"ޓީ ވިތް ޕްރިންސިޕަލް" ހިރިޔާ ސްކޫލުން ފަށައިފިއެވެ.
މިއީ އެ ސްކޫލްގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ކުދިންގެ ބައިވެރިވުމާއި، ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ރިންޒީ ވަހީދުއާއެކު އިއްޔެ ބައިވެރިވީ އެ ސްކޫލްގެ ގްރޭޑް ދިހައެއްގެ ކުލާސްތަކުން ހޮވާލެވުނު ކުދިންނެވެ.
ރިންޒީ ވިދާޅުވީ މިފަދަ ނުރަސްމީ ބައްދަލުވުމަކުން ކުދިން ސްކޫލާ މެދު ދެކޭގޮތާއި ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅު ކުރަން އެކުދިންގެ ފެންވަރުގައި ޚިޔާލު ލިބިގެންދާނެ ކަމަށެވެ. ޕްރިންސިޕަލާއެކު މިފަދަ ފުރުޞަތެއް ލިބުމަކީ ދަރިވަރުންނަށްވެސް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަން އެކުދިން ފާހަގަ ކުރާކަމަށް ރިންޒީ ވިދާޅުވިއެވެ.
" މީގެ ސަބަބުން ކުދިންނާއެކު ވަރަށް ގާތްކޮށް، ތަފާތު މާހައުލަކުން ވާހަކަ ދައްކާލެވޭ. ކިޔެވުމާއި ސްކޫލްގެ ހަރަކާތްތަކާ ގުޅޭ ގޮތުން ވަރަށް މުހިންމު ޚިޔާލުތައް ލިބޭ. ކުދިންނަށް ހުޅުވިފައިވާ މާހައުލެއްގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ފަހިކޮށްދެވޭ" ރިންޒީ ވިދާޅުވިއެވެ.

ރިންޒީ ވިދާޅުވީ ކޮންމެ ހަފްތާއަކު މި ސައިގައި ބައިވެރިވާނެ ކުދިން ކަނޑައަޅަނީ ކުލާހުގައި ކުރާ މަސައްކަތްތަކަށް ބެލުމަށްފަހު، އެ ކުލާހެއްގެ މުދައްރިސެވެ. މި ސައި އޮންނަނީ ޕްރިންސިޕަލް އޮފީހުގައެވެ.
ހިރިޔާއިން ނިންމާފައި ވަނީ ގްރޭޑް ފަހަކުން ފެށިގެން މަތީ ގްރޭޑް ތަކުގެ ދަރިވަރުންނާއެކު މި ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދާ ގޮތަށެވެ. އަހަރު ނިމޭއިރު ކޮންމެ ކުލާހެއްގެ ދެބައިކުޅަ އެއްބައި ކުދިންނާ ބައްދަލު ކުރެވޭނެ ކަމަށް ހިރިޔާއިން މައުލޫމާތު ދެއްވައެވެ.
"ޓީ ވިތް ޕްރިންސިޕަލް" ހިރިޔާއިން ފެށީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު ބައިވެރިވި ދަރިވަރަކު ބުނީ ޕްރިންސިޕަލާއެކު ވަގުތުކޮޅެއް ހޭދަކުރެވުމުން ވަރަށް ހިތްހަމަޖެހި، އަމިއްލަ ނަފުސަށް އޮތް އިތުބާރު އިތުރުވެގެން ދިޔަ ކަމަށެވެ. ދަރިވަރުންނަކީވެސް ސްކޫލް ހިންގުމުގައި މުހިންމު ބައެއްކަމުގެ އިހުސާ ކުރެވުނު ކަމަށެވެ.
advertisment
ހިޔާލު