-
އޯލެވެލްގެ ދެ ވަނައިން އޭލެވެލްގެ އެއްވަނައަށް އަރަން އަޒުމް ކަނޑައެޅީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އިނާމް ދިނުމަށް ބޭއްވި ހަފްލާގައި އިނދެ
އަބަދުވެސް އޭ ސްޓަރ ހޯދަމުން އައި އައިޝަތު ނީޝަން ވަހީދަށް އޯލެވެލްގެ ގަދަ ދިހައެއްގެ އެއްވަނައިން ސޮއްސާލީ ހިސާބު މާއްދާއިން އޭ އެއް ލިބިގެންނެވެ. އެހެން ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބުމުން އޭނާ ދިޔައީ ގަދަ ދިހައެއްގެ ދެވަނަ އަށެވެ.
" އުއްމީދު ކުރިގޮތާ ޚިލާފަށް ހިސާބު މާއްދާއިން އޭ އެއް ލިބިގެން ދެވަނައަށް ދިޔައީމާ ހިތް ނުތަނަވަސްވެ ކަންބޮޑުވި" ކަލާފާނު ސްކޫލުން ސާނަވީ ނިންމައި، 2019 ވަނަ އަހަރު އެ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ޝަރަފުވެރި އެވޯޑް ހޯދި ނީޝަން ބުންޏެވެ.
އޯލެވެލްއިން ލިބުނު ދެވަނަ އޭލެވެލްގައި އެއްވަނައަށް ޖައްސާލަން ނީޝަން އަޒުމް ކަނޑައެޅީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އިނާމް ދިނުމަށް ބޭއްވި ހަފްލާގައި އިނދެއެވެ.

" ފަޚުރުވެރި އެއްވަނަ އިނާމް ހިފައިގެން ކުދިން ދާން ފެށީމާ، އެވަގުތު ޢަޒުމް ކަނޑައެޅީ އޭލެވެލްގައި އެއްވަނަ ހޯދަން"
އޭލެވެލް ފެށި ދުވަސްވަރު، ކޮވިޑް 19 އާ ގުޅިގެން ކިޔެވުން ފެށީ އޮންލައިންކޮށެވެ. އޭގެ ސަބަބުން ކިޔެވުމުގެ ތެރެއަށް ވަންނަން ނީޝަންއަށް އުނދަގޫވިއެވެ. ކުރީކޮޅު ދިން ޓެސްޓްތަކުން އުއްމީދު ކުރިހާ ރަނގަޅު ނަތީޖާއެއް ނުހޯދެއެވެ. އެކަމަކު ވެސް އޭނާގެ ހިތްވަރާއި ޢަޒުމަކަށް ބަދަލެއް ނާދެއެވެ.
ސްކޫލަށް ހާޒިރުވެގެން ކިޔަވަން ފެށުމާއެކު ސާނަވީގައި އޭނާ ކިޔަވަމުން ދިޔަ ސްޓައިލް، ބަދަލުކޮށްލިއެވެ. އޭގެ ފައިދާ ނީޝަންއަށް ކުރިއެވެ. ކިޔެވުމުގެ ތެރެއަށް ވަދެވި ޓެސްޓްތަކުން މަތީ މާކްސް ލިބެންފެށިއެވެ. ލިބެމުން ދިޔަ ކުރިއެރުންތައް ފެނި އުއްމީދު އާވިއެވެ.
ނީޝަން ބަލަނީ " އޯވަރ ކޮންފިޑެންޓް" ނުވެ އިމްތިޙާންތަކާ ކުރިމަތިލާށެވެ. އެހެންވެ ދުރާލާ ޓެސްޓަށް ތައްތާރުވެއެވެ. ފިލާވަޅުތައް މުޠާލިޔާ ކުރުމުގައި ވަގުތު ހޭދަކުރެއެވެ.
" އޯވަރ ކޮންފިޑެންޓް ނުވާން ވެގެން އިމްތިޙާނަށް ވަރަށް ރަނގަޅަށް ތައްޔާރުވަން. އިމްތިޙާން ހޯލަށް ވަންނަނީ އެންމެ ފަހުގެ ކަމަކަށް ﷲއާ ވަކީލުކޮށްފައި" ނީޝާން ބުންޏެވެ.
ނީޝަން ބުނީ އޯލެވެލްއާއި އޭލެވެލްގައި ބޮޑު ތަފާތެއް ހުންނާތީ އޯލެވެލްގައި ކިޔަވާ ސްޓައިލްގައި ކިޔަވައިގެން އޭލެވެލްގައި ނަތީޖާ ނުނެރެވޭނެ ކަމަށެވެ. އޭލެވެލްގައި ކިޔަވަން ތަފާތު ވަޞީލަތްތަކާއި އުކުޅުތައް ހުންނާނެ ކަމަށާއި، އޭގެ ތެރެއިން އެންމެ ރަނގަޅީ ކޮންގޮތެއްތޯ ފުރަތަމަ ދެނެގަންނަންޖެހޭ ކަމަށް ނީޝަން ބުންޏެވެ.

ނީޝަން ބުނީ އޭނާއަށް ކިޔަވަން އެންމެ ފަސޭހައީ ފިލާވަޅުތައް ރަނގަޅަށް މުޠާލިޔާކޮށްފައި ޕާސްޓް ޕޭޕަރު ހަދައިގެންނެވެ.
" ޕާސްޓް ޕޭޕަރު ހަދާއިރު ވީހާވެސް ގިނަ ޕޭޕަރު ހަދައި ނިންމާލުމުގެ ބަދަލުގައި ޖަވާބު ނުބައިކޮށް ދެވޭ ސުވާލުތައް ބަލާފައި ހަނދާން ނެތޭ ތަންތަން ވަކިން ނޯޓް ފޮތެއްގައި ނަމަވެސް ލިޔުން މުހިންމު. އިމްތިޙާނުގެ ހަތަރުފަސް ދުވަސް ކުރިން އެ މައުލޫމާތު ދަސްކޮށް ހަދާނަމަ ނަތީޖާއަށް ބަދަލު އަންނަކަން ފާހަގަކުރެވޭ" ނީޝަން އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ.
އޭލެވެލްގައި ފަސް މާއްދާއިން އޭ ސްޓަރ ލިބުނު ވާހަކަ ނީޝަންއަށް ގުޅާފައި ބުނީ މަންމައެވެ. މިހާރު ސެނަހިޔާ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ނީޝަންއަށް އެކަންވީ ސަޕްރައިޒަކަށެވެ.
" މަންމަ ވެސް ހުރީ ވަރަށް އުފާވެފައި. އެއީ ވަރަށް އުފާވި ދުވަހެއް. ބޮޑު ލުޔެއް މުޅި ހަށިގަނޑަށް ލިބުނު ދުވަހެއް"
ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަނުގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނުނު ނީޝަން، އޭލެވެލްގައި ބައިވެރިވި ފަސް މާއްދާއިން އޭ ސްޓާރ ހޯދައިގެން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ވަނީ ޔަގީންކޮށްފައެވެ. މި ނަތީޖާއާއެކު ޑޮކްޓަރެއްގެ ހެދުން ގަޔަށް ހެޔޮވަރުކޮށްގެން ހުރި ނީޝަންއަށް އިނގިރޭސިވިލާތުން ޑޮކްޓަރީކަން ކިޔަވަން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުން ކައިރިވީއެވެ.
ނީޝަން ބުނީ ކިޔަވަން މަސައްކަތްކޮށް ރަނގަޅު ނަތީޖާ ހޯދާ ކުދިންނާމެދު ކައިރީގައި އުޅޭ ކުދިންގެ ފަރާތުން ވެސް ހިތްހަމަ ނުޖެހުމުގެ ވާހަކަތައް އަޑުއިވޭނެ ކަމަށާއި އެކަން ބައެއް ބެލެނިވެރިންގެ ފަރާތުން ފާހަގަވާ ކަމަށެވެ. ކިޔެވުމާއިގެން ސީރިއަސްވާން ބޭނުންނަމަ އެހެން އިވޭ އަޑުތަކަށް ސަމާލުކަން ނުދިނުމަށް ނީޝަން ނަޞޭހަތްތެރިވިއެވެ.
" އެންމެ ކުޑައިރުއްސުރެ ރަނގަޅު ނަތީޖާ ހޯދަމުން އަންނާތީ ބައެއް ފަހަރު ބައެއް ކުދިންނާއި ބެލެނިވެރިންގެ ފަރާތުން ހިތް ނޭދޭ ތަފާތު ވާހަކަތައް އަޑުއިވޭ. އެފަދަ ވާހަކަތަކަށް ސަމާލުކަން ނުދީ ކިޔެވުމަށް ފޯކަސްކުރަނީ. މަންމަމެން އަބަދުވެސް ދޭ ނަޞޭހަތެއް އެއީ އެފަދަ އަޑުތަކަށް ސަމާކުކަން ނުދެން" ނީޝަން ބުންޏެވެ.

އަމިއްލަ ތަޖުރިބާގެ އަލީގައި ނީޝަން ބުނީ އެފަދަ ވާހަކަތައް އެއްފަރާތްކޮށްފައި ކަނޑައަޅާފައިވާ ޢަޒުމާއެކު ވަކި ޓާގެޓަކަށް މަސައްކަތް ކުރުމުން ކާމިޔާބު ލިބޭނެ ކަމަށެވެ.
" ޓާގެޓަށް ދިއުމަށް ހުރަހަކަށް ދިމާވާ ހުރިހާ ކަމަކުން ނެއްޓެއް އެނގެންވާނެ. މީހަކު ދައްކާ ވާހަކައަކުން ބުނެލާ އެއްޗަކުން ދާންވީ މިސްރާބުން ކަސިޔާރުވެގެން ނުވާނެ" ނީޝަން ދިނީ ނަޞޭހަތެކެވެ.
" މިއީ ކުރަން ފަސޭހަ ކަމެއްނޫން. އެކަމަކުވެސް ކުރެވޭނެ ކަމެއް"
ނިޝަންގެ ކާމިޔާބީގެ މުދައްރިސުންގެ ދައުރުވެސް ބޮޑެވެ. އެއަށްވުރެ މައިންބަފައިންނާއި އާއިލާގެ ހިއްސާ އެހާމެ ބޮޑެވެ. މަންމައާއި ބައްޕައަށް އޭނާގެ އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެކެވެ. ކޮންމެ ދުވަހަކު ދޭ ނަޞޭހަތާއި ކިޔަވަން އިންނައިރު ކިޔަވަނީ ރަނގަޅަށްތޯ ބަލައި ބޭނުންވާ ހުރިހާ އެއްޗެއް އަތުޖެހޭ ފަށަށް ގެނެސްދިނުމުގައި އެ ދެމީހުން ކޮށްދިން ހުރިހާ ކަމެއްގެ އަގު އޭނާ އަދާކުރާނީ ޒިންމާދާރު ޑޮކްޓަރެއްގެ ގޮތުގައި ޤައުމަށް ކޮށްދޭ އިޚްލާސްތެރި ޚިދުމަތްތަކުންނެވެ.
advertisment
ހިޔާލު