ބޭނުން" ސާދިން ބުންޏެވެ.
ކިޔެވުމަށް ޚާއްޞަ ޝަޢުޤެއް ބަހައްޓާ ސާދިންއަށް ސާނަވީ އާއި މަތީ ސާނަވީން ވެސް ލިބުނީ ފަސްވަނައެވެ. ސާނަވީންއަށް ފަސްވަނަ ލިބުނީ ހަތަރު މާއްދާއިން އޭ ސްޓަރ އާއި ހަތަރު މާއްދާއިން އޭ ލިބިގެންނެވެ.
އޭލެވެލްގައި، އެކައުންޓިންގއިން ދުނިޔޭގެ ވަނައަކަށް އުއްމީދު ކުރެވުނު ނަމަވެސް ލިބުނު ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށް ސާދިން ބުންޏެވެ. އޭލެވެލްގައި ސާދިންއަށް އޭ ލިބުނީ އެކައުންޓިންގއާއި ކެމިސްޓްރީއާއި އިސްލާމްގެ އިތުރުން ދިވެހިންނެވެ. އެންމެ އުނދަގޫވި ބައިލޮޖީން ލިބުނީ އޭ ސްޓަރއެކެވެ.

" ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ. ބޭނުންވި ވަރުގެ ނަތީޖާއަކަށް ނުދެވުނީ އެވަރަށް މަސައްކަތް ނުކުރެވުނީމާ ކަމަށް ދެކެނީ" ސާދިން ބުންޏެވެ.
ސާދިން ބުނީ އޭނާ ކިޔަވަނީ އެންމެން ނިދައި މުޅިރަށް ހަމަހިމޭންވީމާ، ދަންވަރު ތެދުވެއެވެ. ފަތިސްގަޑިއަކީ އެކީ ވެސް އޭނާ އަށް ކިޔަވަން ފަސޭހަ ވަގުތެކެވެ. ޓިއުޝަނަކާ ނުލައި ސްކޫލުން މުދައްރިސުން ދޭ އެހީތެރިކަމުގެ ތެރެއަށް އިތުރުކުރަނީ ގޭގައި އޭނާ އަމިއްލައަށް ކުރާ މަސައްކަތެވެ.
" އިތުރުގަޑި ގަޑިތަކުގެ އިތުރުން ކޮންމެ ކުއްޖަކަށް ވަކިން ވަގުތު ދީގެން ނޭނގޭ އެއްޗެއް އޮވެއްޖެނަމަ އޮޅުން ފިލުވައި ދިނުމުގެ އިންތިޒާމް ސްކޫލުން އޮންނަނީ ހަމަޖައްސާދީފައި. އެހެންވެ ޓިއުޝަން ނަގާކަށް ނުޖެހޭ" ސާދިން ބުންޏެވެ.
ސާދިންއަކީ ވިލުފުށީގައި މިހާތަނަށް ދެ އަހަރެއްގެ މަތިން ކެޕްޓަންކަން ކުރި ހަމައެކަނި ދަރިވަރެއެވެ. އެއީ 2019 ވަނަ އަހަރު ގުރޭޑް 10ގައި، 2022-2021 ގައި ގުރޭޑް 12ގައި ކިޔެވި އަހަރު ތަކުގައެވެ. 2019 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކީ ވެސް ސާދިންއެވެ.
ކުޑައިރުއްސުރެ ސާދިން ބޭނުންވީ ޕައިލެޓަކަށް ވާށެވެ. އެކަމަކު ސްކޮލަރޝިޕް ލިބިގެން ޔުނިވަރސިޓީއަކަށް ދިއުމުގެ ކުރިން ފިޒިކްސް ކިޔަވަންޖެހެއެވެ. ރަށު ސްކޫލުން އޭނާ ކިޔެވި މާއްދާތަކުގެ ތެރޭގައި ފިޒިކްސް ނުހިމެނެއެވެ. އެހެންވެ ދެވަނަ " ޗޮއިސް" އެއްގެ ގޮތުގައި އެކައުންޓިންގ ދާއިރާއިން ކުރިއަށް ދާން މިހާރު ވަނީ ނިންމާފައެވެ.
އޭނާ އިންތިޒާރު ކުރަނީ ވެސްޓް ލަންޑަން ޔުނިވަރސިޓީން ލިބޭނެ އީމެއިލަކަށެވެ. ޗާޓަރޑް އެކައުންޓެންޓެއްގެ ގޮތުގައި ރީތި ނަމަކާއެކު ޤައުމަށް ޚިދުމަތް ކުރަން ފެށުމަކީ އެއީ ސާދިން މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނެއެވެ.
ސާދިން ބުނީ ގުރޭޑް 10ގައި ކިޔަވަމުން ދިޔައިރު އެކުގައި އުޅުނު ކުދިންތަކެއް ކުއްލިއަކަށް ވާހަކަ ދައްކަން ހުއްޓާލުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ޖެހުނީ ކޮން މައްސަލައެއްކަމެއް ނޭނގުނު ކަމަށެވެ. އެއީ ކިޔެވުމުގެ މަރުޙަލާގައި އޭނައަށް ވަރަށް ހިތްދަތިވި އުނދަގޫ ދުވަސްތަކެއް ކަމަށް ސާދިން ބުންޏެވެ.

" ޖެހުނު މައްސަލައެއް، ވީގޮތެއް ނޭނގުނު. ކުއްލިއަކަށް ވާހަކަ ދެއްކުން ހުއްޓާލީ. އޭގެ ސަބަބުން ވަރަށް އުނދަގޫ ކަންތައްތަކެއް ދިމާވި. އޭގެއިން އަރައި ގަތުމަށް ސްކޫލާއި ޕްރިންސިޕަލް އަދި އާއިލާގެ މީހުންގެ އެހީތެރިކަން ލިބުނު" ސާދިން ބުންޏެވެ.
ސާދިން ބުނީ މިހާރު އެކުދިންނާ ވާހަކަ ދައްކައި އެކުވެރިކަން ބޭއްވި ނަމަވެސް ޖެހުނު މައްސަލައެއް، ވާހަކަ ނުދެއްކި ސަބަބެއް ނޭނގޭކަމަށެވެ.
" ޖެހުނު މައްސައްލައެއް ވީ ގޮތެއް އަދިވެސް ނޭނގެ. އެކަމަކު އުފާވަނީ މިހާރު އެކުދިންނާ ވެސް ގުޅުން އޮތީމާ" ސާދިން ބުންޏެވެ.

ސާދިން ބުނީ އޭނާގެ ކިޔެވުމާއި އެހެނިހެން ހުރިހާ ކަމެއް ދައްޗެއް ނެތި ބަލަހައްޓައިދީ ކިޔަވައި ދިނުމުގެ ޒިންމާ ނެގީ ބޮޑުދައިތަ ކަމަށެވެ. އެހެންވެ ބޮޑުދައިތައަކީ އޭނާގެ ކާމިޔާބީގެ ހިއްސާދާރެއް ކަމަށެވެ. އެއާއެކު މަންމައާއި ބައްޕަ ދުރުގައި ހުއްޓަސް އެމީހުންގެ އެހީތެރިކަން ވެސް ލިބުނު ކަމަށެވެ. ދެން ސާދިން ފާހަގަކުރީ ސްކޫލުގެ ޕްރިންސިޕަލާއި ކިޔަވައި ދެއްވި ޓީޗަރުން ކޮށްދިން މަސައްކަތެވެ.
advertisment
ހިޔާލު