އޭލެވެލް ނިންމައި ޓީޗަރެއްގެ ގޮތުގައި ކުރިއަށްދާން ނިންމީ ހިސާބު މާއްދާއިންނެވެ. އެއީ ކިޔަވާ ހިތުން ކިޔެވި އެންމެ ޝަޢުޤުވެރިވި މާއްދާވެސް މެއެވެ.
ވަރަށް ކުޑައިރު މަންމަ ނިޔާވެފައިވާތީއާއެކު ކޮއްކޮމެންނާ ދުރުގައި، މާލޭގައި ހުރުން އެއީ ފަސޭހަކަމަކަށް ނުވިއެވެ. އެހެންވެ ރަށަށް ދިއުން މުހިންމު ވާތީ، މިހާރު ކިހާދޫ ސްކޫލްގައި ދިވެހި މުދައްރިސެއްގެ ބޮޑު ޒިންމާ އަދާކުރައްވަމުން ގެންދަވާ ފާތިމަތު ލީނާ (ލީނާ މިސް) ޚިޔާރު ކުރެއްވީ ދިވެހި މުދައްރިސެއްގެ ގޮތުން ކުރިއަށް ވަޑައިގެންނަވާށެވެ.
މުދައްރިސެއްގެ ގޮތުގައި ކުރިއަށް ވަޑައިގެންނެވުމަށް މިސް ޚިޔާރު ކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެވެ. އެ ޔުނިވަރސިޓީން ޑިޕްލޮމާ ނިންމައި އުފަން ރަށް ބ. ހިތާދޫ ސްކޫލާ ގުޅިވަޑައިގެންނެވީ 2008ގައެވެ. ތިން އަހަރު ރަށުގައި ކިޔަވައި ދެއްވުމަށްފަހު، 2012 ވަނަ އަހަރު، ބ. ކިހާދޫ ސްކޫލާ ގުޅިވަޑައިގެންނެވީ ދިރިއުޅުމެއް ފެއްޓެވުމާ ހިސާބުންނެވެ.

ކިޔަވައިދޭ ދަރިވަރުންނަށް އެއްޗެއް އުނގަންނައި ދެވޭނީ މުދައްރިސެއްގެ ގޮތުގައި ވެސް އުނގެނި ދަސްވެގެން ކަމަށް އަބަދު ވެސް ލީނާ މިސް ޤަބޫލުކުރައްވައެވެ. އެހެންވެ ފުރަތަމަ ޑިގްރީއަށް 2019 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވިއެވެ.
ފުރަތަމަ ޑިގްރީ ހެއްދެވިއިރު ވެސް މިސް ގެންގުޅުއްވި ހަމައަކީ ޓީޗަރެއްގެ ގޮތުގައި ކިޔަވާ ދެއްވާ ދަރިވަރުންނަށް ނަމޫނާއަކަށް ވެވަޑައިގެންނެވުމެވެ. އެހެންވެ ލީނާ މިސް މަސައްކަތް ކުރެއްވީ ބައިވެރިވި ކޯހުން ރަނގަޅު ނަޔީޖާއެއް ހޯއްދެވުމަށެވެ. އެ މަސައްކަތުގައި ކާމިޔާބު ހޯއްދަވައި ބެޗްލާރ އޮފް ޓީޗިންގ ޕްރައިމަރީ (ދިވެހި/އިސްލާމް) ކޯހުން އެއްވަނަ ހޯއްދެވިއެވެ.
" ކިޔަވައިދޭ ދަރިވަރުންގެ ގާތުގައި ކިޔަވައި، ރަނގަޅު ނަތީޖާއެއް ހޯދަން ބުނާއިރު، މުދައްރިސެއްގެ ގޮތުން އެ ނަމޫނާ ޢަމަލީ ގޮތުން ދައްކަން ބޭނުންވީ. އެހެންވެ ވަރަށް މަސައްކަތުން ކޯހުން އެއްވަނައާ ހަމައަށް ދެވުނީ" ލީނާ މިސް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ނިމިގެން ދިޔައިރު، މާސްޓާރސް ކޯހުން ވެސް ފަޚުރުވި އެއްވަނަ ހޯދާ ރައީސުލްޖުމުހޫރިއްޔާގެ އެވޯޑް ހޯދި ފަޚުރުވެރި ދަރިވަރުންގެ ތެރޭގައި ލީނާ މިސް ހިމެނިވަޑައިގެންނެވިއެވެ. އެއީ އޭނާ ކިޔަވައިދޭ ދަރިވަރުންނަށް ލިބިގެން ދިޔަ ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެކެވެ.

" ފުރަތަމަ ޑިގްރީން އެއްވަނަ ލިބުނީމާ އޭރު ޢަޒުމް ކަނޑައެޅީ މާސްޓާރސް ކޯހުން ވެސް ރަނގަޅު ވަނައެއް ހޯދަން. އެއްވަނަ ނޫނަސް ކުރެޑިޓް ޕޮއިންޓް ނަމަވެސް މަތިވާން" ލީނާ މިސް ވިދާޅުވިއެވެ.
ލީނާ މިސް ވިދާޅުވީ، މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރަމުން، ރަސްމީ ހުރިހާ ދުވަހެއްގައި ކަހަލަ ގޮތަކަށް އޮންލައިންކޮށް ކިޔަވަން ޖެހުމުން ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
" ގުރޭޑް 10ގެ ދަރިވަރުންނަށް ކިޔަވައިދޭތީ އެކުދިންނަށް ވަގުތު ދެމުން، ކޯހުގައި އިތުރަށް ދޭ މަސައްކަތްތައް ނިންމަމުން ދާން ވަރަށް ބޮޑު ގޮންޖެހުމަކަށްވި"

މިސް ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ފަޚުރުވެރި ދަރިވަރެއްގެ ގޮތުގައި ކޯސް ނިންމާލިއިރު ލިބުނު ހިތްގަމަޖެހުމަކީ އެ ޔުނުވަރސިޓީގެ ދާރިސުންގެ ފަރާތުން އަބަދުވެސް ލިބޭ އެހީތެރިކަމެވެ. ފުރަތަމަ ޑިގްރީއަށްފަހު މާސްޓަރސްއަށް ދިޔައީވެސް ޤައުމީ ޔުނިވަރސިޓީއަށް ޖެހިފައި ލޯތްބެއްގެ ސަބަބުންނެވެ.

" އެމްއެންޔޫއިން ކިޔަވާފައި ހުރީމާ ހިތްޖެހިފައި ހުންނަނީ. ފެންވަރުގެ ގޮތުން ބަލާއިރު ވެސް އެމްއެންޔޫ މާ ރަނގަޅު"
ލީނާ މިސްގެ އުއްމީދަކީ މިސް ކިޔަވައިދޭ ދަރިވަރުން ރަނގަޅު ކުދިންތަކެއްގެ ގޮތުގައި މުޖުތަމަޢުއަށް ނުކުތުމެވެ.
advertisment
ހިޔާލު