މަދަރުސީ ހަޔާތުގެ ނަމުގައި ދަރިވަރު ނޫހުން ހަފުތާއަކު އެއް ފަހަރު ޕްރޮގްރާމެއް ހަދަނީ

މަދަރުސީ ހަޔާތުގެ ނަމުގައި ހަފުތާއަކު އެއް ފަހަރު ޕްރޮގްރާމެއް ހަދަން ދަރިވަރު ނޫހުން ނިންމައި، ފުރަތަމަ ޕްރޮގްރާމުގެ ޓްރެއިލަރ ދައްކަން ފަށައިފިއެވެ.

މަދަރުސީ ހަޔާތުގެ ފުރަތަމަ ޕްރޮގްރާމުގެ މެހުމާނަކީ ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަލީ ޝަމީމް ވަނީ އޭނާގެ ތައުލީމީ ހަޔާތް ފެށިގެން ކުރިއަށް ދިޔަ ގޮތް ވަރަށް ތަފުޞީލްކޮށް ވިދާޅުވެދެއްވާފައެވެ. ޓްރެއިލަރއިން އެނގޭ ގޮތުގައި ޑރ. އަލީ ޝަމީމަކީ ގްރޭޑް ތިނެކާ ހަމައަށް ވަޑައިގެންނެވިއިރު ވެސް ކިޔެވުމަށް އިސްކަން ދެއްވި ބޭފުޅެއް ނޫނެވެ. މިހެންވެ މަންމައާ ކުރެއްވި ޗެލެންޖެއްގެ ވާހަކަ ވަނީ ވިދާޅުވެދެއްވާފައެވެ.

" މަންމަ މި ބުނަނީ ވަޒީފާއެއް ވެސް ނުލިބޭނެއޭ، ޕިޔޯނުކަން ވެސް ނުލިބޭނެއޭ ތިޔަ އުޅޭ ގޮތަށް އުޅެގެން. ބަންމައާ ޗެލެންޖްކޮށްފައި، އޭރު ދޭނެ ބަނޑޭރި ކަމުގެ ސެޓްފިކެޓް. އަމިއްލައަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގޮސް އެ މީހުންނާ ވާހަކަދައްކައިގެން ބަނޑޭރިކަމުގެ އިމްތިޙާނުގައި ބައިވެރިވެ ސެޓްފިކެޓް ހޯދީ. އެ ސެޓްފިކެޓް މަންމައަށް ދެއްކީމާ ބުނީ، މިއޮތްފަދަ އިނގިރޭސި ޒަމާނުގައި ބަނޑޭރިކަމުން ފުއްދާލަންހޭ ތި އުޅެނީ" ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.

ސިލްސިލާ ގޮތެއްގައި މިފަދަ ޕްރޮގްރާމެއް ގެނެސްދޭން ދަރިވަރު ނޫހުން ނިންމީ ކިޔެވުމަށް ކުރަންޖެހެނު މަސައްކަތްތަކާއި އުޅޭން ޖެހުނު ގޮތް މިހާރުގެ ދަރިވަރުންނަށް ފޯރުކޮށް ދިނުމާއެކު އެއިން އިބްރަތްތެރި ފިލާވަޅުތަކެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށެވެ. މަދަރުސީ ހަޔާތް ގެނެސްދެނީ ކޮންމެ ހުކުރު ދުވަހެއްގެ 2:00ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *