ނޫރާނީ ސްކޫލުން ފުރަތަމަ ފަހަރަށް އޯލެވެލްގައި އިށީންނަނީ

މިއީ ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ތަފާތު" ތަޖުރިބާއެއް

ސާނަވީގެ އިމްތިޙާން މާދަމާ ފަށާއިރު، މި އަހަރު އަލަށް އެ އިމްތިޙާނުގައި އައްޑޫ ސިޓީ މަރަދޫ ސްކޫލާއި ނޫރާނީ ސްކޫލުން ބައިވެރިވާނެއެވެ.

ނޫރާނީ ސްކޫލްގެ ޕްރިންސިޕަލްކަމާ މީގެ ދެ މަހެއްހާ ދުވަސްކުރިން ހަވާލުވެވަޑައިގެންނެވި ފާތިމަތު ހަފްސާ ވިދާޅުވީ އެ ސްކޫލުން އޯލެވެލްގައި އަލަށް ބައިވެރިވާއިރު ބައިވަރު ގޮންޖެހުންތަކެއް ހުރި ނަމަވެސް ސާނަވީ އިމްތިޙާނަށް އެ ސްކޫލުން ކުރާ އުއްމީދު ބޮޑުކަމަށެވެ.

އެހެން ސްކޫލްތަކާ އަޅާބަލާއިރު އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް ގިނަ. އެކަމުން އަރައިގަންނަން ގިނަ މަސައްކަތްތަކެއް ކުރެވުނު. އުއްމީދު ކުރަނީ ރަނގަޅު ނަތީޖާއަކަށް" ހަފްސާ ވިދާޅުވިއެވެ.

ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް ހަފްސާ ވައަތް ފަރާތުގައި: ގޮންޖެހުންތައް ގިނަ ނަމަވެސް ސާނަވީ އިންތިޙާނުގެ ނަތީޖާއާމެދު އުއްމީދު ކުރެވޭ | ފޮޓޯ: ނޫރާނީ ސްކޫލް

އޭނާ ވިދާޅުވީ އޯލެވެލްގައި އަލަށް އިށީންނައިރު، ޓީޗަރުންނަކީ ކޮލިފައިޑް ޓީޗަރުންނަށް ވިޔަސް އޯލެވެލް އިންތިޙާނަށް ގިނަ ޓީޗަރުންގެ އެކްސްޕީރިއަންސް މަދުކަމަށެވެ.

" މިއީ ކުދިންނަށް ވެސް ޓީޗަރުންނަށް ވެސް ތަފާތު އާ ތަޖުރިބާއެއް" ހަފްސާ ވިދާޅުވިއެވެ.
" ގިނަ ޓީޗަރުންނަށް ވެސް އާ އެކްސްޕީރިއަންސަކަށް ވަނީ. އެމީހުންނަށް ވެސް އެހީތެރިކަމާ ގައިޑެންސް ދޭންޖެހޭ. ސްޓްރެޓެޖިކް ތަކާއި ޓެކްޓިސްތަކާއި ޓްރިކް ތަކަށް އަޅުގަނޑުމެންގެ ޓީޗަރުން އަދި ވަރަށް އާ"

ހަފްސާ ވިދާޅުވީ އެކްސްޓްރާ ކުލާސްތަކުގެ އިތުރުން، ސްކޫލްގެ އިމްތިޙާނުގެ ނަތީޖާއަށް ބަލައި ވަކިވަކި ދަރިވަރުންގެ އެސެސްމެންޓް ހަދައި އެންމެ ބޮޑަށް ދަރިވަރުންނަށް އުނދަގޫހެންހީވާ ދާއިރާތަކަށް ފޯކަސްކޮށްގެން ހުރިހާ މާއްދާއަކުން ވެސް މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ ޓީޗަރުން ވެސް ބުރަ މަސައްކަތްތަކެއް ކުރިކަމަށާއި ރޯދަމަހާ ދިމާވީމާ ވެސް އެންމެ އެކަށީގެންވާ ގޮތުގައި ކުލާސްތަކެއް ނުގެންދެވޭ ކަމަށެވެ.

ނޫރާނީ ސްކޫލްގެ ދަރިވަރުން މައިދާނީ ދަތުރެއްގައި އައްޑޫ ގަން އެއަރޕޯޓްގައި: އޯލެވެލްގައި އިށީންނައިރު އެ ދަރިވަރުން ކުރާ އުއްމީދު ބޮޑު | ފޮޓޯ: ނޫރާނީ ސްކޫލް
" ރޯދަމަހު ރޭގަނޑު 9ގެ ފަހުން ދަރިވަރުން މި ގެނެވެނީ. ވަގުތައް ހޯދާލައިގެން ޓީޗަރުންގެ ގޭގެއަށް ދަރިވަރުން ގެންގޮސްގެން ވެސް މަސަކަތް ކޮށްދެމުން ގެންދިޔައީ"

ރަނގަޅު ނަތީޖާއެއް ހޯދަން ދަރިވަރުން އަމިއްލަ އިސްނެގުމަށް ކުރި މަސައްކަތް ވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

" ކުދިން ވެސް ވަރަށް ހިތްވަރުގަދަ އަމިއްލައަށް ވެސް މައުލޫމާތު ހޯދާ އިމްތިޙާނަށް މަސައްކަތް ކުރަމުން ދިޔައީ" 

ނޫރާނީ ސްކޫލްގައި ގުރޭޑް 10އާ ހަމައަށް ދުވިސައްތައާ ގާތްކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *