އޭނާގެ ކިޔެވުމުގެ ތާވަލު ބިނާވެފައި އޮންނަނީ، ދުވާލު ގަޑީގައި ޕާސްޓް ޕޭޕަރު ހެދުން، ރޭގަނޑު ފިލާވަޅުތައް މުޠާލިއާ ކުރުން
އަމީނިއްޔާއިން ސާނަވީ ނިންމިއިރު ވެސް ރާއްޖެއިން ބޭރުން ޑޮކްޓަރީކަން ކިޔަވަން ޝިނާ އަޝްރަފުގެ އުއްމީދު ކުރިއެވެ. ސާނަވީގައި ދިވެހިން އޭ އެއް، ހަތް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ލިބުނެވެ. އޭނާގެ އުއްމީދު ތަކުގައި ކުލަޖައްސަން އޭލެވެލް ކިޔަވަން ފެށީ އަވަށްޓެރި ސްރީލަންކާގެ ސްކޫލެއްގައެވެ. ޢާއިލާ އެ ޤައުމަށް ބަދަލުވުމުންނެވެ. ޝިނާ ބަދަލުވި ސްކޫލުގެ ކިޔެވުން އުއްމީދު ކުރި ވަރެއް ނޫނެވެ.
ފަސް މާއްދާއިން އޭ ސްޓަރ ހޯދުމުން ސްކޮލަޝިޕް ލިބޭ ކަމަށް ރައްޓެއްެސެއްގެ ފަރާތުން އެނގުމުން ޝިނާ ބޭނުންވީ މާލެއަށް ބަދަލުވާށެވެ. ސްކޮލަރޝިޕަށް ވާދަކޮށް އޭނާގެ އުއްމީދު ތަކުގައި ކުލަޖައްސާށެވެ.
ލަންކާގައި ދިރިއުޅެމުން ދިޔަ ޝިނާގެ އާއިލާ މާލެ ބަދަލުވިއިރު ކޮވިޑް 19އާ ގެ ހިޔަނި އޮތީ ރާއްޖެއަށް ވެސް ފެތުރިފައެވެ. މާލެ އައުމުގެ ކުރިން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ޖާގައެއް ކަށަވަރު ކުރިއެވެ. އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނީ އެ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް ސޮލާހެވެ.
ޝިނާ ބުނީ މާލެ ބަދަލުވެފައި އަހުމަދިއްޔާއަށް ކިޔަވަން ދިއުމާ ދޭތެރޭ ވަގުތު ތަކެއް ހޭދަވި ކަމަށެވެ. އެ ވަގުތުގެ ބޭނުން ހިފީ އޭލެވެލްގެ މާއްދާތަކަށް ޕްރެކްޓިސް ކުރުމުގައެވެ.

އުނދަގޫ އެތައް ޙާލަތެއްގެ ތެރެއިން އޭނާގެ އުއްމީދު ތަކުގައި ކުލަޖައްސައި ދިނީ އަހުމަދިއްޔާއިންނެވެ. އެ ސްކޫލުން ފޯރުކޮށްދިން އެހީތެރިކަމާއި ކުރި ހިތްވަރާއި މަސައްކަތުން ހަ މާއްދާއިން އޭ ސްޓަރ ހޯދައިގެން ރައީސުލްޖުމުޙޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޔަގީންކުރިއެވެ. ޑޮކްޓަރީކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިއުމަށް ޝިނާ ދަނީ ތައްޔާރު ވަމުންނެވެ.
ޝިނާ ބުނީ ސާނަވީއާއި އަޅާބަލާއިރު މަތީސާނަވީގެ މާއްދާތައް މަދު ނަމަވެސް، ކޮންމެ މާއްދާއަކުން ދަސްކުރަން އޮންނަ މިންވަރު މާ ބޮޑު ކަމަށެވެ. އެކަމަކު ވެސް ފިލާވަޅުތައް އިތުރަށް ތަފްސީލުކޮން ހުންނާތީވެ، ބޮލަށް ނަގައިގަންނަން ފަސޭހަވެފައި، މާ ޝައުޤުވެރި ކަމަށެވެ.
އޭނާ ކިޔެވީ ތާވަލެއް ހަދައިގެން ގަޑިތައް ބަހާލައިގެންނެވެ. ކިޔެވުން ބަހާލައިފައި ވަނީ ހުރިހާ މާއްދާއަކަށް ވެސް ވަގުތު ދެމުން، ކޮންމެ ދުވަހަކު ވަކިވަރަކަށް ޕާސްޓް ޕޭޕަރު ހަދަމުންނެވެ.
އޭނާ ގެންގުޅުނު ފޯމިއުލާގައި އޮންނަނީ "ދުވާލު ގަޑީގައި އޮންނަނީ ދުވާލު ޕާސްޕޭޕަރު ހެދުމެވެ، ރޭގަނޑު ފިލާވަޅުތައް މުޠާލިއާ ކުރުމެވެ.
ދިވެއްސާއި އިސްލާމް ކިޔަވަން ފެށީ ރާއްޖެއަށް ބަދަލުވެފައެވެ. ދިވެއްސާއި ހިސާބުން ޓިއުޝަން ނެގިއެވެ. ހިސާބުން ޓިއުޝަން ނެގީ ލަންކާގައި ސިލަބަސް ފުރިހަމަނުކޮށް މާލެ ބަދަލުވުމާއި ގުޅިގެން، ސިލަބަސް ފުރިހަމަ ކުރާށެވެ. ޓިއުޝަން ނަންގަވައިދެއްވި ދެ ޓީޗަރުން ކިޔަވައިދެއްވި ގޮތް ފުރިހަމަ ކަމުން ކުރިއަށް ދާން ވަރަށް ފަސޭހަވި ކަމަށް ޝިނާ ބުންޏެވެ.
މާލެ ބަދަލުވެ، ވަކި ޚާއްޞަ ތަނެއް ނެތުމުގެ އުނދަގޫތަކާ ޝިނާއަށް ކުރިމަތިވިއެވެ.
" ކިޔަަވަން ޖެހުނީ ބޮޑުދައިތަ ކޮޓަރީގައި ރޭގަޑު ހޭލާ އިނދެގެން" އެކަމަކަށް ޝިނާގެ ޝަކުވާއެއް ނެތެވެ.
ޝިނާ ބުނީ، އެންމެ ކުޑައިރުންސުރެ އޭނާ ބަލަމުންއައި ބޮޑުދައިތަ، އޭލަވަލް އިމްތިޙާނު ކައިރިވެފައި ވަނިކޮށް ނިޔާވުމުން ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށެވެ. ކިޔެވުމުގެ މަތިން ފޫހިވެ ކެއުމާ ދުރަށް ދެވުނެވެ.

" ބޮޑުދައިތަ ނިޔާވުމުގެ ނޭދެވޭ އަސަރު ކިޔެވުމަށް ވަރަށް ބޮޑަށް ކުރި. ވަރަށް އުނދަގުލުން އެކަމުން އަރައިގަނެވުނީ"
ޝިނާ ބުނީ އަހުމަދިއްޔާއިން ކިޔަވަން ފެށުމާއެކު އޭނާއަށް ކިޔެވުމުގެ ތެރެއަށް ވަދެވި ސްްކޮލަރޝިޕަށް އުއްމީދު ކުރެވުނު ކަމަށާއި އެކަން ވޭތޯ މަސައްކަތް ކުރުމުގެ ޢަޒުމެއް އޮތް ކަމަށެވެ.
އޭނާގެ ޔާމިޔާބުގެ ސިއްރަކީ ގަދައަޅައި ކުރި މަސައްކަތާއި ދުޢާ ކަމަށެވެ.
" ކާމިޔާބީގެ ސިއްރަކީ ރައީސްގެ ޚާއްޝަ ސްކޮލަރޝިޕް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ގަދައަޅައި މަސައްކަތް ކުރުން، ﷲ އަށް ވަކީލުކޮށް ދުޢާ ކުރުން" ޝިނާ ބުންޏެވެ.
ކާމިޔާބީއާއެކު ޝިނާގެ ޝުކުރު އޮތީ މައިންބަފައިންނަށެވެ.
" މަންމަ އަބަދުވެސް ބުނާނެ މަސައްކަތް ކުރާށޭ، ކާމިޔާބު ދެއްވާނީ ﷲ އެވެ. އަދި ﷲ އަށް ވަކީލުކުރާށެވެ. އަދި ގިނަގިނައިން ހަސްބުނަﷲ ވަނިއުމަލް ވަކީލް ކިޔާށޭ" ޝިނާގެ ތަޢުރީފު މަންމައާއި ބައްޕައަށް އޮއްސާލިއެވެ.
" މަންމަ އާއި ބައްޕަގެ އެއްބާރުލުމާ ނުލައި މި ކާމިޔާބީއެއް ހާޟިލު ނުވާނެ. ޚާއްޞަކޮށް އަޅުގަނޑުގެ މަންމަ ހުރިހާ ވަގުތެއްގައި ވެސް އަޅުގަނޑުގެ ގާތުގައި ގޭގައި އިނދެ، އަޅުގަނޑު މާޔޫސްވާ ވަގުތުތަކުގައި ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރުދޭ"
ޝިނާ ބުނީ އޭނާގެ ކާމިޔާބީގައި އަހްމަދިއްޔާ ސްކޫލުގެ ދައުރު ބޮޑުކަމަށާއި ކިޔަވައި ދެއްވި ޓީޗަރުންނަށް ޝުކުރު ޙައްޤު ކަމަށެވެ.
advertisment
ހިޔާލު