ޔަޝާ ކާމިޔާބު ހޯދީ އެހެން ކުދިންނަށް ލިބޭ ނަތީޖާ އަޅާ ނުކިޔާ، އަމިއްލަ ނަތީޖާ ރަނގަޅުކުރަން ވިސްނައިގެން

ރަނގަޅު ނަތީޖާއެއް ހޯދަން މަދަރުސާގައި ޓީޗަރުން ކިޔަވައިދޭ އެއްޗެއްގެ އިތުރުން ޓިއުޝަން ނެގުމަކީ އާންމު ކަމެކެވެ. ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ތެރެއިން ޓިއުޝަނަށް ބަރޯސާ ނުވަނީ މަދު ދަރިވަރެކެވެ. ފަސް މާއްދާއިން އޭ ސްޓަރ ހޯދައ ރައީސުލްޖުމުހޫރިއްޔާގެ ސްކޮލަރޝިޕް ހޯދި ސީއެޗްއެސްއީގެ އައިޝަތު ޔަޝާ އަޙްމަދަކީ އޭގެ ތެރެއިން އެއް ދަރިވަރެވެ.

މަތީ ސާނަވީ މަރުޙަލާ ޔަޝާ ނިންމާލީ ޓިއުޝަނަކާ ނުލައެވެ. އޭނާ ދެކުނު ގޮތުގައި ޓިއުޝަން ނެގުމުގެ ބަދަލުގައި އަމިއްލައަށް ފިލާވަޅުތައް ކިޔާ އޮޅުންފިލުވުމަކީ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުމަށް މާ ފައިދާހުރި ގޮތެކެވެ. އިތުރު އެހީއެއް ނުވަތަ ސުވާލެއް ކުރަން ބޭނުންވާ ކޮންމެ ފަހަރަކު ސްކޫލުގެ މުދައްރިސުންގެ ފަރާތުން އެހީ ލިބެއެވެ. ދަސްކުރަން ނުވަތަ ޕްރެކްޓިސް ކުރަން އިތުރު ތަކެތި ބޭނުންވިނަމަ އެ ތަކެތި ވެސް ފޯރުކޮށްދޭން މުދައްރިސުން މަސައްކަތް ކޮށްދެއެވެ. އެހެންވެ ޓިއުޝަން ނެގުން ޔަޝާއަށް މުހިއްމެއް ނުވިއެވެ.

ސާނަވީގައި ޔަޝާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ދެވަނަ އަށެވެ.

ޔަޝާ ކިޔެވީ ވަކި ނަތީޖާއަކަށް އުއްމީދު ކޮށްގެން ނޫނެވެ. އެހެން ނަމަވެސް އަބަދުވެސް ނޭނގޭ އެއްޗެއް އޮތްނަމަ އެއެއްޗެއް އޮޅުންފިލުވާ އޭނާއަށް ކިޔެވުނު އެންމެ ރަނގަޅަކަށް ކިޔެވޭތޯ މަސައްކަތްކުރިއެވެ.

" ދުވަހަކު ވެސް އެހެން ކުދިންނަށް ލިބޭ ނަތީޖާ ބަލާ، އަޅާ ނުކިޔަން. އަބަދުވެސް ކުރެވެން އޮތް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭތޯ ބަލަނީ" ޔަޝާގެ ކާމިޔާބީގެ ސިއްރަކީ އެއީއެވެ.

މުދައްރިސުން ނަންގަވާދެއްވާ ފިލާވަޅުތައް ގެއަށް އައިސް މުޠާލިޔާކުރާއިރު މުދައްރިސުން ދެއްވާ ތަމްރީނުތައް ހެދުމުގެ އިތުރުން ޓެކްސްޓް ފޮތުން އެފިލާވަޅުތައް ކިޔަން ޚާއްޞަ ސަމާލުކަން ޔަޝާ ދެއެވެ. އަދި އެ ފިލާވަޅެއްގެ ނޯޓްސް އަމިއްލައަށް ހަދާ، އެ ޓޮޕިކްއަކާ ގުޅޭ ޕާސްޓް ޕޭޕަރ ސުވާލު ހެދުމަށްފަހު، އޭގެ މާކިންގ ސްކީމް ހޯދާ އަމިއްލައަށް އެ މާކުކޮށް، ރަނގަޅުވި ޖަވާބުތަކާއި، ނުބައިވި ޖަވާބުތައް ސަބަބާއެކު ހޯދައެވެ.

ޔަޝާ ބުނީ އެހެން ހެދުމުގެ ސަބަބުން ރަނގަޅު ކުރަންވީ ކަންތައްތަކާއި، ދަސްވެފައި ހުރި ބައިތަކުގެ އިތުރުން އަދި ރަނގަޅަށް ދަސްނުވެ ހުރި ބައިތައް އަމިއްލައަށް ފާހަގަކުރެވޭ ކަމަށެވެ.

" މިހެން ހެދުމުން ދެވަނަ ފަހަރަށް ކުށެއް ތަކުރާރު ނުކުރަން ހިތްވަރު ލިބޭ"

ޔަޝާ ބުނީ، ކިޔަވަން އިންނަނީ ކިޔަވަން ޝައުޤުވެރިވާ ގަޑިއެއްގައެވެ. އެކަން ކުރުމުގައި ގޭތެރޭގެ ހާލަތާއި، ނިންމަން ހުންނަ ފިލާވަޅުތަކަށް ބަރޯސާ ވެއެވެ.

" ބައެއްފަހަރު އަމިއްލަ ނަފްސަށް މަޖުބޫރު ކުރުވައިގެން ވެސް ކިޔަވަން އިށީންނަން"

ގުރޫޕް ސްޓަޑީގެ ފައިދާ ވެސް ކުރަނީ އެކި ކުދިންނަށް އެކި މިންވަރަށެވެ. ބައެއް ކުދިންނަށް އެކަނި ކިޔަވަން ފަސޭހަ ވާއިރު މާ ގިނަ ކުދިންނާ އެއްކޮށް ކިޔަވަން އުޅޭއިރު "ޑިސްޓްރެކްޓް" ވާ ގޮތް ވެއެވެ. އަދި އަނެއްބައި ކުދިންނަށް އެހެން ކުދިންނާ އެއްކޮށް މަޝްވަރާ ކުރަމުން ކިޔަވަން ފަސޭހަ ވެއެވެ. ޔަޝާއަށް ފަސޭހަވީ ގާތުގައި ކިޔަވަން އެހެން ކުދިން ތިބީމައެވެ.

ޔަޝާ ބުނީ އާއިލާގެ އެންމެން ވެސް އޭނާ އާމެދު ފަޚުރުވެރިވާ ކަމަށާއި، އެ އުއްމީދުތަކެއް ކުރާކަން އިހްސާސްކުރެވޭ ކަމަށެވެ. އެއީ އެ އެންމެންގެ ފަރާތުން ވެސް ތަފާތު ގޮތްގޮތުން ކެނޑިނޭޅި ލިބޭ އެހީތެރިކަމުންނެވެ.

ޔަޝާ ނަމޫނާއަކަށް ބެލީ ދައްތަމެން ކިޔެވުމަށް ގެންގުޅުނު އުސޫލުތަކާއި ކުރި މަސައްކަތެވެ.

" އަޅުގަނޑުމެންގޭގައި އަބަދުވެސް ކިޔެވުމަށް ވަރަށް ޚާއްސަ ސަމާލުކަމެއްދޭ. ކޮންމެ މީހަކަށް ލިބޭ ކާމިޔާބީއެއް ފާހަގަކުރަނީ ވަރަށް ކުލަގަދަކޮށް. އެހެންވެ އަޅުގަނޑަށް އެކަމުން ވަރަށް ބޮޑު ހިއްވަރެއް ލިބޭ. ނަތީޖާތަކާ ހަމައަށް ދާން ދައްތަމެން މަސައްކަތްކުރާތަން ފެނި ޝައުޤު އުފެދޭ" ޔަޝާ ބުންޏެވެ.
"  ކިޔެވުން ފަސޭހަކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިން. އޭރުވެސް މިހާރުވެސް އަޅުގަނޑަށް އާއިލާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން"

ޔަޝާ އެންމެ ގަޔާވަނީ ކެމިސްޓްރީ އާއި ފިޒިކްސް އަށެވެ. އިންޖިނިއަރިންގ ދާއިރާއަށް ޝަޢުޤު ހުއްޓަސް ކުރިއަށް ދާނެ ވަކި ދާއިރާއެއް އޭނާ އަދި ނުނިންމައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *