މިއީ ރަށުން ކިޔަވައިގެން ސާނަވީން އެއްވަނަ ހޯދި ދަރިވަރުން

ރަށް ފުށުގެ ސްކޫލްތަކުން ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދުމަކީ އެއީ ކުޑަ އުފަލެއް ނޫނެވެ. ފާއިތުވި އަހަރުގެ ސާނަވީ އިމްތިހާނުގައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި 18 ދަރިވަރުން ހިމެނުނުއިރު އަތޮޅު ތެރޭގެ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުން ނިސްބަތުން ގިނައެވެ. 18 ދަރިވަރުންގެ ތެރެއިން އަށް ދަރިވަރުންނަކީ އަތޮޅު ތެރޭގެ ހަތް ސްކޫލަކުން ކިޔަވައިގެން އެއްވަނަ ހޯދި ދަރިވަރުންނެވެ. އެއީ ހއ. އަތޮޅު މަދަރުސާގެ ދަރިވަރަކާއި އިހަވަންދޫ ސްކޫލްގެ ދަރިވަރަކާއި ޖަލާލުއްދީން ސްކޫލްގެ ދެ ދަރިވަރަކާއި ތޮއްޑޫ ސްކޫލްގެ ދަރިވަރަކާއި ދިޔަމިގިލީ ސްކޫލްގެ ދަރިވަރަކާއި ވިލުފުށީ ސްކޫލްގެ އިތުރުން ހިތަދޫ ސްކޫލްގެ ދަރިވަރެކެވެ. މާލޭގެ ހަ ސްކޫލަކުން އެއްވަނައިގައި ހިމެނުނު 10 ދަރިވަރުންނެވެ.

އަތޮޅުތަކުގެ ސްކޫލްތަކުން އެއްވަނަ ހޯދި އަށް ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރުންގެ ކާމިޔާބީގެ ވާހަކަ ވާނީ ކުރިން ގެނެސްދީފައެވެ.

އެއްވަނައަށް ދިޔަ އަތޮޅު ސްކޫލްތަކުގެ އަށް ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރުންގެ ކާމިޔާބީގެ ވާހަކަތައް:

ފާތިމަތު ސުދާ މުހައްމަދު – ހއ. އަތޮޅު މަދަރުސާ

ބަތްކައްކާ ކުޅުނުއިރުވެސް ވާންބެނުންވީ ޑޮކްޓަރަކަށެވެ. ރަށުގައި ހުރި ސިއްޙީމަރުކަޒަށް މަންމައާއެކު ގިނަގިނައިން ގޮސްހެދީ ވެސް އެކަމަށް ހުންނަ ޝަޢުޤެއްގެ ބޮޑުކަމުންނެވެ. ޑޮކްޓަރުން އަޅާ ގޮތަށް ކަށިގަނޑު އަޅައިގެން އެއް އުމުރުފުރާގެ ކުދިން ބަލައި އުޅުނެވެ. ކުޅުމުގެ ތެރެއިން އެކުދިންނަށް ބޭސްދީ ހެދީ ވެސް އެކަމަށް އޮތް ކުލުނެއްގެ ބޮޑުކަމުންނެވެ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއިން މި އަހަރު އޯލެވެލް ހެދި ފާތިމަތު ސުދާ، ކިޔެވީ ވެސް އެންމެ ބޭނުމަކުއެވެ. ރަނގަޅު ނަތީޖާއެއް ހޯދައިގެން ޑޮކްޓަރަކަށް ވުމަށެވެ.

ސުދާ: ރަނގަޅު ނަތީޖާއެއް ހޯދީ ޑޮކްޓަރަކަށް ވާހިތުން

މުޙައްމަދު ޝައްޔާނު – އިހަވަންދޫ ސްކޫލް

ސައްޔާން ބުނީ، ސާނަވީން އެއްވަނަ ހޯދުމަކީ އެއީ އަބަދުވެސް ދެކެމުން އައި އުއްމީދެއް ކަމަށާއި، އެ އުއްމީދު ޙާޞީލް ކުރަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

" ވަރަށް އުފާވެއްޖެ އެއްވަނައަށް ދެވުނިމާ. އެވަރަށް މަސައްކަތް ވެސް ކުރެވުނު" ދަރިވަރު ނޫހާ ވާހަކަ ދައްކަމުން ސައްޔާނު ބުންޏެވެ.

ރީޗެކް ކުރުމުން އިހަވަންދޫ ސްކޫލްގެ ސައްޔާނު އޯލެވެލްގެ ގަދަ ދިހައެއްގެ އެއްވަނައަށް

އަހްމަދު ޔާސީން އިބްރާހިމް- ޖަލާލުއްދީން ސްކޫލް

ސާނަވީ އިމްތިޙާން ނިންމާލިއިރު ވެސް، ޖަލާލުއްދީން ސްކޫލުގެ އަޙުމަދު ޔާސިން އިބްރާހިމަށް ޔަޤީން އެއްކަމެއް އޮތެވެ. އެއީ ސާނަވީން ގަދަ ދިހައެއްގައި ހިމެނޭނެ ކަމެވެ. އެކަމަކު ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބިދާނެ ކަމަށް އެއްގޮތަކަށް ވެސް އޭނާ އުއްމީދެއް ނުކުރެއެވެ. އޯލެވެލްގެ ނަތީޖާވީ އޭނާއަށް ސަޕްރައިޒަކަށެވެ. ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބި، ކޮމްޕިއުޓަރ ސައިންސްއިން މުޅި ރާއްޖެއިން އެއްވަނަ ވެސް ލިބުނީއެވެ.

އޯލެވެލްއިން އެއް ވަނަ ހޯދި ޖަލާއްލުއްދީންގެ ޔާސިން، ދިވެއްސާއި އިނގިރޭސިން އޭ ސްޓާހޯދަން، ފޮތް ކިޔާފައި ލިޔުނީ

އައިޝަތު މިޝްޤާ ނާސިރު- ތޮއްޑޫ ސްކޫލް

އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ލިބުމުން، ދަރިވަރު ނޫހަށް މިޝްޤާ ބުނީ، ޓިއުޝަނަކާ ނުލައި ދުނިޔޭގެ ފެންވަރުގެ ކާމިޔާބެއް ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ. އަދި ބުނީ އެފަދަ ކާމިޔާބީއަކަށް އުއްމީދު ނުކުރި ނަމަވެސް ހުރިހާ މާއްދާއަކަށް މަސައްކަތް ކުރި ކަމަށެވެ.

މިޝްޤާއަކަށް އުނދަގޫ މާއްދާއެއް ނެތެވެ. އެކަމުވެސް ނަތީޖާ ޔަޤީން ކުރަން، ހިސާބާއި ބިޒްނަސްއާއި އެކައުންޓުން ޓިއުޝަން ނެގިއެވެ. އޭގެ އިތުރުން ފިލާވަޅު ދަސްކުރަން އެންމެ ފަސޭހައީ އެހެން މީހުންނަށް ކިޔައިދީގެންނެވެ.

ތޮއްޑޫ ސްކޫލްގެ މިޝްޤާ: އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ

 

ޝައިބާން ޝަފީޤު – ދިޔަމިގިލީ ސްކޫލް

ދިވެހި މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާ އަކުން އޭ ސްޓަރ ލިބުނު ޝައިބާން ރީ ޗެކަށް އެދުނީ ދިވެހިން އޭ އެއް ލިބުމުންނެވެ.

ޝައިބާން ދަރިވަރު ނޫހަށް ކިޔައިދިން ގޮތުގައި، ރީ ޗެކަށް ލީ ދިވެހިން އޭ ސްޓަރއެއް ލިބިދާނެ ކަމަށް އުއްމީދު ކޮށްގެންނެއް ނޫނެވެ.

" ރީޗަކަށް ދާން ނިންމީ ދިވެހި މާއްދާއިން އޭ ސްޓަރ ލިބިދާނެ ކަމަށް ބަލައިގެންނެއް ނޫން" އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން މިހާރު އޭލެވެލް ހަދަމުންދާ ޝައިބާން ބުންޏެވެ.

ރީ ޗެކް ކުރުމުން، ދިޔަމިގިލީ ސްކޫލްގެ ޝައިބާން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށް

އަބްދުﷲ ނައިސަމް އުސްމާން- ވިލުފުށީ ސްކޫލް

މޮކް އެގްޒާމުން ލިބުނު ނަތީޖާއިން ވެސް ގަދަ ދިހައެއް ކަށަވަރު ވާނެ ކަމުގެ އުއްމީދު އޭނާގެ ހިތުގައި އޮތެވެ. އެކަމަކު ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ޤައުމީ ގަދަ ދިހައަކަށް ދެވިދާނެ ކަމަށް އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. އެހެންވެ ވިލުފުށީ ސްކޫލުން މިއަހަރު އޯލެވެލް ނިންމި، އަބްދުﷲ ނައިސަމް އުސްމާންގެ ނަތީޖާވީ އޭނާއާއި ރަށާއި، ސްކޫލަށް ވެސް" ސަޕްރައިޒް" އަކަށެވެ. ނައިސަމްވީ ވިލުފުށީ ސްކޫލްގެ ތާރީޚުގައި ވެސް ސާނަވީ އިމްތިޚާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު ހަމައެކަނި ދަރިވަރަށެވެ.

ނައިސަމް ދިނީ ރަށާއި ސްކޫލަށް ވެސް "ސަޕްރައިޒެއް"

އާމިނަތު މިނާލް އަހުމަދު –ހިތަދޫ ސްކޫލް، އައްޑޫ ސިޓީ

ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުމަކީ އައްޑޫ ހިތަދޫ ސްކޫލުގެ އާމިނަތު މިނާލް އަހުމަދަށް ލިބުނު ސަޕްރައިޒެކެވެ. ސާނަވީ އިމްތިޙާނުން އޭނާ އުއްމީދު ކުރީ ދެވަނަ ނޫނީ ތިން ވަނަ ލިބޭނެ ކަމަށެވެ.

" މަސައްކަތް ކުރިން، އެކަމަކުވެސް އެއްވަނަ ލިބިދާނެ ކަމަށް އުއްމީދެއް ނުކުރަން" ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުމުން އުފަލުން ހުރި މިނާލް ބުންޏެވެ.

2021-2022 ވަނަ އަހަރުގެ ސާނަވީން އެއްވަނައިގައި އައްޑޫ ސިޓީން ހިމެނުނު ހަމައެކަނި ދަރިވަރަކީ ވެސް އޭނާއެވެ.

މިނާލް އުއްމީދު ކުރީ ދެވަނަ، ލިބުނީ އެއްވަނަ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *