މަކުނުދޫ ސްކޫލްގެ ދަރިވަރުން ދެމެހެއްޓެނިވި ގޮތެއްގައި ފެނުގައި ގަސް ހައްދަން ފަށަނީ

މަކުނުދޫ ސްކޫލްގެ ދަރިވަރުން ދެމެހެއްޓެނިވި ގޮތެއްގައި ފެނުގައި ގަސް ހައްދަން ފަށައިފިއެވެ. މި މަސައްކަތް ފަށައިގަތުމުގައި ބައިވެރިވަނީ އެ ސްކޫލްގެ ގްރޭޑް ނުވައެއްގެ ދަރިވަރުންނެވެ.

މަކުނުދޫ ސްކޫލްގެ ޕްރިންސިޕަލް މުޙަންމަދު ލުތުފީ ވިދާޅުވީ ފެނުގައި ގަސް ހެއްދުމުގެ މަސައްކަތް ފެށީ އެއް ދަންފަޅިއަށް އެ ސްކޫލް ބަދަލުވުމާއެކު، ދަރިވަރުންނަށް ތަފާތު ހުނަރު ދަސްކޮށް ދިނުމުގެ ތެރެއިންނެވެ. ގްރޭޑް ނުވައެއްގެ ދަރިވަރުންގެ މަސައްކަތްތަކަށް ބަލައި އެހެން ގްރޭޑް ތަކުގެ ދަރިވަރުންވެސް އޭގެ ތެރެއަށް ވަނުމުގެ ފުރުޞަތު ފަހިވާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

" ފެނުގައި ގަސް ހެއްދުމުގެ މަސައްކަތް ފަށައިގަތީ ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ފައިސާވެސް ލިބޭ ގޮތަށް" ލުތުފީ ވިދާޅުވިއެވެ.
ފެނުގައި ގަސް ހެއްދުމަށް ހައިޑްރޯފޯނިކް ސިސްޓަމް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަނީ ދަރިވަރުންނެވެ. ދަރިވަރުން އެ މަސައްކަތް ކުރަނީ ސްކޫލްގެ މުދައްރިސުންނާއި ޕްރިންސިޕަލްގެ އެހީތެރިކަމާއެކުގައެވެ.

" ފެނުގައި ގަސް ހެއްދުމުގެ މަސައްކަތް މިރަށުގައި އެބަކުރޭ. އެހާ ފުޅާކޮށް ނޫން އެކަން ކުރަނީ. އެފަދަ ފަރާތްތަކުގެ ތަޖުރިބާއާއި، އަދި އެކަންތައް ކުރާގޮތް މުދައްރިސުން ބަލައި ދިރާސާ ކުރުމަށްފަހު ދަރިވަރުން ލައްވައި ސްކޫލްގައި އެ މަސައްކަތް ކުރިއަށް ގެންދާނީ" ލުތުފީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެނުގައި ގަސް ހައްދާނީ އެންމެ ބާވަތެއް ނޫނީ ދެ ބާވަތެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ގިނަ ދުވަހަށް ކުރިއަށް ގެންދެވި އެއިން އާމްދަނީއެއް ސްކޫލަށްވެސް ލިބޭ ގޮތަށެވެ.

" މިކަން ކުރެވިއްޖިއްޔާ މާކެޓް މިހާރުވެސް އޮތީ ލިބިފައި. އަޅުގަނޑުމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރައްވާ ފަރާތުން އޮތީ އަޅުގަނޑުމެން ދަރިވަރުން ލައްވައި އުފައްދާ އުފެއްދުން ގަންނާނެ ކަމަށް ބުނެފައި. އެއީ މި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބޭ ހިތްވަރެއް" ލުތުފީ ވިދާޅުވިއެވެ. " އެ ފަރާތުގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް މި މަސައްކަތް ފަށައިގަނެވުނީވެސް"

މަކުނުދޫ ސްކޫލުން ނިންމާފައި ވަނީ ފުރަތަމަ ބޮޑުކެކުރި ހައްދާށެވެ. އޭގެ ތަޖުރިބާއަށް ބަލައި އެ ސްކޫލް ގޯތިތެރޭގައި ދަނޑުވެރިކަމުގެ އެހެން ބާވަތްތައް ހައްދަން އޮތީ ނިންމާފައެވެ.
" މީގެ ނަތީޖާއަށް ބަލައި އެހެން ގްރޭޑް ތަކުގެ ދަރިވަރުންވެސް މީގެ ތެރެއަށް ވެއްދޭނެ. އަޅުގަނޑުމެންގެ ވިސްނުން ހުރީ ކުލާސްތަކަށް ވަކިން ސަރަހައްދުތަކެއް ދީގެން ކުރިއަށް ގެންދަން. އޭރުން ފަޅޯ ކަހަލަ ބާވަތްތައް ހެއްދިދާނެ" ލުތުފީ ވިދާޅުވިއެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *