އަލިމަސްޔޫބީލްއާ ގުޅުވައިގެން ޤައުމީ މިކުތުބުޚާނާއަށް ތަކެތި ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.
ޤައުމީ ކުތުބުޚާނާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 12 ޖުލައި 2020ގައި އެ ކުތުބުޚާނާއަށް 75 އަހަރު ފުރޭ އަލިމަސްޔޫބީލާއެކު ތަކެތި ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފުޅާ ދާއިރާއެއްގައި ހިންގަން ނިންމާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ މި ޕްރޮގްރާމްގެ ދަށުން ޢާންމު ރައްޔިތުންގެ އަތުގައި ހުރި، އެފަރާތްތަކުން ނައްތާލަން ބޭނުންނުވާ، ނަމަވެސް އެހެން ފަރާތަކުން އެތަކެތި ހެޔޮގޮތުގައި ބޭނުން ހިފާނެކަމުގެ ޔަގީންކަން ލިބިއްޖެ ޙާލަތެއްގައި ކުތުބުޚާނާއަށް ހަދިޔާކުރަން ބޭނުންވާ ތަކެތި ހޯދުމަށާއި، ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ފަސޭހައިން ހަދިޔާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ކިއުމަށްފަހު ގޭގައި އިތުރުވެފައި ހުންނަ ފޮތް، އުކާލުމުގެ ބަދަލުގައި އެހެން ބަޔަކަށް ބޭނުން ކުރަން ދިނުމުގެ ރިވެތި އާދަ ޢާންމުންގެ މެދުގައި އަށަގެންނެވުމާއި، ލައިބްރަރީތަކަށް ބޭނުންވާ ފޮތް، ކުޅޭތަކެތި އަދި އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ޢާންމުންގެ އެހީތެރިކަން ހޯދުމާއި، ކުދިންނަށް ކުރިން ހޯދާފައިވާ ކުޅޭތަކެއްޗާއި ފޮތް ފަދަ ތަކެތި ޖާގައިގެ ދަތިކަމުގެ ސަބަބުން އުކާލުމުގެ ބަދަލުގައި އެތަކެތި މުޖުތަމައުއަށް ފައިދާހުރިގޮތެއްގައި ބޭނުންހިފުމުގެ ފުރުސަތު އެފަރާތްތަކަށް ހުޅުވައިދިނުންވެސް މި ފަދަ ޕްރޮގްރާމެއް ހިންގުމުގެ މަޤްޞަދެއް ކަމުގައި ކުތުބުޚާނާއިން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ހިލޭސާބަހަށް ކުތުބުޚާނާއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތުވެސް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ކުތުބުޚާނާއިން އިއުލާން ކޮށްފައިވާ ގޮތުން މިޕްރޮގްރާމުގެ ދަށުން ތަކެތި ހަދިޔާކުރައްވަން ބޭނުންފުޅު ފަރާތެއްވާނަމަ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާ އިރުއޮއްސި 06:00 އާ ދެމެދު މިކުތުބުޚާނާގެ ފޯން ނަންބަރު: 3007252 އާ ގުޅުއްވުމުން އެތަކެތި ކުތުބުޚާނާއަށް ގެނައުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދޭނެއެވެ. މާލެ ސިޓީ ފިޔަވާ ރާއްޖޭގެ އެހެން ރަށަކުން ތަކެތި ހަދިޔާކުރައްވަން ބޭނުންފުޅުނަމަ އެތަކެތި މާލެ ގެނައުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެއެވެ. އަދި ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިޔާ ލައިބްރަރީގައި 15 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުން ފެށިގެން 29 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ތަކެތި ހަދިޔާކުރުމަށް ފޮށި ބެހެއެއްޓިފައި ހުންނާނެ ކަމަށް ޤައުމީ ކުތުބުޚާނާއިން ބުނެފައިވެއެވެ.
ފޮތް ހަދިޔާކުރުމުގައި ވީހާސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން މާލޭގެ ހަތަރު ސަރަހައްދެއްގައި ފޮތް ހަދިޔާ ކުރުމަށް މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00ން 6:00ށް ދެދެދު ދެ ޕިކަޕު މަޑުކޮށްފައި އޮންނާނެ ކަމަށް ކުތުބުޚާނާގެ އިއުލާނުގައި ބުނެފައިވެއެވެ. ޕިކަޕް އޮންނާނެ ސަރަޙައްދުތަކެއްގެ ގޮތުގައި ބުނެފައި ވަނީ އޮލިމްޕަސް ކުރިމަތި، ރަސްފަންނު، އައިކެޔަރ ކައިރި ބުރު، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ގޯތިތެރެ އަދި މަޖީދިއްޔާ ސްކޫލް ކަންމައްޗެވެ.
advertisment
ހިޔާލު