މަދަރުސީ ޙަޔާތް: ކުޑަ ހުސޭންގެ ބޮޑު މިސާލު

ދޮންދޫނި މޫސުމުގައި ދިޔައީ ދޮންދޫނި ހިފާށެވެ. މަޑި އަރުވާ މޫސުމުގައި ދިޔައީ މަޑި އެއްލާށެވެ. ބައެއް ދުވަސް ދުވަހު ދަންނަ މީހުންނާއެކު ތޮށި މައްޗަށް ގޮސް، މަސްބާނަން ވެސް އުޅެއެވެ. ކިޔެވުމުގެ ޝައުގުވެރިކަން ނެތުމުން ގްރޭޑް ހަތަކާ ހަމައަށް ދިޔަ އިރުވެސް އުޅުނީ ކުޅިވަރާއި މަޖަލުގައެވެ. ނަމަވެސް އެއީ މާޒީއެވެ. އިއްޔެ ނުކިޔަވައި ފޭލުވި ދަރިވަރު މިއަދު އެހުރީ ޕީއެޗްޑީ ހަދައިގެންނެވެ. އިއްޔެ އެހެން މީހުންގެ ދޫތަކުން މަލާމަތް ރައްދުވި މީހާއަށް މިއަދު އެ ދަނީ ތަޢުރީފު ކުރަމުންނެވެ. އިއްޔެ އެކި ދަނޑުތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ސޮރު، މިއަދު އެ ވަނީ އެ ދަނޑުތައް ފަތަޙަކޮށްފައެވެ. މިއީ ޙުސައިން ޙަލީމު ނުވަތަ މަޝްހޫރު ކުޑަ ހުސޭންގެ ކާމިޔާބީގެ ވާހަކައެވެ. އެ ކާމިޔާބީން ލިބިގަނެވޭ ބޮޑު މިސާލުގެ ވާހަކައެވެ.

ކުޑަ ހުސޭންގެ މަދަރުސީ ހަޔާތް ފެށުނީ އުފާވެރި ކޮށެވެ. ނަމަވެސް ނަސީބުގެ އެ ހަޔާތް ބަދު ނަސީބަށް ފުރޮޅުނީ އެންމެ ކަމެއް ދެކަމެއް ދިމާވެގެނެއް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާއަށް އެތައް އިމްތިޙާނެއް ދިމާވިއެވެ. އެއިން ކޮންމެ ކަމަކުން ގެނެސްދިނީ މާޔޫސްކަމެވެ. އާއިލާ ރޫޅުމާއި ސްކޫލުތެރެއިން ދިމާވި ކަންކަމާއި އެކި ޙަރަކާތްތަކުން ދިމާވި ކަންކަން އޭނާގެ ހިތުން ފިލުވާލާފައި ވީނަމަވެސް އެ ލަކުނުތައް އަދިވެސް ހުރީ އޭނާގެ ހަނދާންތަކުގައެވެ.

ތަފާތު ކުރުންތަކާއި ގަނާގެ ޝިކާރައަކަށް

" ބްލީކުރުން ވަރަށް އޮވޭ. އޭރު އެއީ ކޯންޗެއްކަން ވެސް ގިނަ މީހުންނަކަށް ނޭނގޭ. ޓީޗަރުން ވެސް އަޅައެއް ނުލައި. ބައެއް ފަހަރު …….. ގަން ހިންގާގޮތަށް ކަންތައްތައް ދިމާވެފައި ވެސް އެބަ ހުރި. އެ ކަހަލަ ތަޖުރިބާތައް ކުރަންޖެހުނު. ކުޑަކޮށް ހުންނާތީ ކުދިން އަނިޔާކޮށް ޖަހައި ހަދާފައި ވެސް އެބަހުރި" މަދަރުސީ ދައުރުގެ ހަނދާންތަކުން ގަނާގެ ޝިކާރައަކަށް ކުޑަހުސޭން ވީގޮތާއި އެ ތަޖުރިބާތަކުން ބައެއް އޭނާ ހިއްސާކުރިއެވެ.
" އެއް ދުވަހަކު ކުއްޖަކު ފަންސޫރެއް ކޮނޑަށް ހަރާލި ހަނދާން ވެސް އެބަ ހުރި. ކުލާސްތެރޭގައި ވެސް ވަރަށް ތަޅާފޮޅުން އޮވޭ. ގަދަ މީހާއަށް އޮންނާނީ ގަދަ ގޮތް"
ސްކޫލު ދައުރުގައި ހުސޭން ތަޖުރިބާ ކުރަން ޖެހުނީ ނިކަމެތިކަމެވެ. ލޮލުގެ ކުރިމަތީ ފެންނަމުން ދިޔައީ ނާއިންސާފާއި ތަފާތުކުރުން ތަކެވެ.
" އަޅުގަނޑު ވަރަށް ފަގީރު. އޭރު ލާއުޅުނީ ގޭދޮށު އެހެން ކުދިންނަށް ދޭ ބާ ޔުނީފޯމު. (އަހަރެން ފެނުމުން ވެސް) ފާހަގަ ކުރެވޭނެ ފަގީރު ނިކަމެތި ކުއްޖެއްކަން. އެކަން ޓީޗަރުން ވެސް އެހެން މީހުން ވެސް އިހުސާސްކުރޭ" މާޒީގެ ހަނދާންތަކުގެ ތެރެއިން ކުޑަ ހުސޭން ހިއްސާކުރީ ކުޑަ މިސާލެކެވެ.

" އެއްފަހަރު ސްކޫލުގެ ކޮޔާއަށް ކުދިން ނަގަންވެގެން ސަފެއް ހައްދާފައި ޓްވިންކަލް ޓްވިންކަލް ލަވަ ކިޔަން ޖެއްސި. ލަވަ ފަށައިގެން "ޓު" ބުނާއިރަށް މިސް ބުނެފި ދެން ހެވޭ. އެ ހިސާބުން ފެއިލްވީ" ތަފާތު ކުރުންތަކުގެ ތެރޭގައި އުޅެންޖެހުނު ހުސައިންގެ ހިތުން ނުފިލާ ހަނދާންތަކެއް ވެސް އެބަހުއްޓެވެ.

ފާސްނުވެގެން ސްކޫލުން ވަކިކުރުން: ހިތުން ނުފިލި ތަޖުރިބާ

ހުސޭން ގަބޫލުކުރާ ގޮތުގައި އޭނާގެ ނަފުސުގެ އިތުބާރު އެކި ގްރޭޑްތަކުން މަޑުމަޑުން ދިޔައީ ގެއްލެމުންނެވެ. ސްކޫލުދައުރާއި ބޭރުތެރެއިން ދިމާވި ކަންކަމުން ކިޔެވުން މަތިން ދިޔައީ ފޫހިވަމުންނެވެ. ނަތީޖާއަކަށްވީ ކުޅިވަރާއި މަޖަލަށް ހުރިހާ ވަގުތެއް ހުސްކުރެވުމެވެ.
" އެކި ކަންކަމުގައި އުޅޭތީ ސްކޫލުގެ ނަތީޖާ ވެސް ދިޔައީ ދަށަށް. ކިޔަވާ ހިތެއް ނުވޭ. ސްކޫލަށް ދިއުމުގެ ބޭނުމެއް ނޭނގެ. ޓީޗަރުން އެހައި ލޯބިވާހެން އަޅާލާހެން ހިއެއް ނުވޭ. އާއިލާގެ ކަންކަން ހުރިގޮތުން މައިބަފައިންނަށް ވެސް އެހައި ވަގުތެއް ނުދެވޭ" ހުސޭންގެ ތަޢުލީމީ ހަޔާތަށް ބަދަލު އައުމަށް މެދުވެރިވީ މައިގަނޑު އެއް ސަބަބު އޭނާ ހިއްސާކުރިއެވެ.

" ގްރޭޑް 4 އާ ހަމައަށް އޭ ލިބުނު. އޭގެ ފަހުން ދަށްވަމުން ދަށްވަމުން އައިސް އޭރު އޮންނަ ޖޭއެސްސީން ފެއިލްވި. ދިވެއްސާއި އިނގިރޭސިން. ކަންކަން ދިމާވި ގޮތުން އޭރު ފެއިލްވި ބައެއް ކުދިން މައިންބަފައިން ޝަކުވާކުރީމާ އަލުން އެހެން ޓީޗަރަކު ލައްވާ އެ ޕޭޕަރުތައް މާކު ކުރުވި. އެކަމުގެ ތެރެއިން މުއްސަނދިގެންގެ ދަރިން ފާސްވި. ނަމަވެސް އަހަރެން ފާހެއް ނުވި. އެ ދުވަހު ވަރަށް ދެރަވި. މަންމަ ގޮސް ޕްރިންސިޕަލްގެ ގާތުގައި ރޮއި އާދޭސްކުރި. އަހަރެމެންގެ ނިކަމެތިކަން ފާހަގަކޮށް ފުރުޞަތަކަށް ސަލާންޖެހި. ނަމަވެސް ޕްރިންސިޕަލް ވިދާޅުވީ އެފުޞަތެއް ނުދެވޭނޭ. އެ ދުވަހު ވަރަށް ދެރަވި. މަންމަ ރުއި މަންޒަރު ފެނުމުންނާއި ސްކޫލުން ކަނޑާލުމުން"
ހުސޭންގެ ކުރިމަތީ ހިނގި ކަންކަމާމެދު އޭނާ ވިސްނިއެވެ. އެހެން މީހުންގެ ލޯތްބާއި އިހުތިރާމް ލިބޭނެ ގޮތަކާމެދު ފިކުކުރިއެވެ. ކިޔަވައިގެން މޮޅުވާނެ ގޮތްތަކެއް ހޯދަން ބޭނުންވިއެވެ. ނަމަވެސް އެރުވެސް އޭނާއަށް ނޭނގުނީ އެކަން ކުރާނެ ގޮތެވެ. ނުފެނުނީ ކުރިއަށް ދާނެ މަގެވެ.

ކިޔަވަމުން، ދުވަމުން އެންމެ އުހަށް

މަޖީދިއްޔާ ސްކޫލުން ވަކިކުރުމާއެކު ހުސޭން ގުޅުނީ އޭރުގެ އީޕީއެސް ސްކޫލާއެވެ. އެ ސްކޫލުގައި ކިޔަވަމުން ދިޔައިރު ހިތްވަރު ލިބޭ ކަންކަމާ ބައެއް ފަހަރު ދިމާވިއެވެ. އެ ކަންކަމުން އޭނާ ހިތްވަރު ހޯދިއެވެ. އޭރު ވެސް އޭނާ ދިޔައީ އެތައް ކުޅިވަރެއްގައި ބައިވެރިވަމުންނެވެ. ނަމަވެސް އެއިން ކޮންމެ ކުޅިވަރަކުން ކަހަލަ ގޮތަކަށް ލިބެނީ ނާކާމިޔާބެވެ. ގޯލްކީޕަރަކަށް ވާން ބޭނުންވި ނަމަވެސް އޭނާއަށް އެ ކަމެއް ނުވިއެވެ. ބައިސްކަލް ރޭހުން ކުރިއަށް ދެވޭގޮތެއް ނުވިއެވެ. ހޮކީ ކުޅެގެން ވެސް ކާމިޔާބެއް ނުލިބުނެވެ. އެހެން ހުއްޓާ ރައްޓެއްސަކު ޖެއްސުމަށް ބުނި ބަހަކަށް އޭނާ ދިޔައީ އޮލިންޕިކްސް މުބާރާތަށް ދުވުންތެރީން ހޮވުމަށް ބޭއްވި ހޮވެއްޔަކަށެވެ.

" ފުރަތަމަ ދުވަހު އަހަރެންނަކަށް ނޭނގުނު ކިހިނެއްކަމެއް ހަދަންވީ. ބުނީ ސްޕްރިންޓަރުން މި ކޮޅަށޭ. މިޑްލް ޑިސްޓަންސް މި ތަނަށޭ. ލޯންގު ޑިސްޓަންސް މި ތަނަށޭ. އޭގެ ތަފާތެއް ނޭނގުނު. ބަލައިލައިފިން ދަންނަ މީހަކު ހުރިތޯ. ތިބި އެކި ކުޅިވަރު ކުޅޭ މީހުން. އަހަރެން ދިޔައީ ލޯންގު ޑިސްޓަންސްއަށް. އެ ދުވަހު ޖަހަން ޖެހުނު ޕާކުވަށާ ފަސް ބުރު. ގާތްގަނޑަކަށް އެއީ 550 މީޓަރު. އަހަރެން ހުރީ އާދައިގެ ފުޓްބޯޅަ ބޫޓަކަށް އަރައިގެން. ހިތަށް އެރި މިވަރު ކޮށްލެވޭނޭ. އެހެން ހިތަށް އަރާ ވަރަށް ބާރަށް ނައްޓާލީ. 100 މީޓަރަށް ދާއިރަށް ތަރިބުރައި ހާސްވެއްޖެ. ދެން ލަދުން ހުއްޓާލާފައި ހިނގާފައި ގެއަށް ދާން އުޅެނިކޮށް ޒާހިރު ނަޞީރު ގޮވާލާފައި ގެންދިޔައީ" ދުވުމަށް ޝައުގުވެރިކަން އުފެދުނު ގޮތް ހުސޭން ހިއްސާކުރިއެވެ. އޭނާ އާކުރީ 1986 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ހަނދާންތަކެވެ.

" ޒާހިރު ނަޞީރު ވިދާޅުވެއްޖެ ވަރަށް ރަނގަޅޭ އައިކަން. ވަރަށް މުހިންމޭ މި ބުނި ދެތިން ކަންތައް ކުރުން. އެއް ކަމަކީ ގަވައިދުން އަންނަން ޖެހޭނޭ. އަނެއް ކަމަކީ ގަޑި ނުޖެހި އަންނަން ޖެހޭނޭ. އަނެއް ކަމަކީ މިހުރި ޖަޕާނު މޮޅު ކޯޗު ބުނާ ގޮތް ހަދަން ޖެހޭނޭ. ސުވާލެއް ކޮށްގެން ނުވާނޭ"
ޒާހިރު ނަޞީރުގެ އެ ވާހަކަތައް ކުޑަ ހުސޭން ގަބޫލުކުރީ ހިތުގެ އަޑީންނެވެ. އޭނާ ނިންމީ ޒާހިރުގެ ބަހާ އެއްގޮތަށް ގަވައިދުން އެކަން ކުރާށެވެ. އޭގެ ނަތީޖާ ލިބުމަށް މާގިނަ ދުވަހެއް ނުނެގިއެވެ. އެންމެ 4 މަސް ފަހުން 1987 ވަނަ އަހަރުގެ ޖެނުވަރީ 1 ވަނަ ދުވަހު މާލޭ މެރަތަންގެ ނަމުގައި ބޭއްވި މެރަތަން އޭނާ ކާމިޔާބު ކުރިއެވެ. ޖެހިގެން އައި ދުވަހު ދުވަހު ނޫސް ހަވީރުން އޭނާ ހުނަރުވެރިކަން ފާހަގަކުރިއެވެ. އޭނާގެ އަތުގައި 25 އަހަރަށް ވުރެ ގިނަ ދުވަސްވީ އެތުލެޓިކްސްގެ ހަތަރު ރެކޯޑް ވަރަށް ފަހަކާ ޖެހެންދެން އޮތެވެ. މިއަދު އަމިއްލަ ސްޕޯޓްސް އެކަޑެމީއެއް އެބަ ހިންގައެވެ.

100 ފަހަރު ބެލި ފިލްމުން މުޅި ހަޔާތް ބަދަލުކޮށްލި

ކުޑަ ހުސޭންގެ ހަޔާތަށް އެންމެ ބޮޑު ބަދަލެއް ގެނުވީ އޭނާއަށް ކޯޗުކޮށްދިން ޖަޕާނުގެ ކޯޗު ބުނެގެން ބެލި ފިލްމެކެވެ. އެއީ "ރަނިންގ ބްރޭވް" ނަމަކަށް ކިޔައި ފިލްމެވެ. އެ ފިލްމުގައި ދައްކައިދެނީ 1964 ވަނަ އަހަރު ޓޯކިޔޯ އޮލިމްޕިކްސްގައި ދުނިޔޭގެ އެންމެ މޮޅު ދިގު ދުވުންތެރިޔާގެ ޝަރަފު ހޯދި އެމެރިކާގެ ބިލީ މިލްސްއެވެ. އެ ފިލްމުގައި އޭނާއަކީ ފަގީރު އާއިލާއަކުން އައި ކަޅު އެމެރިކާނެކެވެ. ހާސްކަމާއި ޑިޕްރެޝަންއިން ސަލާމަތްވުމަށް ދުވުންތައް ދުވި މީހެކެވެ. އޭނާގެ ހުނަރުވެރިކަމުން ޔުނިވަރސިޓީން އޭނާއަށް ސްކޯލާރޝިޕެއް ލިބެއެވެ. އެ ފުރުޞަތު ބޭނުންކޮށް ފިޒިކަލް އެޑިއުކޭޝަން ދާއިރާއިން އޭނާ ޑިގުރީ ހަދައެވެ. އެއަށް ފަހު އެމެރިކާގެ އަސްކަރިއްޔާއާ ގުޅެއެވެ. އެތަނުގައި އުޅެނިކޮށް 1964 ވަނަ އަހަރުގެ އޮލިންޕިކްސްއަށް އޭނާ ހޮވި، އެ ރޭހުން އެއްވަނަ ހޯދައި ރަން މެޑަލް ލިބޭ މަންޒަރު އެ ފިލްމުން ދައްކައިދެއެވެ. އެ ފިލްމު ބެލުމުން ކުޑަ ހުސޭނަށް ކުރެވުނީ އޭނާގެ ޒަމީރުގެ އިހުސާސްތަކެވެ. ސިފަވީ ހަމަ އޭނާއެވެ. އުންމީދާއި ޢަޒުމު ގުޅުނީ އެ ފިލްމާއެވެ.

" އެ ފިލްމު ބެލީމާ ހިތަށްއެރި ފިލްމުގައި އެ އުޅެނީ ހަމަ އަހަރެންނޭ. މީ ދިވެހިރާއްޖޭގެ ބިލީ މިލްސޭ. ހިތުން އުޅެވުނީ އޭނާއަށް ވެގެން. އޭރު މާލެ ވަށާ ދުވާއިރު ވެސް ހިތަށް އަރަނީ އެހެން. އަހަރެންގެ ވަށައިގެން ދެން އުޅެނީ ބިލީ މިލްސްއާ ވާދަކުރި މީހުންނޭ. އެވެނި މީހަކު މި އޮތީއޭ. މިވެނި މީހަކު މި ހުރީއޭ. އެހެން ހިތަށް އަރަނީ" 100 ފަހަރު އެ ފިލްމު ބަލާފައިވާ ހުސޭނަކީ މިއަދު، އެ ފިލްމުގައި އުޅުނު ބިލީ މިލްސްގެ ހަގީގީ އެކުވެރިއެކެވެ.

50 ކޮލެޖަކަށް ފޮނުވި ސިޓީން ހުޅުވުނު ދޮރު

ކުޑަ ހުސޭން އެންމެ މަގުބޫލު ފިލްމުގައި އުޅޭ ބިލީ މިލްސްއަކީ ކިޔަވައިގެން ހުރި މީހެކެވެ. އެކަން ކުރަން ހުސޭން ވެސް ބޭނުންވިއެވެ. ބިލީ މިލްސް ފަދައިން ހުސޭންއަތަކު ވެސް ފައިސާއެއް ނެތެވެ. ހަމައެކަނި އޮތީ ދުވަމަށް އޮތް ލޯތްބާއި ކުރިއަށް ދިއުމަށް އޮތް ޢަޒުމެވެ. އެ އަޒުމުގައި ހުސޭނު ދިޔައީ މަސައްކަތް ކުރަމުންނެވެ. މަތީ ތަޢުލީމުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ލިބޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ.
" 1988 ވަނަ އަހަރު ސަރުކާރަށް ވަނިން. ޓްރޭޑް މިނިސްޓްރީއަށް. އޭރު މުސާރަ ލިބެނީ 1300 ރުފިޔާ. އެއް ފަހަރަކު ލިބުނު 1300 ރުފިޔާއަށް ހެދި ގޮތަކީ 50 ކޮލޮޖު، ޔުނިވަރސިޓީގެ އެޑްރެސް ޕްލޭނިންގ މިނިސްޓްރީން ހޯދީ. އަދި ޓްރޭޑްގައި އުޅުނު އެކުވެރިއަކު ލައްވައި ސީޓީއެއް ޑްރާފްޓްކޮށްފައި ސިޓީ ލިޔެ، 50 ކޮޕީ ހައްދައި 50 ތަނަށް ފޮނުވީ. އެކަން ކޮށް ނިމުނުއިރު އެ މަހުގެ މުސާރަ ޚަލާސް" މަތީ ތަޢުލީމަށް ކުޑަ ހުސޭން ވާން ޖެހުނީ ބޮޑު ގުރުބާނީ އެކެވެ. އޭނާ ސިޓީ ފޮނުވި ހުރިހައި ތަނަކުން ކަހަލަ ގޮތަކަށް ދެކޮޅު ހެދިނަމަވެސް އުންމީދީ ޖަވާބެއް ވެސް ލިބުނެވެ.

" ހުރިހާ ތަނަކުންކަހަލަ ގޮތަކަށް ލިބުނީ މާޔޫސްވާ ކަހަލަ ޖަވާބު. އޮސްޓްރޭލިއަން ކޮލެޖް އޮފް ފިޒިކަލް އެޑިއުކޭޝަންއިން ތަންކޮޅެއް ދިގު ސިޓީއެއް ލިބުނު. އޭގައި ވަނީ ސްކޯލާޝިޕް ލިބުނު ވާހަކަ. ދެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން އެ ސްކޯލާރޝިޕް ލިބޭގޮތްވީ. އޭރު އޮންނަން ގޮތުން ގައުމަށް ބޭނުންވާނެކަމަށް ގަބޫލުކުރެވޭ މުހިންމު ސްކޯލަރޝިޕްތަކަށް ދަރިވަރުން ފޮނުވާ ބޯޑެއް އޮވޭ. އެތަނުން އަޅުގަނޑަށް ފުރުޞަތު ލިބޭގޮތްވީ" ސްކޯލަރޝިޕް ހަމަޖެހުނު ގޮތް ހުސޭން ހިއްސާކުރިއެވެ.
" ބޭރަށް ކިޔަވަން ދިޔައިރު ރަނގަޅަކަށް އިނގިރޭސި ބަހެއް ނޭނގެ. ހަމަޖެހޭ ޖުމުލަ ހަދާކަށް ނޭނގެ. އެ ތަނަށް ގެންދިޔައީ ދުވަން. ނަމަވެސް އެތަނުގައި ހުރޭ ޓިއުޓަރއެއް. ކޮންމެ ދުވަހަކު ޓިއުޓަރ ގާތަށް ގޮސް އިނގިރޭސި ބަސް ދަސްކުރަނީ. 3 ގަޑިއިރު ހިލޭ ޓިއުޓަރިން އޮވޭ. އެ އިނގިރޭސި ކުލާހަށް އެހެން ކުދިން ގޮހެއް ނޫޅޭ" ތަޢުލީމީ ބިންގާ އަލުން އަޅަން ޖެހުނު ހުސޭނަށް އެތައް ދަތިތަކެއް ދިމާވިއިރު ފައިސާގެ ދަތިކަން ވެސް ދިމާވިއެވެ. ނަމަވެސް އޭނާއަށް ގޮތެއް ހުހެއް ނުވިއެވެ.
" ފައިސާގެ ދަތިކަން ދިމާވާން ފެށުމުން ކިޔަވަމުން ލިބޭ ހުސްވަގުތުގައި ސާފުކުރާ މީހަކަށް އުޅުނިން. އެތަނުގެ ލެކްޗަރ ހޯލުތައް ސާފުކުރަން އުޅުނިން. އެހިސާބުން ކިޔެވުމުގެ ދަތުރު ފެށުނު. ދެން ހިތަށް އެރި މި ހިސާބުން ނިންމައެއް ނުލާނަމޭ. ކިޔެވުން ކާމިޔާބު ނުކޮށް މާލެ އޮންނަ ކޮޅަށް ބޯވެސް ނުލާނަމޭ" މިއަދު ހުސޭން އެ ހުރީ ކުޅިވަރުގެ ރޮނގުން ޑަބަލް ޑިގްރީ ނަގައިގެންނެވެ. ތިން މާސްޓާސް ފުރިހަމަކޮށްގެންނެވެ. ޕީއެޗްޑީ ހާސިލުކޮށްގެންނެވެ.

ކާމިޔާބު ހޯދަން ބޭނުންނަމަ މި ފަސް ކަންތައް ކުރާށެވެ!

ކުޑަ ހުސޭންގެ ގަބޫލުކުރުންތަކެއް އެބަ ހުއްޓެވެ. އެނާގެ ކާމިޔާބީ ގުޅިފައިވަނީ އެ ގަބޫލުކުރުންތަކާއި އެއާ އެއްގޮތަށް ޢަމަލުކުރުމެވެ. އޭނާ އެންމެ ފުރަތަމަ ވެސް ފާހަގަކުރަނީ ދީނީ ކަންކަން ހަރުދަނާ ކުރުމެވެ.
" އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ ދީނީ ކަންކަން ދެނެގަނެ ރަނގަޅާއި ނުރަނގަޅު ދެނެގަތުން. ފަސް ވަގުތު ނަމާދުކުރުން. ދުވާލަކު 10 ޞަފުޙާ ކިޔެވުން. ދީނީ ކަންކަން ރަނގަޅުކޮށްލުން" ހުސޭން ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމަކުން ވެސް އާ ކަމެއް ދަސްވާންޖެހެއެވެ. އެއީ މުހިންމު ސިފައެކެވެ.
" ދެވަނަ ކަމަކީ އެޑިއުކޭޓުވުން. ކަންކަން ދަސްކުރުން. އެ ކުރާ ކަމެއްގެ އިލްމު ލިބިގަތުން. އާ މަޢުލުލޫމާތު ހޯދުން. ތިންވަނަ ކަމަކީ ސިއްހަތަށް ސަމާލުވުން. ނުރަނގަޅު އާދަތަކުން ދުރުހެލުން. މިހާރު ވެސް ސިނގިރޭޓް ބޯ މީހެއްގެ ގާތުގައެއް އަހަރެންނެއް މަޑެއް ނުކުރަން. އަދި ގަވައިދުން ނިދުމާއި ގަވައިދުން ކަސްރަތުކުރުން ވެސް ވަރަށް މުހިންމު. މީގެ އިތުރުން ގުޅުންތައް ބަދަހި ކުރުމާއި ހަލާލު ގޮތުގައި ފައިސާ ހޯދުމަކީ ވެސް ވަރަށް މުހިންމު ދެ ކަންތައް"

ކުޑަ ހުސޭން އެންމެ މުހިންމު ގަބޫލުކުރުމަކީ އެހެން މީހުން ކުށްވެރި ނުކުރުމެވެ. އޭނާ ގަބޫލުކުރާ އަގުތަކުގައި ހިފަހައްޓައިގެން ކުރިއަށް ދިއުމެވެ. ކޮންމެ ކަމެއްގައި ވެސް އޮތީ މަޢާފުކުރުމެވެ. އެކަމާއެކު ކުރިއަށް ދިއުމެވެ.
" ކުރީގައި ނަމަ މައިން ބަފައިން ކުށްވެރި ކުރެވޭ. ޓީޗަރުން ކުށްވެރި ކުރެވޭ. ސަރުކާރު ވެސް. ރައްޓެހިވި ކުދިން ވެސް. އަސްލު ވިސްނާލާއިރު އެއީ ބޭކާރު ކަމެއް. މިހާރު އެބަ އެނގޭ އެ މީހުންނަށް އެނގޭ އެންމެ ރަނގަޅަކަށްކަން މައިންބަފައިން ކަންކަން ކޮށްދިނީ. ޓީޗަރުން ވެސް ވެށިން ދަސްވެފައި ހުރި އެންމެ ރަނގަޅަކަށްކަން ކަންކަން ކޮށްދިނީ. އެހެންވީމާ ކުށްވެރިކުރުމުގެ ބަދަލުގައި އެ ކަންކަން ހަނދާން ނައްތާލައި މަޢާފުދީގެން ކުރިއަށް ދިއުން އެންމެ ރަނގަޅީ" ހުސޭންގެ ހަޔާތުން ބުނެދިނީ ކިޔަވަމުންދާ ދަރިވަރުން ދާންވީ ސީދާ މަގެކެވެ. އެމަގުން ގޮސް ކާމިޔާބީ ހޯދޭނެ ގޮތްތަކެވެ. އެ ކާމިޔާބީން ދެނީ އުފާ ހާޞިލުކުރެވޭނެ ކަށަވަރުކަމެވެ.

ހިޔާލު

3 Responses

  1. ވަރަށް އިބުރަތްތެރި ލިޔުމެއް. މިކަހަލަ މީސްމީހުންގެ އިންޓަވިއުތައް ގެނެސްދޭތި. ދަރިވަރަށް ސާބަސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *