ޑރ. އާސިޔަތު މުޙައްމަދު ދީދީ
މިއަދަކީ ކޮންމެ އަހަރެއްގެ ވެސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. ދަރިން ރަނގަޅުގޮތުގައި ބަލައި ބޮޑުކުރުމުގެ ޒިންމާ އެޅިފައިވާ ބަޔަކީ އަޅުގަނޑުމެން ބެލެނިވެރިންނަށް ވީހިނދު ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވާނީ އެމީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށެވެ. ދަރިންނަށް ރަނގަޅު މަގުދައްކައި އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. ކޮންމެ ބެލެނިވެރިޔެއްގެ ވެސް ޒިންމާކަށްވާނީ މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރުން ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަށް ބަލާލުމުން އެނގިގެންދަނީ މިއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަމެވެ. ކުދިންނަށް ކިޔައިދޭ އެއްޗަކަށްވުރެ ފެންނަ މަންޒަރުތަކުން އެކުދިން ދަސްކުރާ މިންވަރު ބޮޑުކަމުގައި ހޯދުންތަކުން ހާމަވެއެވެ. އެހެންނަމަވެސް ވަށައިގެންވާ މާޙައުލުން ފެންނަ މަންޒަރުތަކަކީ އެންމެ ރަނގަޅު ގޮތުގައި ކުއްޖަކު ބޮޑުވުމަށް އެކަށީގެންވާ މަންޒަރުތަކަށް ނުވުމަކީ ހިތާމަ ހުރި ކަމެކެވެ. އެހެންކަމުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހަމައެކަނި ފުއްޕާހަމާއި ކުޅިވަރުތަކުން މިއަދު ނިންމާލެވޭކަށް ނެތެވެ. މިއަދުގެ ޖީލަކީ ޒިންމާދާރުކަމާއެކު މިޤައުމުގެ ޒިންމާތަކާއި ހަވާލުވެގެން ކުރިޔަށް ދެވޭފަދަ ތަރުބިއްޔަތެއް ލިބިފައިވާ ޢިލްމުވެރި، ހުނަރުވެރި ،ޤާބިލު ޖީލަކަށް ހެދުމަށްޓަކައި މިއަދު އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަން ވެއްޖެއެވެ.
ކާމިޔާބީ މިންކުރުމުގައި އެވޯޑާއި މެޑަލްއަށް ބަރޯސާވުން ހުއްޓާލަންޖެހޭ
ކުއްޖާ އުފަންވާ ދުވަހުން ފެށިގެން އަޅުގަނޑުމެން ބެލެނިވެރިންނަށް އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ ގޭގެ ސިޓިންރޫމް، އެވޯޑުތަކުން ފުރާލުމަށެވެ. ބޭބީ ނާސަރީ އަށް ދަރިވަރު ގެންދާ ދުވަހު މަސައްކަތް ފަށައިގަނެވެނީ އޯލެވެލްގެ ގަދަ ދިހަ އަކުން އެއްވަނަ ހޯދުމަށެވެ. ދެ ދުނިޔޭގެ ޙަޔާތް ކާމިޔާބު ކުރުމަށްޓަކައި، ޢިލްމާއި ހުނަރު ދަސްކޮށްދިނުމުގެ މުހިއްމުކަން ބުނެދިނުމުގެ ބަދަލުގައި ކުއްޖާއަށް ދަސްކޮށްދެވެނީ ވާދަވެރިކަމާއެކު، އެންމެނަށްވުރެ މަތީ އެވޯޑުތައް ހޯދާނެ ގޮތެކެވެ. މިކަމުގައި ދެއްކުންތެރިކަން އިސްކުރެވޭ މިންވަރު ވެސް ނުހަނު ބޮޑެވެ. އަދި ތިމާ ކުރިޔަށް ދިއުމުގައި އެހެން އެންމެން ފަހަތަށް ޖައްސާލަން ޖެހުނަސް ހޮޔޮކަމުގައި ބަލައި އެގޮތަށް ކަންކަން ކުރެވޭ ފަހަރު ވެސް އާދެއެވެ. ކަން މިހެން ހުރި ކަމުގައިވިއަސް މިއަދު އަޅުގަނޑުމެން ބެލެނިވެރިން ވިސްނަންވީ ކޮންމެ ކުއްޖަކަށް ވެސް ހަމަޖެހިގެން އުޅެވޭ ފަދަ ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އަދި ޢިލްމާއި ހުނަރުވެރިކަން ހޯދުމަކީ އެކުދިންނަށް ހުރި ބުރައަކަށް ނަހަދައި މިކަމުގައި އެ ކުދިންނަށް މަގުދައްކައިދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ހަމައެހެންމެ ކުރިއަށް ދެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފާނެ ގޮތްތައް ފަހިކޮށްދިނުމަށެވެ.
އިޖުތިމާޢީވިއުގައިގެ ނިވަލުގައި ޖީލުތަކެއްގެ ވިސްނުން ހަލާކުވުމަށް ފުރުސަތު ނުދެމާ!
އަޅުގަނޑުމެންގެ ދަރިން މިދަނީ ޒަމާނަށް އައި ބަދަލާ ފައި ހަމަކުރަމުންނެވެ. މިއަދު އެ ކުދިން ވެސް މިވަނީ ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކުގެ ޝިކާރައަކަށް ވެފައެވެ. ކުދިންނާ އެކުގައި ވާހަކަ ދައްކައި ވަގުތު ހޭދަކޮށްލާނެ އެންމެ ގާތް އެކުވެރިއަކީ އެއީ ކަމަށް ބަލައި، އެފަދަ މަންސަތަކުން ހާހުން ގުނާލެވޭ ވަރަށް "ފްރެންޑްސް" ގެ ނަމުގައި ނަންތަކެއް ފެންނަށް ހުރުމުން ކުދިންނަށް ހީވެފައި އޮންނަނީ އެކުދިންގެ އުޅެންވީ ދުނިޔެއަކީ އެއީ ކަމުގައެވެ. ދުވަހުގެ ގިނަ ވަގުތު ކޮންމެވެސް ސްކްރީނެއްގެ ޒަރީޔާއިން މުޢާމަލާތުތައް ކުރުމުގައި ކުދިން ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ސަބަބުން ކުދިން އުޅެމުންދަނީ އިޖުތިމާޢީ ވިއުގަތަކުގެ ދުނިޔޭގައެވެ. މީގެ ސަބަބުން އެހެން މީހުންނާއި އެކުގައި އުޅުން އެއީ އުނދަގޫ ކަމަކަށްވެ "ސޯޝަލް އެންޒައިޓީގެ" ޝިކާރަޔަކަށް ކުދިން ވެގެންދާ ތަން ފެނިގެންދެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ކުދިން އަޅުގަނޑުމެންގެ އަތްތަކުން ގެއްލި ، ބީވެގެން ދަނީ އަޅުގަނޑުމެންނަށް ނުވެސް އެނގި ތިއްބައެވެ. އެހެންކަމުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެން މިއަދު ވިސްނަންވީ، ދަރިންނަށް ދޭންވީ ޢުމުރާ ނުގުޅޭ ފޯނު، ޓެބުލެޓު ނަވަތަ އެފަދަ އެހެންވެސް ގެޖެޓެއްތޯއެވެ. ނޫނީ އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ވަގުތު އެކުދިންނަށް ދީގެން އެކުދިންނަށް ނުފެންނަ، ހުވަފެނީ ދުނިޔޭގެ ރައްޓެހިންގެ ކިބައިގެން އެކުދިން ސަލާމަތްކުރުމަށް އަޒުމު ކަނޑައަޅަން ނުވޭތޯއެވެ.
ދުންފަތާއި ވޭޕުގެ ކަޅުދުމުގެ ތެރެއިން މަސްތުގެ ދުނިޔެއަކަށް ޖީލުތަކެއް އޮޔާލުން
އަޅުގަނޑުމެން އެންމެ ލޯބިވާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބެލެނިވެރިޔެއްގެ ވެސް ދެލޮލުގެ ނޫރުކަމުގައިވާ ދަރިފުޅު، ވޭޕުގެ ކަޅުދުމުގެ ޝިކާރައަކަށްވެ، އެއަށްވުރެ ނުބައި މަސްތެއްގެ ތެރެއަށް ގެއްލިގެން ދާއިރު އަޅުގަނޑުމެންނަށް މިވަނީ ކުރާނެ ކަމެއް ނެތި ގޮތް ހުސްވާ ދަރަޖައަށް ގޮސްފައެވެ. ކިތަންމެ ވަރަކަށް ކިޔައިދީ ބުނެދިނަސް ވޭޕުކުރުން އެއީ ޞިއްޙަތަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ގަބޫލު ކުރަން އެކުދިންނަށް ނުހަނު އުނދަގުލެވެ. ނުވަތަ ޤަބޫލު ނުކުރެވެއެވެ. އެހެންކަމުން ނުވެސް އެނގި ތިއްބާ ނުހަނު ލޯބިން ގެންގުޅެމުން އައި ކުދިން، ވޭޕުގެ ދުނިޔޭގައި "ކޫލް" ކަމާއެކު އޮޔާ ގޮސް ގެއްލި ނިމެނީއެވެ. އޭގެ ސަބަބުން އޮޅުންބޮޅުން ބޮޑު ހާއްޔެއްގެ ތެރެއަށް ގޮސް ވަދެވެނީއެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ މިފަދަ ހާލަތަކަށް ކުދިން ނުދާނެ ގޮތަކަށް އެ ކުދިންގެ ތަރުބިއްޔަތުގެ ބިންގާ އެޅުމަށެވެ.
މިއަދު ކޮންމެ ބެލެނިވެރިޔަކު ވެސް ނުހަނު ފުންކޮށް ވިސްނާލަންވީ ކުދިންގެ ތަރުބިއްޔަތުގެ މުހިއްމުކަމާ މެދުގައެވެ. ސްޓޭޖު މަތިން ލިބޭ އެވޯޑުތަކަކުން ފޮތް އަލަމާރިތައް ފުރާލެވުނު ކަމުގައިވިޔަސް ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތު ކުރެވޭ ޖީލެއް ބިނާ ނުކުރެވިއްޖެނަމަ އެ އެވޯޑުތަކަކުން ކުރާނެ ކަމެއް ނޯންނާނެކަން ކަށަވަރެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން ބެލެނިވެރިން، ކުދިންނަށްޓަކައި ބޮޑެތި ޚަރަދުތައްކޮށް، އެކުދިންގެ ގްރޭޑު މަތިކުރުމަށް ކުރާ މަސައްކަތާ އެއްވަރަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ދަރިންގެ ތަރުބިއްޔަތަށް ވެސް މަސައްކަތް ކުރަންޖެހެއެވެ. ދަރިންނަކީ އަޅުގަނޑުމެނާއި ހަވާލުވެފައިވާ އަމާނާތެއްކަމުގައި ދެކިގެން އެކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ އަޅުގަނޑުމެންގެ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ ތައުފީޤު ﷲ ތަޢާލާ އަޅަމެން އެންމެންނަށް މިންވަރު ކުރެއްވުމެވެ. އާމީން!
advertisment
ހިޔާލު