-
އަމީންދީދީ އެވޯޑް ޙާޞިލްކޮށް، އޭލެވެލްއިން އެއްވަނަ ހޯދަން މަސައްކަތްކުރީ ރައީސްގެ ސްކޮލަރޝިޕަށް
ކިޔެވުމުގައި މަރިޔަމް މަލާކް ޙުސައިން ރަޝީދު ޤަބޫލުކުރާ ހަމައެއް އޮވެއެވެ. އެއީ ސްކޫލްގައި ހޭދަ ކުރާ މަދު ވަގުތުކޮޅުގައި ޓީޗަރުން ދައްކައިދޭނީ ކިޔެވުމާއިގެން ކުރިއަށް ދާނެ މަގެކެވެ. އެ މަގުން ކުރިއަށް ހިނގައިގަނެ މަސައްކަތް ކުރަން ވާނީ އަމިއްލައަށެވެ. ބަލައި ހޯދައި ދިރާސާކޮށްގެންނެވެ.
އައްޑޫ ސިޓީ ހުޅުދޫ ސްކޫލުން ތަޢުލީމުގެ ބިންގާއަޅައި، ސާނަވީ މަރުޙަލާ އަމީނިއްޔާ ސްކޫލުން، މަތީ ސާނަވީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަނުން ނިންމާލިއިރު ވެސް މަލާކް ގެންގުޅުނީ މި އުޞޫލެވެ. މި ހަމައެވެ. އޭގެ ނަތީޖާ ވެސް ފޮންޏެއެވެ.
އުފަން ރަށް، ހުޅުދޫން މާލެއަށް ބަދަލުވީ ގުރޭޑް 7 ނިންމާފައެވެ. ގުރޭޑް އަށެއްގެ ބިންގާ އަމީނިއްޔާއިން އެޅީ އެ ސްކޫލްގެ ބާނީ ކުރީގެ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދީދީގެ ހަނދާނުގައި ދޭ " އަމީން ދީދީ އެވޯޑް" ހޯދައިގެންނެވެ.

އަބަދުސް ކިޔެވުމަށް އިސްކަންދޭ މަލާކަށް ރަށު ސްކޫލުން އަމީނިއްޔާ ސްކޫލަށް ބަދަލުވި މަރުހަލާ ފަސޭހައެއް ނޫނެވެ. އެ ބަދަލުގެ ތެރޭގައި ބާރު ފިޔަވަޅެއް ކުރިއަށް އަޅަން ވަރަށް އުނދަގޫވިއެވެ. ކިޔައިވައިދިނުމުގެ ވައްޓަފާޅިއާއި އާ މާހައުލުގެ ތެރެއަށް ވަންނަން ވަގުތުކޮޅެއް ނެގިއެވެ.
" ރަށުން މާލެ ބަދަލުވުމުގެ މަރުޙަލާގައި ކިޔެވުމާއިގެން ކުރިއަށްދާން ވަގުތުކޮޅެއް ނެގި. ވަރަށް ހިތްވަރުކޮށްފައި ކިޔެވުމަށް އިސްކަމެއް ދިނުމުގެ ނަތީޖާއެއްގެ ގޮތުން އެ މަރުހަލާ ފަހުން ދިޔައީ ވަރަށް ހަމަހިމޭންކަމާއެކު" މަލާކް ބުންޏެވެ.
ސާނަވީ އިމްތިޙާނުގައި ނަތީޖާ ނުކުތީ މަލާކް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ކުރި މަސައްކަތާއި ލީ ހިތްވަރާ އަޅާބަލާއިރު ލިބުނު ނަތީޖާއާ މެދު ބުނާނެ އެއްޗެއް މަލާކަށް ނޭނގެއެވެ. ހަތަރު މާއްދާއިން އޭ ސްޓަރ، ހަތަރު މާއްދާއިން އޭ ލިބިގެން އެނާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ފަސްވަނައަށެވެ.
" ނަތީޖާއާ މެދު ބުނާނެ އެއްޗެއް ނެތް. އެފަހަރު ދިމާވި ގޮތް އެއީ" މަލާކު އުއްމީދު ކުރީ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށެވެ.
މަލާކު ބުނި ގޮތުގައި އޯލެލްގެ ނަތީޖާގެ މަތިން ހަނދާން ނައްތާލައި އާ ފެށުމަކުން ކިޔަވަން އަޒުމް ކަނޑައެޅިއިރު ބޯމަތިވީ ކޮވިޑް 19އެވެ. ގޭގައި ބަންދުވެ ތިބެ އޮންލައިންކޮށް ކިޔަވަން ޖެހުމުން ވިސްނުމާއި ފިކުރާއި ސިކުނޑިއަށް ބުނަން ނޭނގޭ އެތައް އުދަގުލެއް ކުރިމަތިވިއެވެ. ފިލާވަޅުގެ ތެރެއަށް ނުވަދެވި، ދެވޭ މިސްރާބެއް ނޭނގޭ ހާލަތަށް ދިޔައެވެ.
" އޮންލައިންކޮށް ކިޔަވަމުންދިޔަ ދުވަސްވަރަކީ ޙަޔާތުގައި ވެސް އައި ވަރަށް ހިތްދަތި އުނދަގޫ މަރުޙަލާއެއް. ކިޔެވުމުގެ މަތިން މާޔޫސްކޮށްލައި ކުރިއަށްދާނެ މިސްރާބު އޮޅުވާލި. ހާސްވެ ފިކުރުބޮޑުވެ ނަފުސާނީ ބޮޑު ބަދަލެއްގެ ތެރެއަށް ވައްޓާލި" މަލާކަށް ކުރެވުނު އެ އިހުސާސްތައް ހިއްސާކުރިއެވެ.

އެ ކަންތައްތަކުގެ ތެރެއިން އަރައިގަނެ ހިންދެމިލެވުނީ ސްކޫލަށް ހާޒިރުވެ ކިޔަވަން ފެށުމުންނެވެ. އެކަމުގައި މައިންބަފައިންނާއި ގާތް އެކުވެރިންގެ ދައުރު ބޮޑެވެ.
މަލާކަކީ އަމިއްލައަށް ދިރާސާކޮށް ހޯދާ ބަލާ ދަރިވަރެކެވެ. އޭނާގެ މައުލޫމާތު މުއްސަނދި ވަނީ ފިލާވަޅުގެ ބޭރުން ހޯދާ މައުލޫމާތުންނެވެ. ސްކޫލްގައި ދޭ ފިލާވަޅު މުޠާލިޔާކޮށްފައި، ގިނަ ވަގުތު ހޭދަކުރަނީ ރިސަރޗް ކުރުމުގައެވެ. ޔޫޓިއުބަކީ މަލާކުގެ ކާމިޔާބީއާ ގުޅިފައިވާ އެންމެ ބޮޑު "ޕްލެޓް ފޯމް"އެވެ. ކޮންމެ ދުވަހަކުހެން ފިލާވަޅާ ގުޅުންހުރި އެތައް މައުލޫމާތުގެ ތެރެއަށް އަތް ފުނާއަޅާ ހޯދަނީ އެއިންނެވެ.
އެހެން ކުދިންނާ ޚިލާފަށް މަލާކަކީ އެކަނި އިނދެ ކިޔަވަން ލޯބިކުރާ ދަރިވަރެކެވެ. ގުރޫޕް ސްޑީ ހަދަނީ ވަރަށް މަދު ހާލަތެއްގައެވެ. އެހެން ނުނީ ކިޔަވަން އިންނަނީ އެކަންޏެވެ.
" ނަތީޖާއެއް ހޯދަން އެދޭނަމަ ގިނަގިނައިން ރިސަރޗް ކުރަންވީ. ހޯދާ ބަލަންވީ. ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ޓީޗަރުންނާ ސުވާލުކުރަންވީ. ފިލާވަޅުގައި ބުނާއެއްޗެއް ހިތާއި ސިކުނޑިއަށް ވެސް ފޯރުވާވަރު ކުރަންވީ"
އެ މަސައްކަތުގެ ނަތީޖާ ވެސް އޭލެވެލްގެ ނަތީޖާ މަލާކްގެ ކޮޅަށް އަނބުރާ ލުމުގައި އޭނާ ގެންގުޅުނު އުކުޅުތައް ކާމިޔާބެވެ. އޭލެވެލްގައި ފަސް މާއްދާއިން އޭ ސްޓަރ ވެސް ލިބުނީއެވެ. ކުޑައިރުއްސުރެ ދެކެމުންއައި ޑޮކްޓަރަކަށް ވުމުގެ ހުވަފެނުގައި ކުލަ ވެސް ޖެހެނީއެވެ. ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕުގައި އިނގިރޭސި ވިލާތަށް ކިޔަވަން ދާން މަލާކު މިހާރު ކުރީ ކެތްމަދުވެފައެވެ.

" ވަރަށް އުފާވި ބޭނުންވި ނަތީޖާ އޭލެވެލްގައި ނެރެވުނީމާ. މާޔޫސްކަމުގެ ތެރެއިން އުފާވެރިކަން މި ހޯދުނުނީ ވަރަށް މަސައްކަތުން. އެކަމަށް ދިން ވަގުތާއި ކުރި ހިތްވަރުން" މަލާކުގެ އަޑުގައި ވަނީ އުފާވެރިކަމެވެ. އެއީ ކުރިމަގަށް އޭނާ ކުރަމުން ދިޔަ އުއްމީދުގެ އަސަރެވެ.
މަލާކް ބުނީ ރަށުގައި ހުއްޓަސް މާމައަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި ރަށުގައި އުޅުނުއިރު މާމަ ކޮށްދިން ކަންތައްތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.
" މާމަގެ ކައިރީގައި ނެތަސް ކުރިން އެ އޮތް ގުޅުން މިހާރުވެސް ބާއްވަން. ގުޅާފައި މާމައާ ވާހަކަ ދައްކަން. ޓެސްޓަކަށް ދިއުމުގެ ކުރިން މާމަގެ ހެޔޮ ދުޢާ ހޯދަން"
މަލާކުގެ ކާމިޔާބީގެ ލިސްޓްގައި އޮތީ ޓީޗަރުންނާއި ސްކޫލާއި އާއިލާގެ މެމްބަރުންގެ ނަމެވެ. ޓީޗަރުން އޭނާއަށް ދައްކައިދިން މަގުން އޭނާ ކުރިއަށް ދެވުނީ އޮމާންކޮށެއް ނޫނެވެ. ވެއްޓުނު ފަހަރު ވެއްޓުނަސް ތެދުވެ ކުރިއަށް ހިނގައި ގަންނަން ވެސް ދަސްކޮށް ދިނީ އެމީހުންނެވެ. އެކަމުގައި މަންމައާއި ބައްޕަ ދިން ހިތްވަރާއި ގާތް އެކުވެރިން ދިއްކޮލި އަތަކީ މިއަދު އޭނާގެ ކާމިޔާބީގެ ތަޅުދަނޑިއެވެ. ދެން އޮތީ އޭނާ ކުރި ދުޢާއެވެ. ކޮންމެ ރެއަކު ތެދުވެ ދެއަށް އުފުލާ ދަމުނަމާދުގައި ކުރި ދުޢާ ވެސް އިޖާބަކުރެއްވީއެވެ. އެކަމަށްޓަކައި ﷲއަށް އަބަދުވެސް އޭނާ ވަކީލުކުރެއެވެ. އެއީ އެނާއަށް ދެއްވި ބޮޑު ނިއުމަތެކެވެ.
advertisment
ހިޔާލު