ސާނަވީ އިމްތިޙާނުގައި ޤުރްއާން މާއްދާ އިމްތިޙާނު ކުރުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު، އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފުރިހަމައަށް ލިބެންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އެ ސާކިއުލަރގައި ބުނެފައި ވަނީ ކީސްޓޭޖް ހަތަރެއްގައި މިހާރު ތިބި ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުން ކަމަށާއި، މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެ މަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާސިލްވުމަށް ހުރަސް އެޅޭނެ ކަމެކެވެ. އަދި އެ ސާކިއުލަރގައި ބުނެފައި ވަނީ ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ކީރިތި ގުރުއާން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ކޮށްފައި ނޫން ކަމަށެވެ.
" މި ކަންކަމަށް ރިޔާއަތްކޮށް، ކީސްޓޭޖް ހަތަރެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިހާނު ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރަން ނިންމީ" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެެވެ. ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސުކޫލްތަކުގައި ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެ ސަރކިއުލަރގައި ބުނެފައިވެއެވެ.
advertisment
ހިޔާލު