ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް މާލެސިޓީގެ އިތުރު ހަތަރު ސްކޫލެއްގައި ފަށައިފި

ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް މާލެސިޓީގެ އިތުރު ހަތަރު ސްކޫލެއްގައި ފަށައިފިއެވެ. މި ފަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އިތުރުން ހުޅުމާލެ ރެހެންދި ސްކޫލްގައެވެ.

މިޕްރޮގްރާމްގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޓްރެފިކް ބެލެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މަޢުލޫމާތުދިނުމުގެ އިތުރުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 9 ން 13 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އަރަބިއްޔާ ސްކޫލާއި، ހުޅުމާލެ ރެހެންދި ސްކޫލުން ކޮންމެ ސްކޫލަކުން 35 ދަރިިވަރުން ބައިވެރިވެފައިވެއެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *