ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން މި އަހަރު ޖާގަ ދިން ކުދިންގެ ލިސްޓް އިއުލާން ކޮށްފިއެވެ. ލިސްޓް ޗެކްކުރާއިރު ހޮވުނުތޯ ކަށަވަރު ކުރުމަށްޓަކައި ދަރިވަރުގެ އައި.ޑީ ކާޑު ނަންބަރ ޗެކްކުރުމަށް ވަނީ އެ އިއުލާނުގައި ހަނދާންކޮށް ދީފައެވެ.
ސީއެޗްއެސްއީން ބުނެފައި ވަނީ އެ ސްކޫލަށް ވަނުމަށް ޖާގަ ލިބިފައިވާ ދަރިވަރުން ރެޖިސްޓްރޭޝަން އަށް ހާޒިރުވާންވީ ތާރީޚާއި ގަޑި ލިސްޓުން އެގެންއޮންނާނެ ކަމަށާއި ދަރިވަރު ހާޒިރުވާން ކަޑައެޅިފައިވާ ގަޑީގެ 5 މިނެޓު ކުރިން ބެލެނިވެރިޔާ އާ އެކު ހާޒިރުވުމަށް ސަމާލުކަންދިނުމަށް އެދޭ ކަމަށް ބުނެފައިވެއެވެ. ރަޖިސްޓްރޭޝަން މި މަހުގެ 12އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
އެ ސްކޫލްގެ ވެބްސައިޓްގައިވާ ގޮތުން މި އަހަރު ޖާގަ ދީފައިވަނީ އެ ސްކޫލަށް ވަންނަން ހުށަހެޅި ކުދިންގެ ތެރެއިން 553 ކުއްޖަކަށެވެ.
ސީއެޗްއެސްއީއަށް ވަނުމަށް ފޯމް ހުށަހެޅީ މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ޝަރުޠެއް ކަމަށް ބުނެފައި ވަނީ އެކެއް، މެއި 2018ގެ ފަހުން ބައިވެރިވެފައިވާ އެސްއެސްސީ އަދި ޖީސީއީ އޯލެވެލް، ނޫނީ އައިޖީސީއެސްއީ އިމްތިޙާނުން ޖުމްލަ ފަސް މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމެވެ. ސްޓްރީމް އިޚްތިޔާރޫ ކުރުމުގައި، ކޮމާސް ސްޓްރީމްގެ މާއްދާތައް ކަމަށް ބަލާނީ އެކައުންޓިން، ކޮމާސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި ހިސާބެވެ. ސައިންސް ސްޓްރީމްގެ މާއްދާތައް ކަމަށް ބަލާނީ ބަޔޮލޮޖީ، ކެމިސްޓްރީ، ކެމިސްޓްރީ، ފިޒިކްސް، އަދި ހިސާބެވެ. އާރޓްސް ސްޓްރީމްގެ މާއްދާތައް ކަމަށް ބަލާނީ ހިސްޓްރީ އާއި ޖޯގްރަފީއެވެ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީ ޖޯގްރަފީގެ ތެރެއިން އެއް މާއްދާއިންނަމަ، ދެވަނަ މާއްދާއެއްގެ ގޮތުގައި އިނގިރޭސި ބަހާއި، ލިޗްރޭޗަރ، އިކޮނޮމިކްސް ނުވަތަ ހިސާބު، މިއިން ކޮންމެވެސް އެއް މާއްދާއެއް ހިމެނިދާނެއެވެ.
އެ ސްކޫލުން ބުނީ ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާސް ސްޓްރީމް އޭލެވެލްގައި ހެދުމުގެ ފުރުޞަތު، އެ ދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބެލުމަށްފަހު ދެވިދާނެ ކަމަށެވެ.
ސީއެޗްއެސްއީން ބުނެފައި ވަނީ އެ ސްކޫލަށް ވައްދާނީ ސްކޫލް ލީވިންގ ސެޓްފިކެޓްގައިވާ ދަރިވަރުގެ އަޚްލާގާބެހޭ ބައިގައިވާ މައުލޫމާތަށާއި، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދާ އަޚްލާގީ ރިޕޯޓް ތަކުގެ މައްޗަށެވެ. އަދި މީގެ ކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއްގެ ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12ށް ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުޠު ކޮށްފައިވެއެވެ.
ސީއެޗްއެސްއީގައި މިހާރު 1500އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު