މަތީ ސާނަވީ އިމްތިޙާން ނިންމާލިއިރު ވެސް އަބްދުﷲ ރަޢުދު މޫސާއަށް ހިސާބާއި އިސްލާމް މާއްދާއިން އޭ ސްޓާއެއް ލިބޭނެ ކަމުގެ ކުޑަނަމަވެސް އުއްމީދެއް ނެތެވެ. އެ ދެ މާއްދާގެ ޕޭޕަރު ނިންމާލައި، ހިތާހިތާ ބުނެލެވުނީ ވެސް "ލިބޭނީ އޭއެއް" ކަމެވެ. ސާނަވީ އިމްތިޙާނުން ތިންވަނައަށް ދިޔައީ ވެސް އެ ދެމާއްދާއިން އޭ ލިބިގެންނެވެ. ދެން ހެދި ފަސް މާއްދާއިން ލިބުނީ އޭ ސްޓަރއެކެވެ.
ނަތީޖާ ނުކުތީ ރަޢުދު އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އުއްމީދު ކަނޑާލި ދެ މާއްދާއިން އޭ ސްޓަރ ލިބި، ރައީސުލްޖުމުހޫރިއްޔާގެ ސްކޮލަރޝިޕް އޭނާއަށް ކަށަވަރުވިއެވެ. މަތީ ސާނަވީން އޭނާއަށް ލިބުނީ ފަސް އޭ ސްޓަރއާއި އެއް ބީއެވެ.
" ހީކުރީ އޯލެވެލްގައި ދިޔަ ގޮތަށް އޭލެވެލްގައި ވެސް ދާނެ ކަމަށް. އެ ދެ މާއްދާގެ ޕޭޕަރު ހެދުނީ ހިތްހަމަޖެހޭ ގޮތަކަށް ނޫން" ޖަމާލުއްދީނުން ސާނަވީ ނިންމާލި ރަޢުދު ބުންޏެވެ.
ރަޢުދު ބުނީ އޯލެވެލްއާ އަޅާބަލާއިރު އޭލެވެލްގައި ކިޔަވަންޖެހޭ އެއްޗެއްސާ އަޅާބަލާއިރު ކިޔަވަން ލިބޭ ދުވަސްތައް މަދު ކަމަށެވެ. އެކަމަކު، ކިޔަވައިދޭ މާއްދާތައް މާ ފުޅާކޮށް ކިޔަވައިދޭތީ ފިލާވަޅު ދަސްކުރުމަށާއި ކިޔެވުމަށް ޝައުޤު އުފެދުނު ކަމަށް ރަޢުދު ބުންޏެވެ.

ކިޔެވިއިރު ރަޢުދު ބެލީ މާއްދާތަކުން އޭނާ ނަގާ ނޯޓްސްއަށް ވިސްނައިގަނެވި އޭގައި ބުނާއެއްޗެއް ފަހުމު ވޭތޯއެވެ. ހިތުން ދަސްކުރުމަށްވުރެ ފިލާވަޅުގައި ބުނާއެއްޗެއް ދޭހަވީމާ ދެން ފަށަނީ ޕާސްޓް ޕޭޕަރު ހަދާށެވެ.
" ޕާސްޓް ޕޭޕަރު ހަދާއިރު ސުވާލުތައް އައިސްފައި ހުންނަ ސްޓައިލާ ދޭތެރޭ ސަމާލުކަން ބަހައްޓަން. ދުރާލާ ޓެސްޓަށް ތައްޔާރުވަން. އެއީ ކިޔަވާ ކުއްޖަކު ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެނީ"
ޓެސްޓް އައުމުގެ ތިން މަސް ކުރިން ސީރިއަސް ކަމާއެކު ކިޔެވުމުގެ ތެރެއަށް ރަޢުދު ވަދެއެވެ. ކޮންމެ ދުވަހަކު ވެސް ވަކިވަކި މާއްދާތަކުން ނޯޓްސް ކިޔާފައި އެނާ ހަދަނީ ޕާސްޓް ޕޭޕަރެވެ. ޓެސްޓް ކައިރިވާ ވަރަކަށް އެކަމަށް ދޭ ވަގުތު އިތުރު ކުރެއެވެ. ޓެސްޓް ފެށުމާއެކު ހުރިހާ ވަގުތެއް އެކަމަށް ހުސްކުރެއެވެ.
" އަމިއްލައަށް ރިސަރޗް ކުރުމާއި ޔޫޓިއުބް ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފަހައި ފިލާވަޅުތަކަށް އިތުރު މައުލޫމާތު ހޯދަން މަސައްކަތް އެ ދުވަސްވަރު ކުރަން"
ކިޔެވުމަށް ވަކި ގަޑިއެއް ރަޢުދަށް މުހިންމެއް ނޫނެވެ. ކޮންމެ ގަޑިއެއްގައި ވެސް ކިޔަވަން ފަސޭހައެއެވެ. ރަޢުދު ޓިއުޝަން ނެގީ ހިސާބާއި ފިޒިކްސްގެ އިތުރުން ދިވެހި މާއްދާއިންނެވެ.
" ދިވެހިން ކުރިއަށް ދިއުމަށް އެހެން މީހުންގެ އިރުޝާދާއި ލިޔެފައި ހުންނަ ލިޔުންތައް ކިޔުން ވަރަށް މުހިންމު"

ރަޢުދު ބުނީ :" އަމިއްލަ ސްޕީޑްގައި" ކިޔެވަން ބޭނުންނަމަ ގުރޫޕް ސްޓަޑީ މުހިންމެއް ނޫނެވެ. އަމިއްލައަށް ކިޔަވާނަމަ ހުރިހާ ސަމާލުކަމެއް ހުއްޓޭނީ ކިޔެވުމަށެވެ. އެހެންވެ އޭނާ ސަމާލުކަން ދިނީ އެކަމަށެވެ.
ކޮވިޑްގެ 19ގެ ޢާލަމީ ވަބާގެ ހިޔަނި ރަޢުދުގެ ކިޔެވުމަށް އެޅުނެވެ. އޮންލައިންކޮށް ކުލާސްތައް ކުރިއަށް ގެންދަން ފެށުމުން އެ ކުލާސްތަކަށް ސަމާލުކަން ދޭން އުނދަގޫވިއެވެ. ކިޔަވައިދޭ ފިލާވަޅުގައި ބުނާއެއްޗެއް ފަހުމު ނުވާތާގައި ވާނުވާއެއް ވެސް ނޭނގެއެވެ. ކިޔެވުމާއިގެން ކުރިއަށްދާން ވެސް އުނދަގޫވިއެވެ.
" އޮންލައިން ކުލާސްތަކުން އެނގުނު އެއްޗެއް ނެތް. ވަރަށް އުނދަގޫކޮށް ދިޔައީ ކިޔެވުމުގެ ތެރެއަށް ނުވަދެވި ފިލާވަޅުގައި ބުނާއެއްޗެއް އެއްގޮތަކަށް ވެސް ފަހުމެއް ނުވޭ. ވަރަށް މާޔޫސް ގޮތަކަށް ދިޔައީ" ރަޢުދު ބުންޏެވެ.
ފިލާވަޅުތަކުގެ ތެރެއަށް ވަދެވި ކިޔެވުމުގެ ތެރެއަށް ރަޢުދަށް ވަދެވުނީ ސްކޫލްތައް ހުޅުވައިގެން އާންމު ކުލާސްތައް ފެށުމުންނެވެ.

ރަޢުދު އެންމެ ކިޔަވާ ހިތްވަނީ ހިސާބައި ފިޒިކްސްއެވެ. ކުޑައިރު ޕައިލެޓަކަށް ވާން ބޭނުންވި ނަމަވެސް މިހާރު އޭނާގެ އަމާޒަކީ އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދިއުމެވެ.
ރާއިދުގެ ކާމިޔާބީގެ ހިއްސާދާރުންގެ ގޮތުގައި ފާހަގަކުރީ އޭނާއަށް ކިޔަވައިދެއްވި ޓީޗަރުންނާއި މައިން ބަފައިންނެވެ. ޚާއްޞަ ގޮތެއްގައި މަންމައާއި ބައްޕައާއި ދައްތަގެ ނަން އޭނާ ފާހަގަކުރެއެވެ.
advertisment
ހިޔާލު