ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ނާސާގެ ޕްރޮގްރާމްތަކެއް ފަށަނީ

އެމެރިކާގެ ޖައްވީއިދާރާ ނާސާގެ ޕްރޮގްރާމްތަކެއް ފެށުމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އާއެކު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިންސްޓިޓިއުޓް ފޯ
ގްލޯބަލް ސަކްސަސް (އައިޖީއެސް) ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ރިފްއަތު މުހައްމަދެވެ. ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް) ގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް ތޯހާ ސަލީމް އެވެ.

މި އެއްބަސްވުމުގެ ދަށުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ، ހަނދަށް ދިއުމާބެހޭގޮތުންނާސާއިން ތައްޔާތުކޮށްފައިވާ ޕްރޮގްރާމެކެވެ. ނެކްސްޓް ޖެނެރޭޝަން ސައިންސް ސްޓޭންޑަޑްސް އަށް ފެތޭގޮތަށް ނާސާއިން
ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 2024 ނިމުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ފޮނުވުމަށް ނާސާއިން ކުރާމަސައްކަތުގައި، ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.
މިގޮތުން ނާސާގެ އިންޖިނިއަރުންނާއި، އެސްޓްރޮނޯޓުންނާއި ސައިންސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން، ފޯމްރޮކެޓެއް ޑިޒައިންކޮށް ލޯންޗް ކުރާނެއެވެ. އަދި ހަނދުގައި އިންސާނުންނަށް
ސާފު ބޯފެން ފޯރުކޮށްދޭގޮތް ދެނެގަތުމަށް ފެން ފިލްޓަކުރާ ސިސްޓަމެއް ޑިޒައިންކޮށް، ތަފާތު ތަހުލީލުތައް ކުރާނެއެވެ. މީގެ އިތުރުން ހަނދުގައި ތަފާތު ތަހުލީލުތައް ކުރުމަށް ދިގުމުއްދަތެއްގައި އިންސާނުންނަށް ދިރިއުޅެވޭނެ ނިޒާމެއް ގާއިމުކުރުމާބެހޭ ދިރާސާކޮށް، ދަރިވަރުންގެ މެދުގައި ހިޔާލު ބަދަލު ކުރެވޭނެއެވެ.

މިއީ ސްޕޭސް ސައިންސް ކުރިއެރުވުމަށް ރާއްޖޭގައި ފެށި ފުރަތަމަ ޕްރޮގްރާމްއެވެ. މި ޕްރޮގްރާމް ފެށުމާގުޅޭގޮތުން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) ގެ ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، މިއީ ރާއްޖޭގެ ކިޔަވާކުދިންގެ ވިސްނުން ކުރިއަރާފައިވާ ގައުމުތަކުގެ ކުދިންނާ އެއްހަމައަކަށް ގެނައުމަށް އެހީވެދޭނެ ޕްރޮގްރާމެއްކަމުގައެވެ.

"މިއީ ބޮޑެތި ކަންކަމާ ކުރިމަތިލާ، ދުނިޔޭގެ ފެންވަރުގެ ނަތީޖާ ހާސިލުކުރުމަށް ކުދިންގެ ވިސްނުން ބައްޓަން ކޮށްދޭނެ ޕްރޮގްރާމެއް" ރިފްއަތު ވިދާޅުވިއެވެ.

ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަން ތޯހާ ސަލީމް ވިދާޅުވީ " ސްޕޭސް ސައެންސް ޕްރޮގްރާމެއް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ފެށުނުކަން އެއީ ސްކޫލުން އުފާކުރާ ކަމެއް. މިއީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމްގައި އަނެއްކާވެސް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ނެގި އިސްނެގުމެއް. ދިވެހި ކިޔަވާ ކުދިން ވިސްނާ ފިކުރު ކުރަން ޖެހޭނީ މުސްތަގުބަލަށް. އާ ހޯދުންތަކާއި އީޖާދު ތަކަށް. ދުނިޔޭގެ ފެންވަރުގައި ކިޔެވުމާއި ވިސްނުން ހިންގުމަށް. މިޤައުމު ކުޑަޔަސް، މި ޤައުމުގެ މީހުންމަދަސް، ދިވެހިންނަކީ ޤާބިލު ބައެއް، ޙިކުމަތްތެރި މޮޅު ބައެއް. "

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *