މަޖީދިއްޔާ ސްކޫލްގެ ކެޑޭޓް ހަރަކާތައް 75 އަހަރު ފުރުން ފާހަގަކުރަނީ

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް މަޖީދިއްޔާ ސްކޫލްގައި ކެޑޭޓް އުފެއްދިތާ 75 އަހަރު ފުރޭ، އަލިމަސްޔޫބީލް ފާހަގަ ކުރަން ނިންމައިފިއެވެ. މަޖީދިއްޔާގައި ކެޑޭޓް ތައާރަފުކުރީ 15 ފެބުއަރީ 1945 ވަނަ އަހަރުއެވެ.

އެ ސްކޫލުގެ ކެޑޭޓް ހަރަކާތުގައި ބައިވެރިވެފައިވާ އެ ސްކޫލްގެ ކުރީގެ ދަރިވަރުންނަށް އަމާޒުކޮށް ޚާއްޞަ ބައްދަލުވުމެއް މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާނެ ކުރީގެ ދަރިވަރުން ނަންނޯޓް ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުޙަންމަދު ސޯލިޙު ވިދާޅުވީ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭ ކައުންޑައުންގެ ތެރެއިން މި އަހަރަށް ރާވާލާފައި އޮތް އެންމެ މުހިންމު ކަމަކީ ކެޑޭޓަށް 75 އަހަރު ފުރުން ފާހަގަ ކުރެއްވުމެވެ. އެ މުނާސަބާ ފާހަގަ ކުރެއްވުމަށް މަސައްކަތް ކުރަމުންދަނީ އެ ސްކޫލްގެ "އަތްބާ" އާ ގުޅިގެންނެވެ. އަތްބާ އަކީ މިއުޒިކާއި އާޓްސްއަށް ޚާއްޞަކޮށްގެން އެ ސްކޫލްގެ އިސްދަރިވަރުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އުޅެނީ ކެޑޭޓާއި ބޭންޑުގައި އުޅުއްވި ކުރީގެ ދަރިވަރުންނެވެ.

" އަޅުގަނޑުމެން ބޭނުން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން. މިފަދަ ކަމެއް ސްކޫލުން ކުރިއަށް ގެންދާއިރު، ކުރީގެ ދަރިވަރުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ" އައިޝަތު ވިދާޅުވިއެވެ. " އަޅުގަނޑުމެންވެސް އެބަހުރި ކަންތައްތަކެއް ރާވާފައި. އެ ބައްދަލުވުމަށްފަހު ކުރިއަށް ގެންދާނެ ހަރަކާތްތައް ނިންމާނީ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *