"ލެޓްސް ރީޑް" ގެ ނަމުގައި އިނގިރޭސި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

"ލެޓްސް ރީޑް" ގެ ނަމުގައި އިނގިރޭސި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙުމަދެވެ.
މިއީ އޭޝިއާ ފައުންޑޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ޤައުމީ ކުތުބުހާނާ އަދި ދިވެހި ބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޑިއުކޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދަނީ އިނގިރޭސި ބަހުން ލިޔެފައި ހުންނަ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްތަކެވެ. އޭގެ ފަހުން ދިވެހިބަހުން ލިޔެފައި ހުންނަ ފޮތްތައް އެހެން ބަސްބަހަށް ތަރުޖަމާކުރުން ވެސް ކުރިއަށް ގެންދާނެއެވެ. މި މަސައްކަތުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ވިއްސަކަށް ލިޔުންތެރިން ހަރަކާތްތެރިވެއެވެ. އަދި ލިޔުންތައް އެޑިޓްކުރުމަށް ދެ ބޭފުޅަކު ވެސް ހަރަކާތްތެރިވެއެވެ.

އޭޝިޔާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދާނީ އަރލީ ޗައިލްޑްހުޑް އަދި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމެވެ. ދެ ދުވަހު މުއްދަތަށް ކުރިއަށް ގެންދާ މިހަރަކާތުން ފަންސާސް ފޮތް ތަރުޖަމާކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ތަރުޖަމާ ކުރާ ފޮތްތައް އޮންލައިންކޮށް ޝާއިޢުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *