ޖަނާއަށް ބޮޑު ފަޚުރެއް! ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުން ކިޔެވުމުގެ ފުރުޞަތު

  • މިހާރު އުއްމީދު ކުރަނީ ކިޔަވަންދާން ރައީސް އިއުލާން ކުރެއްވި "މެރިޓް ސްކޮލަރޝިޕް" ލިބޭނެ ކަމަށް

ސާނަވީގެ ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި މަރްޔަމް ޖަނާ ޖިނާނަށް ސަރުކާރުގެ ސްކޮލަރޝިޕްގެ ދޮރު ބަންދުވީ މަތީ ސާނަވީގައި ދިވެހިން ބީ އެއް ލިބިގެންނެވެ. ރައީސުލްޖުމުހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބެނީ ދިވެއްސާއި އިސްލާމުގެ އިތުރުން ތިން މާއްދާއިން އޭ ސްޓަރ ލިބިގެންނެވެ. ހައި އެޗީވަރސް ސްކޮލަރޝިޕްގެ ޝަރުޠު ތަކުގެ ތެރޭގައި ދިވެހިން ދަށް ވެގެން އޭ އެއް ލިބެންޖެހެއެވެ.

އޭލެވެލްގައި ހަތް މާއްދާ ހެދި ޖަނާއަށް ލިބުނީ ކެމިސްޓްރީ އާއި ފިޒިކްސް އާއި މެތްސްގެ އިތުރުން އިސްލާމުން އޭ ސްޓަރއެކެވެ. ސީޕީއީ އާއި ޓުރެވަލް އެންޑް ޓޫރިޒަމުން އޭ އެއް، އަދި ދިވެހިން ބީ އެކެވެ. އޭނާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނައަށެވެ. މި ކާމިޔާބީ އޭނާ ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ކެޕްޓަން ކަމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުންނާއި އެކިއެކި އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ޖަނާ، ވިލާ ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދާއެކު،- ކިޔެވުމުގައި އެ ސްކޫލުން ގިނަ ފުރުޞަތުތަކެއް ފަހިކޮށްދިން- ފޮޓޯ: ޖިނާގެ އާއިލާ
" އިތުރު ހަރކާތްތަކުގައި ބައިވެރިވަމުން ވެސް ކިޔެވުމަށް އިސްކަމެއް ދެވުނީ ޢާއިލާއާއި އެކުވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން. ވިލާގެ މެނޭޖްމަންޓާއި މުދައްރިސުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު ދަންނަވަން"

އޯލެވެލްގައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދުމުގެ އިތުރުން އޭނާ ވަނީ ޓްރެވަލް އެނޑް ޓޫރިޒަމުން މުޅި ދުނިޔެއިން ދެވަނަ ވެސް ހޯދާފައެވެ.

ސާނަވީން އެއްވަނަ ހޯދުމުން ރައީސް ސޯލިހު ޖަނާއަށް އިނާމް ހަވާލުކޮށް ދެއްވަނީ-

މަތީ ތަޢުލީމަށް ފެންބޮވައިގެންފައި ހުރި ޖަނާގެ އުއްމީދު އޮތީ ރާއްޖެއިން ބޭރުން ކިޔެވުމެވެ. އޭނާ ޚާއްޞަވާން ބޭނުން ވަނީ މޭކޭނިކަލް އިންޖިނިއްރިންގ ދާއިރާއަށެވެ. ނަމަވެސް އެ އުއްމީދަށް ހުރަސް އެޅުނީ ދިވެހިން ބީ އެއް ލިބުމުންނެވެ.

ޖަނާ ބުނީ، ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ބޭނުމުގައި އެކި ޔުނިވަރސިޓީތަކުން ޖާގަ ހޯދަން ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި، ހަތަރު ކޮލެޖަކުން އޮފާ ލިބުނު ކަމަށެވެ. އޭގެ ތެރެއިން ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުން ޖާގައެއް ހަމަޖެހުނީ މަރުޙަލާތަކެއް ކަޑައްތު ކުރުމަށްފަހު ކަމަށެވެ.

ދުނިޔޭގެ ދިހަ ވަނައަށް ރޭންކް ކޮށްފައިވާ ކޮލެޖުން ޖާގައެއް ހޯދަން ޖަނާ ފުރަތަމަ ހުށަހެޅީ އޭނާގެ "ޕާރަސަނަލް ސްޓޭޓް މަންޓް"އެވެ. އެ ސްޓޭޓްމަންޓާއި ޖަނާގެ އޭލެވެލްގެ ނަތީޖާއަށް ބަލައި އެ ކޮލެޖުން ޓެސްޓެއް ދިނެއެވެ. އޮންލައިންކޮށް ދިން ހިސާބާއި ފިޒިކްސްގެ މި ޓެސްޓް ހެދުމުގެ ކުރިން އޭލެވެލްގައި އެނާ ކިޔެވި މި ދެމާއްދާ މުޠާލިޔާ ކުރިއެވެ.

ޖަނާ ބުނީ އެ ޓެސްޓްގައި ދިނީ އަށް ސުވާލުކަމަށާއި އޭގެ ތެރޭގައި މަލްޓިޕަލް ޗޮއިސް ސުވާލުތަކެއް ވެސް ހިމެނޭ ކަމަށެވެ.

" ޖަވާބާއެކު ކަލްކިއުލޭޝަންތައް ހެދިގޮތް ވެސް ލިޔަންޖެހޭ. މަލްޓިޕަލް ޗޮއިސްގެ ސުވާލުތަކަށް ޖަވާބު ދޭން ވެސް ބައިވަރު ކަލްކިއުލޭޝަންތައް ހަދަންޖެހޭ. ވަރަށް ތަފާތު ސުވާލުތައް ހުރި ވަރަށް ބައިވަރު އެސްޓިމޭޓް ކޮށްގެން ހަދަންޖެހޭ ވެސް. މިސާލަކަށް މީހެއްގެ ބަރުދަން އެސްޓިމޭޓް ކޮށްފައި، އެ މީހެއްގެ ފައިގެ ދިގުމިން އެސްޓިމޭޓް ކޮށްފައި ކަލްކިއުލޭޓް ކުރާ ކަހަލަ ސުވާލުތައް ވެސް އައި" ޖަނާ ބުންޏެވެ.
އަމީނިއްޔާގެ އެންމެ މޮޅު ދެވަނަ ދަރިވަރުގެ މަގާމް ޖަނާ (ކަނާއަތް ފަރާތުގައި) ވަނީ ހޯދާފައި. އޭނާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައި
" ކުރިން ނަހަދާ ވައްތަރުގެ ސުވާލުތައް އައީމާ ކުޑަކޮށް ޖެހިލުން ވެސްވި. އެކަމަކު ވެސް ﷲ އިރާދަފުޅާއެކު ޓެސްޓް ދިޔައީ ރަނގަޅަށް"

ޖަނާ ބުނީ އިންޓަވިއުއަށް ހޮވުނީ އެޑްމިޝަން ޓެސްޓާއި ލިބިފައި ހުރި ނަތީޖާތަކަށް ބެލުމަށްފަހުއެވެ.

ވީޑިއޯކޯލް މެދުވެރިކޮށް އިންޓަވިއު ކުރިއަށްދިޔައިރު، މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާން ބޭނުންވި ސަބަބާއި ކިޔެވުން ކުރިއަށް ގެންދިޔަ ގޮތާއި އިމްޕީރިއަލް ކޮލެޖް ހުންނަ ލަންޑަނާއި އަދި ރާއްޖެއާ ގުޅޭ ގޮތުން ވެސް ސުވާލު ކުރި ކަމަށް ޖަނާ ބުންޏެވެ.

ޖަނާ ބުނީ އިންޓަވިއުގެ ތެރެއިން ވެސް ހިސާބާއި ފިޒިކްސްއާ ގުޅުން ހުރި ދެ ސުވާލެއް ހަދަން ޖެހުނު ކަމަށެވެ.

" ދެ ސުވާލު ވެސް ހަދަމުން އެ ހަދާނެ ގޮތް އިންޓަވިއު ކުރި ޕްރޮފެސަރަށް ކިޔައި ދެމުން ގެންދަން ޖެހުނީ"

ޖަނާ ބުނީ، އިންޓަވިއު ދިޔަ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށާއި އެ ކޮލެޖަށް ވަނުމުގެ ފުރުޞަތު ލިބޭނެ ކަމަށް ބޮޑު އުއްމީދެއް އޮތް ނަމަވެސް ގިނަ ބަޔަކު ކުރިމަތިލާނެ ތީ ޖެހިލުންވެ، ބިރު ގަތް ކަމަށެވެ.

އިންޓަވިއުއިން ފާސްވެ ކޮލެޖަށް ވަނުމުގެ ފުރުޞަތު ލިބުނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެ ފުރުޞަތު ދިނީ ވެސް ޝަރުޠު ތަކަކާއެކުގައެވެ.

ޖަނާ، ވިލާ ހައި ސްކޫލްގެ ސްޓޫޑެންޓް ލީޑަރުންނާއެކު

ކޮލެޖަށް ވަނުމަށް އޭލެވެލްގެ މާއްދާތަކުން އޭ ސްޓަރ ލިބުނު ކަމުގެ ލިޔުންތަކާއި އިނގިރޭސި މާއްދާގެ ޓެސްޓަކުން ފާސްވި ކަމުގެ ލިޔުމެއްގެ އިތުރުން އެކަޑިމިކް ޓެކްނޮލޮޖީ އެޕްރޫވަލް ސެޓްފިކެޓެއް ވެސް ހުށަހަޅަން ޖެހެއެވެ.

ޖަނާ ބުނީ އޭލެވެލްގައި ސީޕީއީއިން އޭ އެއް ލިބިފައި ވުމާއި އޭލެވެލްގެ މާއްދާތަކުން އޭ ސްޓަރ ލިބިފައިވުމުން އުނދަގޫ ކަމަކަށް ދިމާވީ އޭ ޓެސްޓް ( އެކަޑިމިކް ޓެކްނޮލޮޖީ އެޕްރޫވަލް ސެޓްފިކެޓް) ހޯދާށެވެ.

" އެޓެސްޓް ކުލިއަރެންސް ހޯދަން ޖެހުނީ އޮންލައިންކޮށް ވެބްސައިޓަކަށް އެދެން. އެ ސެޓްފިކެޓް ހޯދާން ފޯމް ފުރާ ހެދުމުގައި އިމްޕީރިއަލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިން. އެ ކުލިއަރެންސް ލިބުނީ އެޕްލައި ކުރިތާ މަހެއްހާ ދުވަސް ފަހުން" ޖަނާ ބުންޏެވެ.

ޖަނާ ބުނީ އިމްޕީރިއަލް ކޮލެޖުން މިހާރު ވަނީ އަންކޮންޑިޝަނަލް އޮފާ ލިބިފައެވެ. އިމްޕިރިއަލް ކޮލެޖްގެ ޓިއުޝަން ފީ ބޮޑުވުމާއި ލަންޑަނުގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުން ޖަނާއަށް މި ފުރުޞަތުގެ ބޭނުން ހިފެން އޮތީ ޚަރަދު އެއްކޮށް ހަމަޖެހިގެންނެވެ.

ޖަނާ، މަންމައާއި ބައްޕައާޢެކު: ކިޔެވުމުގައި އެންމެ ބޮޑު އެހީތެރިކަމަކާއި ސަޕޯޓެއް ލިބުނީ އެ ދެމީހުންގެ ފަރާތުން
"އިތުރު ސްޕޮންސަރއެއް ލިބޭތޯ މަސައްކަތް މި ކުރަނީ. ރައީސް އިއުލާން ކުރެއްވި " މެރިޓް ސްކޮލަރޝިޕް " ލިބޭނެ ކަމަށް މި ބަލަނީ" ވިލާ ހައި ސްކޫލުން އޭލެވެލް ނިންމި ޖަނާ ބުންޏެވެ.

ޖަނާ ބުނީ މާސްޓަރސް ހިމެނޭހެން ކިޔަވަންޖެހޭ ކޯހަކަށް ވުމާއެކު ހަތަރު އަހަރު ދުވަހުގެ ކިޔެވުމަށް އަހަރަކު ޓިއުޝަން ފީގެ ގޮތުގައި އެކަނިވެސް 37900 ޕައުންޑް ދައްކަންޖެހޭ ކަމަށެވެ.

ޖަނާ އަމިއްލައަށް ހޯދި ފުރުޞަތުގެ ބޭނުން ހިފެން އޮތީ ވެސް އެހެން މީހުންގެ އެހީތެރިކަމާ އެކުގައެވެ. އޭނާގެ އުއްމީދުތަކުގައި ކުލަޖެއްސެން އޮތީ ކޯސް ސްޕޮންސަރ ކުރާނެ އިތުރު ފަރާތެއް ލިބިގެންނެވެ. ރައީސް ވިދާޅުވި އައު ސްކޮލަރޝިޕްގެ އުޞޫލު އަވަހަށް އިޢުލާން ކުރެވި، އެ ސްކޮލަރޝިޕް ލިބި އޭގެ ދަށުން ޚަރަދުތައް ހަމަޖެއްސިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *