މަދަރުސީ ހަޔާތް: ޑރ. ޝަމީމުގެ މަދަރުސީ އަގުން ހޯއްދެވި ކުރިމަގު

އޭރު އޭނާގެ ޢުމުރުން އެންމެ 12 އަހަރެވެ. ނަމަވެސް ޗެލެންޖު ކުރީ މަންމައާއެވެ. މަންމަ ބުނަމުން ދިޔައީ އެ ދަރިފުޅަށް ނުކިޔެވޭނެ ކަމަށެވެ. އެ އުޅޭގޮތަށް އުޅެގެން ވަޒީފާގަނޑެއް ވެސް ނުލިބޭނޭ ކަމަށެވެ. އެ ޗެލެންޖާއެކު ހިތުގައިޖެހުނު ދަރިފުޅު ބޭނުންވީ، އޭނާއަށް ކިޔެވޭނެކަމާއި ވަޒީފާ ވެސް ލިބޭނެކަން ސާބިތު ކޮށްދޭށެވެ. އެކަން ސާބިތުކޮށްދިނުމަށް އެ ޢުމުރުގައި އެ ދަރިފުޅު ހޯދީ ބަނޑޭރިކަމުގެ ސެޓްފިކެޓެވެ. އެ ސެޓްފިކެޓާއެކު މަންމަގެ ކުރިމައްޗަށް ދިއުމުން މަންމަ އުފެއްދީ އިތުރު ސުވާލެކެވެ.

" މި އޮތް އިނގިރޭސި ޒަމާނުގައި ތި އުޅެނީ ބަނޑޭރިކަމުން ފުއްދާލަން ހެއްޔެވެ؟" މި ސުވާލުން ދެން ވެސް އެ ދަރިފުޅު ލިބިގަތީ އިތުރު ހިތްވަރެކެވެ. އޭރުގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު ޑިވިޝަނުން ހިންގި ޑޮމިސިއެލަރީ ވޯކާރ ކަމުގެ ސަނަދު އެ ދަރިފުޅު ނެގިއެވެ. އެއީ ގޭގެއަށް އެކިއެކި ސިއްހީ ކަންކަމުގައި ގޮސް ކަންކަން ބަލައި މަޢުލޫމާތުދީ، މަދިރި މަދުކުރުމުގެ ޚާއްޞަ މަސައްކަތްތައް ކުރުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު ޑިވިޝަން ވަޒީފާދޭ މަގާމެކެވެ. އެ ހިސާބުން އެ ދަރިފުޅަށް ވަޒީފާ ލިބޭނެކަމާއި ކިޔެވޭނެކަން ވެސް އެ މަންމައަށް ޔަގީންކޮށް ދެވުނެވެ. މި ދެންނެވި ހިތްވަރުގަދަ ދަރިފުޅަކީ ހ. މެރިންވިއު ޑރ. ޢަލީ ޝަމީމެވެ.


ޑރ. އަލީ ޝަމީމް އާއިލާގެ މެމްބަރުންނާއެކު

ޑރ. ޢަލީ ޝަމީމަކީ މިއަދު ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސެވެ. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޒުވާނުން ބިނާ ކުރުމަށާއި ތަރުބިއްޔަތުކުރުމަށް މަސައްކަތް ކުރުމާއި ޖަމާޢަތަށް ފައިދާހުރި މަސައްކަތްކުރުމުގެ ދާއިރާއިން 2015 ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އިންޑިއާގެ ޖަމާޢަތެއްކަމަށްވާ އިންޓަނޭޝަނަލް ޔޫތު ކޮމެޓީން ދެމުން އަންނަ "ޕީސް ޕްރައިޒް އެވޯޑް" ލިބިވަޑައިގެންފައިވާ ފަޚުރުވެރި ރައްޔިތެކެވެ. ތަޢުލީމީ ގޮތުން އެންމެ މަތީ ހަރުފަތް ފުރިހަމަކޮށް އިންޓަރނޭޝަނަލް އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް ރިލޭޝަންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލު ކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ. ޑރ. ޢަލީ ޝަމީމުގެ މި ދެންނެވި ކާމިޔާބީ ހަޔާތް ގުޅިފައިވަނީ މަދަރުސީ ތަޢުލީމާއެވެ. އެތައުލީމުން ހޯދި ހިތްވަރާއި ލިބުނު ފިލާވަޅުތަކާއެވެ.

އެންމެ ފުރަތަމަ ކުޅިވަރުގައި

މަދަރުސީ ތަޢުލީމުގެ ފުރަތަމަ ކޮޅު ޢަލީ ޝަމީމަށް އުޅުއްވުނީ ކުޅިވަރުގެ ތެރޭގައެވެ. ގޭދޮށުގައި އޭރު އޮތް "ހިއްކިތަން" ކިޔައި މައިދާނުގައި އެ ޢުމުރުގެ އެހެން ކުދިންނާއެކު މަޖަލާއި ސަކަރާތް ޖެހުމުގައެވެ.

" ފުރަތަމަ ކޮޅު ކުޅިވަރަށް ބޮޑަށް ޝައުގުވެރިކަން ދެވުނީ. އެހެންވީމާ މަދަރުސީ ހަޔާތް ފެށިގެން އައިއިރު އަޅުގަނޑުގެ ހަގު އުމުރުގައި ކިޔެވުން އެހާ ރަގަޅެއް ނޫން. މައިންބަފައިން ވެސް ޚާއްޞަކޮށް މަންމަ ވަރަށް ބޮޑަށް ނަސޭހަތްދީ އެކަން ދޫކޮށްލާތޯ ކިޔެވުންތައް ކިޔަވައި ދުޢާތައް ވެސް ކިޔާ ހަދައި" ތަޢުލީމީ ހަޔާތް ފެށުނު ހިސާބުގައި ކަންކަން ކުރިއަށް ދިޔަ ގޮތް މާޒީގެ ހަނދާންތަކާއެކު އަލީ ޝަމީމް ވިދާޅުވިއެވެ.
" އަޅުގަނޑާ އެއްފުޅައްވެގެން ކަހަލަ ގޮތަކަށް މި ހުންނަނީ މަޝްހޫރު ކުޑަ މޫސަގެ ގެ. ކުޑަމޫސައާއި އަޅުގަނޑަކީ ކުޑައިރު ވަރަށް ގާތް ދެ ރަހުމާތްތެރިން. ފުޓްބޯޅަކުޅުމާއި އޭރެއްގައި މާލޭގައި އޮންނަ ކުޅިވަރުތައް ކުޅުމުގައި ވަގުތައް އެ ދުވަސްވަރު ހޭދަކުރިން"
އަލީ ޝަމީމުގެ އެ އުޅުމަށް ބަދަލު ގެނައުމަށް މަޖުބޫރުވީ މަންމަގެ ހުވަފެންތަކެވެ. ކިޔަވައި ދިނުމަށް މަންމަ ދެއްވި ސަމާލުކަމާއި އެކަމަށް ދެއްވި ނަސޭހަތްތަކެވެ.
"ކިޔެވުމަށް މަންމަ އަބަދުވެސް ވަރަށް ބޮޑަށް ބާރު އަޅާ. މަންމައަކީ ވަރަށް ބޮޑަށް ތަޢުލީމަށް ލޯބިކުރި މީހެއް. މީހުންނަށް ގުރުއާން ކިޔަވައިދީ އުޅުނު މީހަކަށްވާތީ މަންމަގެ ވަރަށް ބޮޑު ހުފެނެއް ހުރިހާ ކުދިން ވެސް ކިޔެވުން" ނިއުޒިލޭންޑުން ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. ޢަލީ ޝަމީމް ވިދާޅުވިއެވެ.

ހަގީގީ ކިޔެވުން ފެށުނީ ގްރޭޑް 3ގައި

ޢަލީ ޝަމީމުގެ ޅަފަތުގެ ތަޢުލީމު އެކި ސުކޫލުތަކާ ގުޅިފައިވީ ނަމަވެސް ސަރުކާރު ސްކޫލަކުން ފުރުޞަތު ލިބިވަޑައެއް ނުގަތެވެ. އޭރުގެ އެންމެ މަޝްހޫރު މަޖީދިއްޔާ ސްކޫލުން ވެސް އެ ފުރުޞަތު ލިބިވަޑައެއް ނުގަތެވެ.
" އޭރު އެންމެ މަޝްހޫރުވާނީ މަޖީދިއްޔާ ސްކޫލު. އެ ސްކޫލަކުން އަޅުގަނޑަކަށް ފުރުޞަތެއް ނުލިބުނު. ކިޔެވުމަށް ޝައުގުވެރިކަން ނެތި ކުޅިވަރުގައި އުޅޭތީހެން ހީވަނީ. އަޅުގަނޑު ބޭބެ މަޖީދިއްޔާގައި އުޅުނު ނަމަވެސް އެ ފުރުޞަތު އަޅުގަނޑަކަށް ނުލިބުނު"
އެ ހިސާބުން އަލީ ޝަމީމު ގުޅިވަޑައިގަތީ އޭރުގެ އިންގުލިޝް ޕްރިޕަރޭޓަރީ ސްކޫލަށެވެ. އެ ސްކޫލުވީ އަލީ ޝަމީމުގެ ނަސީބަށެވެ. ތަޢުލީމީ ކާމިޔާބީތައް ލިބިވަޑައިގަތުމަށް މެދުވެރިވި ބިންގަލަށެވެ.
" އަޅުގަނޑަށް ކިޔެވުމުގެ ތެރެއަށް ވަދެވުނީ އޭރުގެ ގޮތުން ބުނާނަމަ އިންގުލިޝް ޕްރިޕަރޭޓަރީ ސްކޫލުން. އެ ސްކޫލަށް ވަން ފަހުން ކިޔެވުމުގެ މައްޗަށް ޝައުގުވެރިކަން އުފެދިގެން އައީ. ހަގީގަތުގައި އަޅުގަނޑު ކިޔެވުން ފަށައިގަނެވުނީ ގްރޭޑް 3 ގައި. ފުރަތަމަ ފަހަރަށް ކުލާހުން 1 ވަނަ ހޯދީ ވެސް ގްރޭޑް ތިނެއް ގައި. ގްރޭޑް ތިނެއްގެ ނަތީޖާ ރަނގަޅުވުމުން ގްރޭޑް ހަތަރެއްގައި ނޫޅެ ގްރޭޑް ފަހަކަށް ޑަބަލްޕްރޮމޯޝަން ލިބުނު. އޭރު އަޅުގަނޑުގެ އުމުރުގެ ގޮތުން ވެސް ތަންކޮޅެއް މައްޗަށް ގޮސްފައި އޮތުމުން ކަންނޭނގެ އެ ފުރުޞަތު ލިބުނީ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ވަރަށް ރަނގަޅަށް ދިޔައީ" ޢިލްމީ ކާމިޔާބީތައް ފެށުނު ގޮތް ޢަލީ ޝަމީމު ހިއްސާކުރެއްވިއެވެ.

ފޮތްތެރިކަމަށް އޮތް ޚާއްޞަ ލޯބި

ޢަލީ ޝަމީމު ގަބޫލުކުރައްވާގޮތުގައި ކާމިޔާބީގެ އެއް ހިއްސާދާރަކީ ފޮތްތެރިކަމެވެ. ފޮތްކިޔުމާއި މަޢުލޫމާތު ހޯއްދެވުމެވެ. ކަންކަން ދެނެގަތުމާއި އެ ޝައުގުވެރިކަން ހުރުމެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ފޮތް ކިޔުމަކީ ހަމަ ނޭނގި ހުއްޓާ މީހާ ކުރިއަރައިދާ ކަމެކެވެ.
" އަޅުގަނޑަކީ ފޮތަށް ލޯބިކުރާ މީހެއް. އަޅުގަނޑާއެކު ކުޅެން އުޅުނު ކުދިންގެ ތެރެއިން އޭރުވެސް މަޢުލޫމާތުގެ ގޮތުން އަޅުގަނޑު ތަންކޮޅެއް ތަނަވަސްވާނެ. އެހެންވީމާ ބައެއް ކުދިން އަޅުގަނޑާ ދިމާކޮށް ވެސް ހެދި. މިހާރު ވެސް ދުވާލަކު ދޮޅު ގަޑިއިރުވަރު ކިޔުމަށް، ފޮތް ކިޔުމަށް، ދިރާސާކުރުމަށް، ވިސްނާ ފިކުރުކުރުމަށް ވަގުތު ހޭދަކުރަން. އެއީ ވަރަށް މުހިންމު ކަމެއް" އަލީ ޝަމީމު ވިދާޅުވިއެވެ.
ޢަލީ ޝަމީމު، މަދަރުސީ ތަޢުލީމު ޙާޞިލުކުރެއްވި ދުވަސްވަރު މާލޭގައި މާގިނަ ފޮތްތަކެއް ކިޔުމަށް ލިބެން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ލައިބްރަރީތަކަށް ގޮސް ފޮތްކިޔުމަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައިވާ ޝަމީމް ވިދާޅުވީ އޭރު އެންމެ މަޝްހޫރު އެއް ލައިބްރަރީކަމުގައިވާ އެމްއައިޑީ ލައިބްރަރީ (މުޙައްމަދު އިސްމާޢީލްދީދީ ލައިބްރަރީ) އާއި އޭރު މާލޭގައި ހުންނަ އައިލެންޑް ލައިބްރަރީގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައި ވާނެކަމަށެވެ.
" ކުރީގައި އަޅުގަނޑުމެންނަށް ވަރަށް މަދު ދިވެހި ފޮތެއް ކިޔަން ލިބެނީ. މިހާރެކޭ އެއްގޮތަށް އިނގިރޭސި ފޮތް ގިނައިން ލިބެނީ. ނަމަވެސް އެވެސް ވަރަށް ކުރީގެ ފޮތްފޮތް. 10 އަހަރު 15 އަހަރު ކުރީގެ ފޮތްފޮތް. އަޅުގަނޑުމެން ހޭވެރިކަން އައިއިރު ވެސް ލައިބްރަރީތަކުގައި އެންމެ ގިނައީ އިނގިރޭސި ފޮތް" ގްރޭޑް 2 ގައި އުޅުއްވަމުން ލައިބްރަރީ މެންބަރަކަށް ވެވަޑައިގެން ޢަލީ ޝަމީމް ވިދާޅުވިއެވެ.
" އަޅުގަނޑު ލައިބްރަރީ މެންބަރަކަށް ވެގެން އޭރުގެ ވަރަށް ގިނަ ފޮތްތައް ކިޔައި ހެދިން. ދިވެހި ފޮތްތައް ކިޔައި ހެދިން. ގްރޭޑް 2 ގައި އުޅުނު އިރު ދެތިން ކުދިންވެގެން އަތުން ލިޔެގެން އަޅުގަނޑުމެން ކުލާސް މަޖައްލާއެއް ނެރުނިން. އެއަށް ކިޔަނީ ރޮކެޓް. އޭގެ ސަބްއެޑިޓަރަކަށް ހުރީ އަޅުގަނޑު. އޭގެ ގިނަ ވާހަކަތައް ލިޔެފައި ހުންނާނީ އަޅުގަނޑު" ފޮތް ކިޔުމާއި ފޮތަށް ލޯބި ކުރުމުގެ ތެރެއިން ޝަމީމް ވަނީ މަޖައްލާތައް ވެސް ނެރުއްވާފައެވެ. ގްރޭޑް 3 ގައި " އެރޯ" ކިޔައި މަޖައްލާއެއް ނެރުއްވާފައި ވާއިރު އޭގެ އެޑިޓަރަކީ ވެސް ޑރ. ޝަމީމެވެ. ގްރޭޑް 8 ން ފެށިގެން އިނގިރޭސި ބަހުން ވެސް ތަފާތު މަޖައްލާތައް ޝަމީމުގެ އެޑިޓަރުކަމުގައި ވަނީ ނެރުއްވާފައެވެ.

ކުޑަ ކުއްޖެއްގެ ގޮތުގައި ފެއްޓެވި ޓިއުޝަން

ޑރ. ޢަލީ ޝަމީމް ގަބޫލުކުރައްވާ ގޮތުގައި ދަސްކުރުމާއި އުނގެނުމަށް އޮތް އެންމެ ފަހި އެއް ފުރުޞަތަކީ އެހެން މީހަކަށް އެ މަޢުލޫމާތު ހިއްސާކުރެއްވުމެވެ. އެ ނިޔަތުގައި ޝަމީމު ފެއްޓެވީ ޓިއުޝަނެވެ. އެކަން ފެއްޓެވީ ގްރޭޑް 3 ގައި އުޅުއްވަމުންނެވެ.
" ގްރޭޑް 3 ގައި އުޅެމުން އަޅުގަނޑު ގޭގައި ޓިއުޝަން ދޭން ފަށައިފިން. އެއީ ކިޔެވުމަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެއް. އެއީ މީހުންނަށް ކިޔަވައިދޭން ފެށީމާ ތިމާ އަމިއްލައަށް ވެސް ގިނަ ކަންތައްތަކެއް އުނގެނުމަށް ފަހިވާތީ. އެކަމުގެ ސަބަބުން ކަންކަން އޮޅުންފިލައި، ކިޔެވުމަށް ޝައުގުވެރިވެސް ވޭ" ޓިއުޝަނުގެ ތަޖުރިބާ ޝަމީމް ހިއްސާކުރެއްވިއެވެ.
" ފަހުން، އަޅުގަނޑު ގޭގައި، ޓިއުޝަން ކުލާސް ހަދައިގެން ގޭދޮށު ވަރަށް ގިނަ ކުދިންނަށް ޓިއުޝަންދީ ހެދިން. ގްރޭޑް ނުވައެއް ނިމެންދެން އެކަން ކުރިން. ގްރޭޑް 10 ގައި ސްކޫލް ކެޕްޓަނަށްވި. އަދި ދެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރަމުން ގެންދިޔައިން. އެ ކަންކަމުގެ ސަބަބުން ގިނަ ވަގުތު ސްކޫލަށް ދޭންޖެހުނު. އެހެންވީމާ ފަހު އަހަރު ޓިއުޝަންދީއެއް ނުހަދަން" ޝަމީމުގެ ޓިއުޝަން މާޒީގައި ވަނީ އުފާވެރިކަމެވެ. އޭގެ ނަތީޖާ ވެސް ފިސާރި ފޮންޏެވެ. ސްކޫލު ދައުރު ނިންމަވާލެއްވި އިރު ސްކޫލެއް ހިންގެވުމުގެ ފުރުޞަތު ވެސް އޮތީ ތަނަވަސް ވެފައެވެ.
" ސްކޫލު ނިންމާލާފައި ވަޒީފާގެ ގޮތުގައި ވެސް ފުރަތަމަ ފުރުޞަތު ލިބުނީ ސްކޫލެއް ހިންގުމަށް. އޭރު ކިޔަވައިދިނުމުގައި އަޅުގަނޑަކީ އާ މީހެއް ނޫން. އެ ތަޖުރިބާ އަޅުގަނޑުގެ ހުރި" ތަޢުލީމީ ހަޔާތް ނިމުމާއެކު އޭރު ހެންވޭރުގައި ހުރި ހަނިއްޔާ ސްކޫލު ޕްރިންސިޕަލްކަން 4 އަހަރު ވަންދެން ކުރެއްވި ޝަމީމު ވިދާޅުވިއެވެ.
" ޕްރިންސިޕަލްކަމާ އަޅުގަނޑު ހަވާލުވި އިރު އޭރު ޢުމުރުން ވާނީ ގާތްގަނޑަކަށް 19 އަހަރު. އަޅުގަނޑު ހުރިލެއް ހަގުކަމުން ލިޔެކިޔުންތަކުގައި ސޮއިކުރަމުން ދިޔައީ އެކްޓިންގ ޕްރިންސިޕަލްގެ ނަމުގައި. އޭރު ވެސް ހިންގުމުގެ ޝައުގުވެރިކަން ހުރޭ. ގާތްގަނޑަކަށް 450 ވަރަށް ދަރިވަރުން އެ ސްކޫލުގައި އޭރު ތިބި. 22 ވަރަށް ޓީޗަރުން އުޅުނު"

ކުލާސް މޮނީޓަރުކަމުގެ ދެ ރަހަ

ޑރ. ޢަލީ ޝަމީމަކީ ގްރޭޑް ދޭކުން ފެށިގެން ކުލާސް މޮނީޓަރުކަން ކުރައްވަމުން ގެންދެވި ދަރިވަރެކެވެ. ކުދިންގެ ތާއީދާއެކު ކޮންމެ ގުރޭޑެއްގައި ވެސް އެ ޝަރަފު ލިބިވަޑައިގަތެވެ. އެ ހިތްހަމަ ޖެހުން ހޯއްދެވިއެވެ. ވެރީންނާއި މުދައްސުންގެ ލޯތްބާއި ރުހުން ވެސް ލިބިވަޑައިގަތެވެ. މި ދެންނެވީ އެ ޝަރަފުގެ ފޮނި ރަހައެވެ. އޭގެ ހިތި ރަހަ ވެސް ޝަމީމު ތަޖުރިބާ ކުރެއްވިއެވެ.
" ގްރޭޑް 2 ގައި ކުލާސްތެރޭގައި ކުދިން ކޮންމެ ވެސް ސަކަރާތެއް ޖަހައިގެން އެކަން ކުރީ ކޮން ބައެއްކަން އޮޅުންފިލުވުމަށް މޮނީޓަރަކަށް ހުރި އަޅުގަނޑު ގާތުގައި އެހިއިރު އަޅުގަނޑަކަށް ބުނެދޭކަށް ނޭނގުނު. އެކަމެއް ހިނގިއިރު ކުލާހަކު އަޅުގަނޑު ނެތިން. އެ ދުވަހު އެ ސުވާލަށް ޖަވާބު ނުދެވުމުން އަޅުގަނޑު އަތުން މޮނިޓަރުކަން ނަގައި އެހެން ކުއްޖަކަށް އެ މަގާމު ހަވާލުކުރި. ދެން އެ ކުދިން އަޅުގަނޑާ ދިމާއަށް ދަބަރު މޮނިޓަރޭ ވެސް ކިޔާ ދިމާކޮށްހެދި" މިއީ ޝަމީމު ކުރެއްވި އެއް ތަޖުރިބާއެވެ. އަނެއް ތަޖުރިބާ އަދި މިއަށް ވުރެ ވެސް ހިތްޗެވެ.
" ގްރޭޑް 7 ގައި ވެސް އަޅުގަނޑު މޮނީޓަރަކަށް ހުރިން. އިންޓަވަލް ގަޑީގައި ކުލާސްތެރޭގައި ބޫޓު ކިބައަކުން ކުދިންތަކެއް ބޯޅަކުޅުނު. އިންޓަވަލް ގަޑި ނިމުނު ފަހުން ކުއްޖަކު ވަރަށް ބާރަށް ބޫޓު ކިބަ ބޭރަށް ފޮނުވާލި. އޭރު މުދައްރިސް ކުލާހަށް ވަންނަވަން ދުރުވަނީ. އެ ބޫޓު ކިބަ ގޮސް ޖެހުނީ މުދައްރިސް ގައިގައި. އެކަން ހިނގައި ދިޔަ އިރުވެސް އަޅުގަނޑެއް ނެތިން. އެ މައްސަލަ ތަހުގީގުކޮށް ބަލަންވެއްޖެ ކޮން ބައެއްތޯ އެ ސަކަރާތްޖަހައި ހެދީ. މޮނީޓަރު ގާތުގައި ދެއްތޯ މި އަހަން ޖެހެނީ. މޮނީޓަރު ބަލަންޖެހޭ މިކަހަލަ ހުރިހާ ކަމެއް. އަޅުގަނޑަށް އެކަން ހިނގި ގޮތެއް ނޭނގުނު. ކުދިން ވެސް އެއްގޮތަކަށް ވެސް ނުވެއްބުނި. އެއީ އަޅާފާނެ ފިޔަވަޅަކުން ކޮންމެ ކުއްޖަކުވެސް ސަލާމަތްވާން ބޭނުންވާތީ. ދެން ވީގޮތަކީ ހުރިހާ ކުދިންގެ ފަރާތުން އަޅުގަނޑަށް ފިޔަވަޅު އެޅީ. ހަތެއް އޭ ގައި ހުއްޓާ އަޅުގަނޑު އެހެން ކުލާހަކަށް ބަދަލުކުރީ. ހަތެއް ބީއަށް. އެއީ ވަރަށް ދެރަވި ދުވަހެއް" ނަމަވެސް އެ ހިތި ތަޖުރިބާވީ ޝަމީމަށް ލިބިވަޑައިގެން ފޮނި ފުރުޞަތަކަށެވެ. އެ ކުލާހުގައި ވާދަކުރައްވަން ޖެހިވަޑައިގެން ކުދިންގެ ތެރެއިން ޝަމީމަށް ކުރި ހޯއްދަވަން ފަސޭހަފުޅުވިއެވެ. ކުލާސް ވަނައިގެ ލިސްޓުން ޝަމީމުގެ ނަން ފެވެން ފެށިއެވެ.

ވަޒީފާއަށް ޝައުގުވެރި ކުރުވި އިތުރު ހަރަކާތް

ތަޢުލީމުގެ އެއް ބޭނުމަކީ މުޖުތަމަޢުގައި ތިމާ އަދާކުރަންޖެހޭ ޒިންމާއަށް ތިމާ ތައްޔާރު ކުރުމެވެ. ޢަމަލީ މައިދާނަށް ތިމާގެ ލޯ ހުޅުވާލަ ދިނެމެވެ. އެކަން ކޮށްދޭ މައި މަރުކަޒަކީ ސްކޫލުތަކެވެ. އެކަން ގަބޫލުކުރައްވާ އެއް ބޭފުޅަކީ ޑރ. އަލީ ޝަމީމެވެ.
ޝަމީމު ގަބޫލުކުރައްވާ ގޮތުގައި މަސައްކަތުގެ މައިދާނަށް އޭނާގެ ލޯ ހުޅުވާލަދެއްވީ ސްކޫލުގައި ކުރިއަށް ދިޔަ މިނީ ޔޫއެން ހަރަކާތެވެ.
" އީޕީއެސް ސްކޫލުގެ އެއް ބާނީއަކީ ބޮޑުފެންވަޅުގެ މުޙައްމަދު މުޞްޠަފާ ޙުސައިން. އެ ބޭފުޅާގެ ވިސްނުން ފުޅާއެކު އީޕީއެސްސްކޫލުގައި ދުނިޔެވީ ކަންކަން ދަސްކޮށްދެއްވުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވުނު. އެގޮތުން ހިންގުނު އެއް ހަރަކާތަކީ އދ. މަޖިލީހުގެ ނަމޫނާ ކުޑަ މަޖިލީހެއް "މިނީ ޔޫއެން" ގެ ނަމުގައި އުފެއްދެވުން" އެ ހަރަކާތް ފެށުނު ގޮތް ޝަމީމް ވިދާޅުވިއެވެ.
"މިނީ ޔޫއެންގެ ތެރެއިން ޔޫއެންގެ ކަންކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ހޭލުންތެރިކަން އުފެދިގެން ދިޔަ. އެއާއެކު އަޅުގަނޑު ޝައުގުވެރިވީ ބޭރާ ބެހޭ ކަންކަން ދަސްކޮށް ބޭރުގެ ގުޅުންތައް ބަލަހައްޓާ މީހަކަށްވުމަށް. އެ ހިސާބުން ކުރިއަށްދާނެ ދާއިރާއެއް ކަނޑައަޅަން ވެސް ފަސޭހަވި" ސްކޫލުގައި އުފެއްދި އެ މަޖިލީހުގެ ފުރަތަމަ ރައީސަކަށް ވެވަޑައިގަތީ ޑރ. ޢަލީ ޝަމީމު ވިދާޅުވިއެވެ.

ޝިހާބުގެ ނަސޭހަތްޕުޅުން ނެންގެވި ދެ ނުކުތާ

ޑރ. ޢަލީ ޝަމީމުގެ މަދަރުސީ ތަޢުލީމު ނިންމަވައި ދަސްވެނިވުމުގެ ހަފުލާ ބޭއްވިއިރު އެ ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ދިވެހިރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް ވާހަކަދެއްކުންތެރިޔާ އޮނަރަބަލް އިބްރާހީމް ޝިހާބެވެ. އެ ޖަލްސާގައި ޝިހާބު ދެއްކެވި ވާހަކަފުޅުވީ ޑރ. ޝަމީމަށް ލިބިވަޑައިގެން ވަރަށް އަގުހުރި ދަރުހަކަށެވެ. އެ މެސެޖު ވީ ޝަމީމުގެ ކުރިމަގާއި ފަސްމަގު އުޖާލާކޮށްދިން އަގުހުރި ނަސޭހަތްޕުޅަކަށެވެ. އެ ނަސޭހަތްޕުޅުން ޝަމީމު ނެންގެވީ ދެ ނުކުތާއެވެ.
" އެއް ކަމަކަށް ޝިހާބު ވިދާޅުވީ އޯލެވެލް އިމްތިޙާނު ނިންމުމަކީ އަދި ތަޢުލީމީ ނަޒަރުން ބަލާއިރު ބިސްމި ކިޔުމޭ. ދިވެހި ރާއްޖެ ކުރިއަރައި ދިނުމަށް މަތީ ތައުލީމު ހާސިލުކުރަން ބޭނުންވޭ. މަތީ ތައުލީމު ހާސިލުކޮށް އެއާއެކު މަތީ ފެންވަރެއްގައި ގައުމަށް ޚިދުމަތްކުރުމަށް" އެ ޖަލްސާގެ ހަނދާންތައް އާކުރައްވަމުން ޝަމީމު ވިދާޅުވިއެވެ.

" ދެވަނަ ކަމަކަށް ވިދާޅުވީ ކާމިޔާބު މީހަކަށްވުމަށް އެ މީހާގެ ކާމިޔާބުގެ ސިއްރުތަކަށް ވިސްނާލާނަމަ 50 ޕަސެންޓަކީ ރަނގަޅު އަޚުލާގޭ. ރަނގަޅު ތަރުބިއްޔަތޭ. ކޮންމެ ކުއްޖަކު ވެސް އަޚުލާގު މާތް ރަނގަޅު ތަރުބިއްޔަތުގެ ލިބިފައިވާ ކުއްޖަކަށް ވޭތޯ ބަލަންވާނޭ"
ޝަރަފުވެރި މެހުމާނުގެ އެ ދުވަހުގެ ވާހަކަފުޅަށް ފަހު ދަރިވަރުންގެ ފަރާތުން ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ލިބިވަޑައިގަތީ ޑރ. ޝަމީމަށެވެ. އެއީ ސްކޫލު ކެޕްޓަންގެ ހައިސިއްޔަތުންނެވެ. ޝަމީމުގެ ވާހަކަފުޅުގައި ޝިހާބުގެ އެ ވާހަކަފުޅަށް އަލިއަޅުވާލެއްވިއެވެ. ދަރިވަރެއްގެ ހައިސިއްޔަތުން އެ ވާހަކަތައް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެ ވިދާޅުވި ގޮތަށް އެ ގޮތުގައި ހިފަހައްޓަވައިގެން ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ވެސް އެ ޖަލްސާގައި ޝަމީމު އެރުވިއެވެ. އެ ޔަގީންކަން ޝަމީމު އެރުވީ މީގެ އެތައް އަހަރެއް ކުރިންނެވެ. މިއަދު ޝަމީމު އެ ދައްކަވަނީ އެ ދުވަހު އެރުވި ޔަގީންކަމުގައި އޮތް އިޚުލާޞްތެރިކަމާއި އިތުބާރެވެ. އެކަން ނެތްނަމަ މިއަދު ޝަމީމު އެ ހުންނެވި ހިސާބަކަށް ދެވުނީސް ތޯއެވެ؟

ޝަމީމުގެ ފިލޯސަފީ

ޝަމީމު ގަބޫލުކުރައްވާ ގޮތުގައި މަދަރުސީ ހަޔާތަށް ބަލާނަމަ ދަރިވަރަކު މަސައްކަތް ކުރަން އޮންނަ 5 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު 8 ގަޑިއިރު ކިޔެވުމަށް ވަގުތު ހޭދަކުރަންޖެހެއެވެ. އެ ގޮތަށް ހޭނެން ޖެހެއެވެ.
" ހަފުތާއަށް ބަލާނަމަ 40 ގަޑިއިރު ކިޔެވުމަށް ހޭދަކުރާނަމަ ފުރިހަމަ ނަތީޖާއެއް ނެރެވޭނެ. ކޮންމެ މީހަކު ވެސް ނުރަނގަޅު އާދަތަކާއި ހުންނާނެ ބަލިފައި. އެކަންކަން ޖެހޭނީ އިސްލާހުކުރަން. ކޮންމެ ކުއްޖަކު ވެސް ނުރަނގަޅު އާދައެއް އިސްލާހުކުރާންއެދޭނަމަ 21 ދުވަސްވަންދެން ވައްޓާނުލައި އެކަމެއް ކޮށްފިނަމަ ސިކުނޑި އެކަމެއް ބަލައިގަނެ އެ އާދައަކަށް އެކަން ހެދޭނެ" އެމެރިކާގެ ޕްރފެސަރ ރޮން ފްރައި އާ ހަވާލާ ދެއްވާ ޢަލީ ޝަމީމް ވިދާޅުވިއެވެ.

" ކިޔެވުމަކީ ވެސް ދިރިއުޅުމަކީ ވެސް ވަކިގޮތަކަށް ދަސްކުރަންޖެހޭ އާދަތަކެއް. އަށަގަންނުވަންޖެހޭ ކަންތައްތަކެއް. އެކަންކަމަށް ހޭލުންތެރިވެ އާދަކޮށްފިނަމަ އެއީ އުނދަގޫ ކަމެއް ނޫން"
ޝަމީމު ގަބޫލުކުރައްވާ ގޮތުގައި ކޮންމެ ދަރިވަރަކު ވެސް ކާމިޔާބު ދަރިވަރަކަށް ވުމަށް ތިމާ އަމިއްލަ ނަފުސަށް އިތުބާރު ކުރާންޖެހެއެވެ. އިތުބާރު ބޮޑުވާނެ ގޮތަށް މައުލޫމާތާއި ކަންކަމަށް ހޭލުންތެރިވާން ވެސް ޖެހެއެވެ. ތަރުތީބުކޮށް ކަންކަން ގެންދިއުމަށް ދުރާލައި ކަންކަން ރާވާލުން ވެސް ވަރަށް މުހިންމެވެ.
" 24 ގަޑިއިރު އޮންނަ އިރު 8 ގަޑިއިރު މި ހޭދަކުރަނީ ނިދުމަށް. އަނެއް 8 ގަޑިއިރު ދިރިއުޅުމަށް ގޭތެރޭގެ ކަންކަން ކުރުމަށް ބަހާލަންޖެހޭ. ތިންވަނައަށް އޮތް 8 ގަޑިއިރު ކިޔެވުމަށް ނުވަތަ މަސައްކަތަށް އޮންނަ 8 ގަޑިއިރުކަމަށް ބަލަންވާނެ. މި ތަރުތީބުން މަސައްކަތް ކުރާނަމަ ކާމިޔާބުވާނެ" ނަފުސާނީ ޢިލްމުވެރިންގެ ވާހަކަތަކަށް ހަވާލާދެއްވަމުން ޝަމީމުގެ ގަބޫލުކުރައްވާ ގޮތް ހިއްސާކުރެއްވިއެވެ.

ރަނގަޅު ކުރަންވީ ކޮން ކަމެއް؟

ޝަމީމު ގަބޫލުކުރައްވާ ގޮތުގައި އަދުގެ މުޖުތަމަޢުން ބައެއްކަންކަން ރަނގަޅުކުރަން ޖެހެއެވެ. ދަރިވަރުން އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.
" ދަރިވަރުންނަށް ބަލާއިރު ތަންކޮޅަށް ފަރުވާކުޑަ ކޮށްލުމާއި ކަންފަސޭހަކޮށްލުމާއި މި ލިބިފައި ހުރި ފުރުޞަތުތަކުގެ އަގުވަޒަން ނުކުރެވޭހެން ހީވޭ" އަދު ލިބިފައިފައިވާ ފުރުޞަތުތަކާއެކު ޝަމީމު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
" އަޅުގަނޑުމެން ބޮޑެތި މީހުން އެބަޖެހޭ، ބޮޑު ސޯބު އެނބުރޭ ގޮތަށޭ ކުދި ސޯބު އެނބުރޭނޭ ބުނާ އުސޫލުން ނަމޫނާ ދައްކައި ކުދިންނަށް މަގު ދައްކައިދީ އަޅުގަނޑުމެން ކަހަލަ މީހުންނަށްވުމަށް އެ ކުދިންނަށް މަގުދައްކައިދީ އަތްގާތްކޮށްދީ ކަންކަން އޮޅުންފިލުވައިދީ ހަދަން. ގިނަ ފަހަރަށް މި ވާގޮތަކީ ކަންތައްތައް ބޮޑުވެގެން ދިޔައިމާ ބޮޑު ވަރިހަމައަށް މި ދޫކޮށްލެވެނީ. ތިމަންނަގެ ކަމެއް ނޫނޭ ކިޔާފައި ދޫކޮށްލެވެނީ. ނަމަވެސް މިއީ ތިމަންނަގެ ވެސް ގައުމު. ތިމަންނަގެ ވެސް މުޖުތަމަޢު. އެއްކަލަ ކުއްޖާ ގޯހެއް ހެދުމުން ތިމަންނައަށް ވެސް އޭގެ އަސަރު ނުސީދާކޮށް ކުރާނެ" ޝަމީމު ވިދާޅުވީ ކޮންމެ ފަރުދަކު ވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވާކަމަށެވެ. ގައުމާމެދު ވިސްނައި ގައުމަށް ޚިދުމަތް ކުރެއްވުމަށް ކޮންމެ މީހަކުވެސް އަތުކުރި އޮޅާލަން ޖެހޭކަމަށެވެ.

ހިޔާލު

3 Responses

  1. ވަރަށް އަގުހުރި ލިޔުމެއް. މިކަހަލަ ގިނަ ލިޔުން ނޫހުގައި ހިމަނާލަދިނުމަކީ މުހިންމުކަމެއް. ދަރިވަުންނަށް ވަރަށް އަގުހުރި ލިޔުމެއް

  2. ވަރަށް އިބްރަތްތެރި އިލްމީ ވާހަކަތަކެކެވެ. ތިޔަ ދެއްވި އަގުހުރި މައުލޫމާތާއި އިރުޝާދަށް ޝުކުރު ދަންނަވަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *