ދަރިވަރުންނަށް އުފާވެރިކަން ގެނެސްދިނުމަށް މުހުޔިއްދީން ސްކޫލުން ތައާރަފު ކުރީ "ފްރީ ޕްލޭ"

ޑިޕްރެޝަންއާ ދަރިވަރުން ދުރުކުރުމަށް މުހުޔިއްދީން ސްކޫލުން ތައާރަފު ކުރީ "ފްރީ ޕްލޭ" އެވެ. މި ކަމުގެ ސަބަބުން ފާހަގަ ކޮށްލެވޭ ވަރުގެ ބަދަލުތަކެއް ދަރިވަރުންނަށް އައިސްފައިވާ ކަމަށް އެ ސްކޫލުން ފާހަގަ ކުރައްވައެވެ.
މުހުޔިއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޒިމާ އަލީ މަނިކު ވިދާޅުވީ މިދިޔަ އަަހަރު " ފްރީ ޕްލޭ" ތަޢާރަފު ކުރީ ސްކޫލްގެ ހަތަރު ފާރުން ބޭރުން، ތަފާތު މާހައުލެއްގައި ކުދިންނަށް " ފްރީކޮށް" ކުޅެލާނެ ވަގުތުތަކެއް ދިނުމުގެ ގޮތުންނެވެ.

" އާދައިގެ މަތިން ސްކޫލްގެ އެކި ކުލާސްތަކަށް ދާއިރު، އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ބައެއް ކުދިން ދިމާވާ ކޮންމެ ވެސް ސަބަބަކާހުރެ މާޔޫސްވެ، ނޫނީ ޑިޕްރެޝަންގައި އުޅޭތަން. އެކުދިންގެ މޫނުމަތިން އުފާވެރިކަން ނުފެންނަތަން. މިކަން ފާހަގަ ކުރެވެނީ ދަށް ގްރޭޑް ތަކުގެ ކުޑަކުދިންގެ ތެރޭގައި. މިކަންތައް ތަކުރާރުކޮށް ފެންނަން ފެށީމާ ސްކޫލް މެނޭޖްމަންޓްގެ ތެރޭގައި މަޝްވަރާކޮށް، ނިންމީ ކުޅުމުގެ ތެރެއިން މިކަންތައްތަކަށް ހައްލެއް ގެނެވިދާނެ ގޮތެއް" ނާޒިމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުދިން ގޭގައި ކުރަނީ މަންމަ ބައްޕަ ނޫނީ ދައްތައެއް ބުނާ ކަންތައްތަކެވެ. ސްކޫލަށް އައިސް ކުރަނީ މުދައްރިސް ދައްކާ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ސްކްރީނާއެކު ހޭދަކުރާ ވަގުތު މަދެއްނުވެއެވެ. އާންމުކޮށް ދެމިގެންދާ މި އާދަކާދައިގެ ތެރޭގައި ކުއްޖާ އަމިއްލައަށް ކަންތައް ކުރުމުގެ އިޚްތިޔާރެއް ނުލިބެއެވެ.
" މި ހުރިހާ ކަމަކަށް ބެލުމަށްފަހު، "ޕްރީ ޕްލޭ" ތައާރަފު ކުރީ. މިހާރު އެގަޑިއަށް ހުރިހާ ކުދިން އިންތިޒާރުކުރޭ. ކުދިންނަށް ވަރަށް މުހިންމު ގަޑިއަކަށް މިހާރު މިއޮތީ ވެފައި" ނާޒިމާ ވިދާޅުވިއެވެ.

މުހުޔިއްދީން ސްކޫލުން " ފްރީ ޕްލޭ" ގެންދަނީ ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށެވެ. މި ހަރަކާތް ކުރިއަށް ގެންދަނީވެސް އެ ސްކޫލުން ބޭރުގައި ވިލިނގިލީގެ އެކި ސަރަހައްދު ތަކުގައެވެ.
ނާޒިމާ ވިދާޅުވީ " ފްރީ ޕްލޭ " ކުރިއަށް ގެންދާނީ އެ ސްކޫލުން ބޭރުގައި ވިލިނގިލީގައި ލިބެން ހުރި ވަޞީލަތެއް ބޭނުންކޮށްގެން އެއަވަށުގެ އެކި ސަރަހައްދުތަކުގައެވެ. އަދި އެވަގުތު މުދައްރިސުން ކުރާ ކަމަކީ އެކުދިން އުޅޭ ގޮތް ބެލުމެވެ. ކުދިން ކުރާނެ ކަންތައްތައްވެސް ނިންމާނީ އެކުދިންނެވެ.
އޭނާ ވިދާޅުވީ ކުދިން އުޅޭ ނޫޅޭ ގޮތް މުދައްރިސުން ކައިރިން މޮނީޓަރ ކުރަމުންދާނެއެވެ. ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަަކަށް ވަރަށް ބޮޑަށް ސަމާލުވާ ކަމަށް ނާޒިމާ ވިދާޅުވިއެވެ.
" މިއީ ވަކިން އޮތް ރަށެއް. މިތަނުގައި ދުއްވާއެއްޗެހި މަދު. އެހެން ތަންތަނާ އަޅާބަލާއިރު، އަޅުގަނޑުމެންނަށް ތަނުން ލިބެން ހުންނަ ރިސޯސަސްގެ ބޭނުން އެބަހިފޭ" ނާޒިމާ ވިދާޅުއެވެ.

މުހުޔިއްދީން ސްކޫލަކީ މާލޭ ސަރަހައްދުގައި، އެއް ދަންފަޅިއަށް ބަދަލުކުރި ފުރަތަމަ ސްކޫލެވެ. ނިމިގެންދިޔަ އަހަރުގެ ދެވަނަ ޓާމަށްފަހު އެ ސްކޫލްގައި ކިޔަވައިދެމުން ގެންދިޔައީ އެއް ދަންފަޅިއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *