ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ބޭނުން ކުރެއްވި ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަދިޔާ ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވަނީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހަންމަދު ދީދީއަށް ގުޅުއްވައި މި ތަކެތި އެ ސްކޫލަށް ހަދިޔާ ކުރައްވައި، އެ ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އޮޅުން ފިލުއްވާފައެވެ.
މެމްބަރުން ބޭނުން ކުރެއްވި 60 ކޮމްޕިއުޓަރު މަޖިލީހުގެ އިދާރާއިން ވަނީ އެ ސްކޫލާ ހަވާލު ކުރައްވާފައެވެ.
ޑރ. އާސިޔަތު ދަރިވަރު ނޫހަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޓެބްލެޓް ހަމަޖައްސެވުމާ ގުޅިގެން، އެ މެމްބަރުން ކުރިން ބޭނުން ކުރެއްވި ކޮމްޕިއުޓަރުތައް ހޯދަން އެ ސްކޫލުން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންނެވިކަމަށެވެ.
" އަޅުގަނޑުމެންނަށް ނޫހުން އެނގުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުން ކުރަމުންއައި ކޮމްޕިއުޓަރުތައް ދޫކޮށް، ޓެބްލެޓް ބޭނުން ކުރައްވަން ނިންމެވިކަން. މެމްބަރުން ބޭނުން ކުރައްވާނީ ރަނގަޅު ފެންވަރުގެ ކޮމްޕިއުޓަރުތައް ކަމަށް ގަބޫލު ކުރެވިގެން އަޅުގަނޑުމެން އެދުނީ މަޖިލީހުގެ އިދާރާގައި، އެތަކެތި ލިބޭނެ ގޮތެއް އޮތްތޯ ބަލަން" ޑރ. އާސިޔަތު ވިދާޅުވިއެވެ.
އާސިޔަތު ވިދާޅުވީ މަޖިލީހުގެ އިދާރާއިން ދެއްވި ދީލަތި އެ އެހީގެ ސަބަބުން އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.
advertisment
ހިޔާލު