މަތީ ސާނަވީން ނަތީޖާ ނެރެން ކިޔެވުމުގެ "ސްޓައިލް ބަދަލުކޮށްލީ"

ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިން ދެވަނައަށް ސޮއްސާލީ ދިވެހި މާއްދާއިން އޭ ސްޓަރއެއް ނުލިބުމުންނެވެ. އެހެން ހުރިހާ މާއްދާތަކުން އޭ ސްޓަރ ހޯދި ސީއެޗްއެސްއީގެ އައިޝަތު ރައިފާ ނަސީމް އެކަމާ މެދު ފުންކޮށް ވިސްނިއެވެ. ސާނަވީގައި އެ ލިބުނު ނަތީޖާ އެއްވަނައަށް ބަދަލުކުރަން ބޭނުމެވެ. ސްކޮލަރޝިޕް ހޯދައިގެން ރާއްޖެއިން ބޭރަށް ކިޔަވަން ދާން އޭނާ ކިތަންމެގައި ވެސް ބޭނުމެވެ.

ރައިފާ ބުނި ގޮތުގައި ކާމިޔާބު ހޯދަން އޭނާ ކުރި ކަމަކީ މަތީ ސާނަވީން ކިޔެވުމުގެ ސްޓައިލާއި ވައްޓަފާޅި ބަދަލުކޮށްލީއެވެ. ދިވެހި މާއްދާއަށް ކުރިން ނުކުރާ މަސައްކަތް ކުރީއެވެ. ދިވެހި ލިޔުންތައް ކިޔުން އާދައަކަށް ހެދީއެވެ. އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ސީއެޗްއެސްއީގެ ދިވެހި މުދައްރިސް މުޙައްމަދު ޤާސިމްގެ www.mohamedgasim.com ވެބްސައިޓެވެ.

" ސާނަވީގައި ދިވެހި މާއްދާއަށް ނުކުރާ މަސައްކަތް މަތީ ސާނަވީގައި ކުރިން. ވަރަށް އިތުބާރު އޮވެގެން އިމްތިޙާނަށް ދިޔައީވެސް" އަމީނިއްޔާއިން ސާނަވީ ނިންމި ރައިފާ ބުންޏެވެ.

ދިވެހިން ލިބުނު އޭ ސްޓަރއާއެކު ފަސްމާއްދާއިން އޭ ސްޓަރ ހޯދައިގެން ރައިފާ ދިޔައީ މަތީ ސާނަވީން އެއްވަނަ އަށެވެ. އޭނާ މިހާރު ތައްޔާރު ވަމުން ދަނީ ރައީސްގެ ސްކޮލަޝިޕާއެކު ރާއްޖެއިން ބޭރުން ކިޔަވާށެއެވެ. އެއީ އޭނާ އުއްމީދު ކުރިވަރަށްވުރެ ވެސް ބޮޑު ކާމިޔާބީއެކެވެ.

ރައިފާ ބުނީ ސާނަވީއަށްވުރެ މަތީ ސާނަވީގައި ކިޔަވަންޖެހޭ މިންވަރާއި ކިޔަވައިދޭ "ސްޓައިލް"ވެސް ތަފާތު ކަމަށެވެ. ގުރޭޑް 11ގެ ކިޔެވުން ފަށައިގެން ދިޔައިރު ވަކިވަކި މާއްދާތަކުން ލިބުނު ނަތީޖާ ވެސް އެހާ ރަނގަޅެއް ނޫނެވެ. އެހެންވެ އެ ދުވަސްވަރު މާޔޫސްވި ކަމަށާއި އެކަމުން އަރައިގަނެވުނީ ހިތްވަރު ކޮށްފައި ފެށި މަސައްކަތްތަކުން ކަމަށް ރައިފާ ބުންޏެވެ.

" އެ ހިސާބުން ކިޔެވުމުގެ ސްޓައިލް ބަދަލުކޮށްލީ ވަކިވަކި މާއްދާތަކުން ކުރިއަށް ދެވޭނެ ގޮތަށް" ރައިފާ ބުންޏެވެ.

އޭނާ ސަމާލުކަން ދިނީ ހިސާބާއި ފިޒިކްސްގެ ސުވާލުތަކަށް ދޭ ޖަވާބު ވީހާވެސް ބޮޑަށް ފުރިހަމަ ކުރުމަށެވެ. ބައިލޮޖީއާއި އިސްލާމުން ހިތުން ދަސްކުރާންޖެހޭ ބަޔަކަށް ފުރަތަމަ އިސްކަންދީފައި، އޭގެ ފަހުން ޕާސްޓް ޕޭޕަރު ހެދުމަށެވެ. ޓެސްޓް ކައިރި ވުމުގެ ކުރިން ދުރާލާ ތައްޔާރު ވުމަކީ ވެސް ކިޔެވުމަށް އޭނާ ގެނައި މުހިންމު ބަދަލެކެވެ.

" އަޅުގަނޑުގެ ކާމިޔާބަކީ އެހެން ކުދިންގެ ނަތީޖާއިން މާޔޫސްނުވެ އަމިއްލަ ނަތީޖާއާ މެދު ވިސްނުން. އަމިއްލައަށް މަސައްކަތް ކުރެވޭ މިންވަރު އިތުރުކޮށް ނަތީޖާ ހޯދުން"

ދަންވަރު ހޭލާހުރެ ކިޔެވުމަކީ ރައިފާ ކުރާ ކަމެއްނޫނެވެ. ރޭގަނޑު 10 ގެ ފަހުން ކިޔެވުމެއް ނޯންނާނެއެވެ. އެންމެ އިސްކަންދިނީ އަވަހަށް ނިދާފައި ފަތިހު ތެދުވާށެވެ.

" މަދުވެގެން ހަ ގަޑިއިރުގެ ނިދި ހޯދަން. ކިޔަވާށޭ ކިޔާފައި ހޭލާ ނުހުންނަން. ނުނިދާ ހޭލާ ހުރެގެން ނުއެއް ކިޔެވޭނެ"

ކިޔެވުމުގައި ރައީފާގެ ދުވަހީ ތާވަލު ފަށަނީ ފަތިސް ނަމާދުންނެވެ. އޭގެ ފަހުން ގަޑިއެއްހާއިރު ކިޔެވުމުގައި ހޭދަކުރުމަށްފަހު ސައިބޮއިގެން ވެސް ހޭދަކުރަނީ ކިޔެވުމުގައެވެ. ހިތަސްކުރަންޖެހޭ ފިލާވަޅުތައް އޭނާ ދަސްކުރަނީ އެގަޑީގައެވެ. އެކަން ކުރަނީ ލިޔެގެންނެވެ.

" ވަކި ތާވަލެއް ހަދައި، އެދުވަހަކު ދަސްކުރަންޖެހޭ ފިލާވަޅެއްގެ ޓޮޕިކާއި ދަސްކުރަންޖެހޭ މިންވަރުވެސް އެ ތަވާލުގައި ހިމަނާފައި ވާނީ" ރައިފާ ބުންޏެވެ.

ރައިފާ ބުނީ ކިޔަވަން އިންނައިރު ދޭތެރެއަކުން ހުސްވަގުތު ކޮޅެއް ހޯދުން މުހިންމެވެ. ޓެސްޓް ދުވަސްވަރު ފޯނާ ދުރުވުމަކީ އޭނާ ގެންގުޅުނު އެންމެ ރަނގަޅު އާދަކަމަށް ރައިފާ ދެކެއެވެ.

ރައިފާ ދެކޭގޮތުގައި އެކުދިންނަށް ކިޔެވޭނީ އެކި މިންވަރަށެވެ. ކިޔަވާ ގަޑިއާއި ކިޔަވާ ސްޓައިލް ވެސް ތަފާތެވެ. ކިޔަވަން އެންމެ ފަސޭހަ ގަޑިއާއި ވަގުތު ވެސް ދެނެގަންނާނީ އެ ކުއްޖެކެވެ. އަދި ކިޔަވާށޭ ކިޔާފައި 24 ގައިރު އެކަމަށް ހޭދަކުރާކަށް ވެސް ނުޖެހެއެވެ. ރައިފާ ކިޔެވީ އެހެން ހުރިހާ ކަމަކަށް ވެސް ވަގުތު ދެމުންނެވެ.

ރައިފާ ބުނީ ރަހުމަތްތެރިންނާއެކު މަޖަލުގެ ތެރެއިން ކިޔަވާ ކިޔެވުން ގިނަ ދުވަހު ހަނދާން ހުންނަ ކަމަށެވެ. އަދި ކިޔެވުމުގައި އެކުވެރިންގެ ދައުރު ބޮޑު ކަމަށާއި ލިބޭ ކޮންމެ ހިތާމައަކާއި އުފަލެއްގައި އެމީހުން ބައިވެރިވި ކަމަށެވެ.

ރައިފާ އެންމެ ކިޔަވާ ހިތްވީ ބައިލޮޖީއާއި ފިޒިކްސްއެވެ. އެއީ އާންމު ދިރިއުޅުމަށް އެ ދެ މާއްދާއިން މުހިންމު ބަދަލުތަކެއް ގެނެވޭތީއެވެ.

ކޮއްކޮ ދަރިވަރަކަށް ހަދައިގެން ކުޑައިރު ކިޔަވައިދޭން ފޯރިހުއްޓަސް މިއަދު އެ ވިސްނުން ވަނީ ބަދަލުވެފައެވެ. މިއަދު ބޭނުން ވަނީ އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާށެވެ.

ރައިފާ ބުނީ އޭނާއަށް ކިޔެވުމުގައި ރަނގަޅު ފަހި މާހައުލެއް ހޯދައިދިނީ މަންމައާއި ބައްޕަ ކަމަށެވެ. އެ ދެމީހުންނަށް އޭނާގެ އޮތީ ހިތާހުތުގެ ލޯތްބެކެވެ. އަދި ހިތްދަތިވެ މާޔޫސްވާ ކޮންމެ ފަހަރަކު އޭނާގެ ދައްތަ ދޭ ހިތްވަރަކީ ވެސް ރައިފާގެ ހިތުން ދުވަހަކު ވެސް ފިލާނެ ކަމެއް ނޫނެވެ.

" އަޅުގަނޑަށް ލިބޭ ކާމިޔާބީތަކަށް ފަޚުރުވެރިވާ އެހެން ބަޔަކު ތިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް" ރައިފާ ބުންޏެވެ.
" ކުރިއަށް އޮތް ތަނުގައި ވެސް މަންމަމެން ބޭނުންވި ފަދަ ކުއްޖަކަށް ވުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. އެ ޔަގީންކަން މަންމަމެންނަށް ދެން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *