ރާއިފު: ފުރުޞަތު ހޯދީ އަމިއްލައަށް އެދިގެން، މިހާރު އެއީ މޮޅު ވާހަކަދެއްކުންތެރިއެއް

މަކުނުދޫ ސްކޫލްގެ ގުރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއް ތައްޔާރު ވަމުން ދިޔައީ ސަޤާފީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ސްޓޭޖް މަތީ ހަރަކާތްތަކަށެވެ. ޅެމާއި ބަންޖާއި ރައިވަރާއި ބަހުގެ ހުށަހެޅުންތައް އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ. އެ ޝޯވ ހުށަހަޅައިދޭ ގޮތަށް އޮތީ އެ ސްކޫލްގެ ގުރޭޑް ހައެއްގެ ދަރިވަރެކެވެ. ގުރޭޑް ހަތަރެއްގައި އޭރު ކިޔަވަމުން ދިޔަ  ރާއިފު އަޙްމަދު ރާޒީއަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. އޭނާ ބޭނުންވީ އެ ޝޯވ ހުށަހެޅުމުގެ ފުރުޞަތު ހޯދާށެވެ. އެކަން ކުރަން އޭނާ ބޭނުމެވެ.

" އެކަން ކުރަން ބޭނުންވެގެން ޓީޗަރު ކައިރީގައި އެދުނީ ޝޯވް ހުށަހަޅައި ދިނުމުގެ ފުރުޞަތު ދޭން" ވާހަކަ ދެއްމުގެ ތެރެއަށް ރާއިފަށް ވަނުމުގެ ފުރުޞަތު ތަނަވަސްވީ އެ ދުވަހަށްފަހުއެވެ.
"ގިނަ މީހުންނަށް ކަމުދިޔައީ އެ ޝޯވ ހުށަހަޅައިގެން ދިން ގޮތުން"

އޭގެ ފަހުން ގިނަ ފުރުޞަތު ތަކެއް ރާއިފަށް ސްކޫލުން ފަހިވިއެވެ. އިނާމް ދިނުމުގެ ޖަލްސާތަކުން ފެށިގެން މުދައްރިސުންގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާތަކުގައި، ޖައްސަޖައްސައިގެން ތިން އަހަރު ދަރިވަރެއްގެ ޝުޢޫރު ފާޅުކުރުމުގެ ފުރުޞަތު ލިބުނެވެ. އެއިން އެނގުނީ އުމުރުން ހަނގަސް އޭނާ ޖެހިލުން ކުޑަކަމާއި ވާހަކަ ދެއްކުމުގެ ފަންނުގައި ކުރިއަށް ދިއުމަށް ހުރި ޝަޢުޤެވެ.

މަކުނުދޫ ސްކޫލުން ރާއިފު ބަދަލުވީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށެވެ. ކިޔަވަން ފެށީ ހަތް ވަނަ ގުރޭޑްގައެވެ. އަދަބީ މުބާރާތެއްގެ ގޮތުގައި އެ އަހަރު ބައިވެރިވީ އަލްޣާޒީ ހަސަންތާޖުއްދީނުގެ ހަނދާނީ ތާރީޚީ ސުވާލު މުބާރާތުގައެވެ. އެ މުބާރާތުން ލިބުނު ތަޖުރިބާގެ އަލީގައި އިންޓަރ ސްކޫލް ވާހަކަ ދެއްމުގެ ޤައުމީ މުބާރާތުގައި 2019 ވަނަ އަހަރު ރެހެންދި ޓީމުގައި ހިމެނުނެވެ. ޤައުމީ ފެންވަރުގެ އެފަދަ މުބާރާތެއްގައި ބައިވެރިވުމާއި ކުރިއަށް ދިއުމުގެ ތަޖުރިބާއާއި މައުލޫމާތާއި ހުނަރުގެ ތެރެއަށް ރާއިފަށް ލޯ ހުޅުވާލަދިނީ އެ މުބާރާތުންނެވެ.

" އެ މުބާރާތަށްފަހު އަޅުގަނޑަށް ޤަބޫލުކުރެވުނީ، ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ނުލިބެންޏާމު ވާހަކަ ދެއްކުމަށް މޮޅުކުއްޖެކަށް ނުވާނެކަން. އެހެންވެ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މުބާރާތުން އެއްވަނަ ހޯދަން މަސައްކަތް ފެށީ" ރާއިފު ބުންޏެވެ.

ޤައުމީ މުބާރާތުގައި ފުރަތަމަ ފަހަރު ހެދުނު ކުށްތައް ބަލައި އޭނާ ދިރާސާކުރިއެވެ. ދެން އޭނާ ބެނީ މުބާރާތުން ވަނަތައް ހޯދާ ކުދިންގެ އެއްގޮތް ކަންތައްތަކާއި ސިފަތަކާއި ގެންގުޅޭ ސްޓައިލަށެވެ. ދެން މުދައްރިސުންގެ ކައިރީގައި އަހައިގެން އޮޅުންފިލުވީއެވެ. މާކްސް ދިނުމުގައި ފަނޑިޔާރުން ބަލާކަންތައްތަކަށް ވެސް ރާއިފުއައީ ޚާއްޞަ ސަމާލުކަމެއް ދީގެން ދަސްކުރަމުންނެވެ.

2019 ވަނަ އަހަރުގައި ބޭއްވި މުބާރާތަށްފަހު، "ފަހި ދޫ" ގެ ނަމުގައި ވާހަކަ ދެއްކަން ދަސްކޮށްދޭ ޕޫލެއް ރެހެންދި ސްކޫލުން ކުރިއަށް ގެންދިޔައެވެ. އެ ޕޫލުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ދިނީ ޤައުމީ މުބާރާތުގައި އެ ސްކޫލް ތަމްސީލު ކުރި ދަރިވަރުންނަށެވެ. ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވި ކޮންމެ ދަރިވަރަކު ދިހަ ކުދިންނަށް ތަމްރީނު ދޭން ޖެހުނެވެ. އެ ޕޫލުން އެންމެ މޮޅު ތިންވަނަ ކޯޗަށް ރާއިފު ހޮވުނެވެ.

2020 ވަނަ އަހަރާއި 2021 ގައި ކޮވިޑް19އާ ގުޅިގެން ޤައުމީ މުބާރާތް ނުބާއްވައެވެ. ޖެހިގެން އައި އަހަރު ރެހެންދި ސްކޫލުން އެ މުބާރާތުގައި ބައިވެރިނުވެއެވެ. އޭގެ ފަހުން ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި އެ ސްކޫލުން ބައިވެރިވީ މި އަހަރުއެވެ. ރާއިފު ބައިވެރިވި ސާނަވީ ބައިން ފަޚުރުވެރި އެއްވަނަ އޭނާއަށް ލިބުނެވެ.

ރެހެންދި ސްކޫލުގައި މިފަހަރުގެ ކޯޗަކީ ޤައުމީ މުބާރާތުގައި އަހުމަދިއްޔާއިން ވާހަކަ ދެއްކި އެ ސްކޫލްގެ ކުރީގެ ދަރިވަރެކެވެ. ކޯޗްގެ ފަރާތުން ވެސް ތަފާތު އުކުޅުތައް ދަސްވި ކަމަށާއި މުބާރާތައް ދިއުމުގެ ކުރިން ކޮންމެ މައުޟޫއަކަށް ފަސް ފަހަރު ފަރިތަކުރިކަމަށް ރާއިފު ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކީ އޮއްޓަރު. އޮއްޓަރެއް ނެތި ވާހަކައެއް ނުދެއްކޭނެ. މައުލޫމާތު ހޯދާ ފަރިތަކޮށްފައި ދެން ވާހަކަ ދެއްކުން ތެރިކަމާ ގުޅުން ހުރި ސިފަތައް ގެންނަން ޖެހޭނީ" ރާއިފު ބުންޏެވެ.
" އޮއްޓަރެއް ހުރީމާ ވާހަކަ ދެއްކުން ރީތިވާނެ. ވާހަކަ ދެއްކުންތެރިކަން ހުރީމާ އެ ދޭ ތަގުރީރެއް ޝަޤުގުވެރިވާނީ"

ކޯޗްގެ ފަރާތުން ލިބުނު އިރުޝާދާއި ވާހަކަ ދެއްކުންތެރިކަމާއި ހުނަރާގުޅޭ ގިނަ މައުލޫމާތާއި އުކުޅުތައް އެނގިފައި ހުރުމުން ރާއިފު އިސްކަންދިނީ ދައްކާ ވާހަކައިގެ އޮއްޓަރަށެވެ. ކޮންމެ މައުޟޫއަކަށް ވަކިން ރިސާރޗްކޮށް އެތައް މައުލޫމާތެއް އެއްކުރިއެވެ. އެ އެއްކުރި މައުލޫމާތުތައް ތަރުތީބުން އަތުރާލިއެވެ. އޭގެ ފަހަށް ވާހަކަދެއްކުން ތެރިކަމާ ގުޅޭ ގޮތުން އޭނާ ދަސްކުރި އެއްޗަކާއި ކޯޗްދިން އިރުޝާދާ ގުޅުވާލިއެވެ. ނަތީޖާއަކީ ޤައުމީ ފެންވަރުގައި ބަލައިގަންނަ މޮޅު ވާހަކަ ދެއްކުންތެރިއަކަށް ވުމަށް ރާއިފު ގަބޫލުކުރާ ސިފަ އޭނާއަށް ފުރިހަމަވެ، މުބާރާތުގެ ތިން ބުރުން އަށް ރަންތަރިއާއި ދެ ރިހި ތަރި ލިބުމެވެ.

ރާއިފު ބުނީ ވާހަކަ ދެއްކުމުގައި އެއްވެސް މީހަކު ނަކަލު ނުކުރާ ކަމަށެވެ. ގެންގުޅެނީ އަމިއްލަ ސްޓައިލެކެވެ.

" ކުރިން އައި ކޯޗަކު ވިދާޅުވި، ވަރަށް ތަފާތު ސްޓައިލަކޭ ތި ގެންގުޅެނީ. ސޯދުބެ ވާހަކަ ދައްކާ ގޮތާ ވައްތަރޭ. ސޯދުބެ ކޮޕީކުރަންހޭ. އަޅުގަނޑު ބުނިން ނޫނެކޭ. ސޯދުބޭ ވާހަކަ ދެއްކި ތަނެއް ނުދެކެމޭ. އޭގެ ފަހުން އައި ކޯޗަކުވެސް ވާހަކަ ދެއްކުމުގައި އިބްރާހިމް ޝިހާބާ ވައްތަރު ގޮތެއް ހުންނާތީ، ޝިހާބު ކޮޕީކުރަންހޭ ވިދާޅުވި" ރާއިފު ބުންޏެވެ.

ރާއިފު ބުނީ، އެއްވެސް މީހަކު ވާހަކަ ދައްކާ ސްޓައިލެއް ކޮޕީކޮށް، އަޑުއަހައި ނޫޅޭ ކަމަށެވެ. އެކަމަކު އޭނާގެ ފޭވަރިޓުންނަކީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމްއާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާމާއެވެ.

ސާނަވީ އިމްތިޙާނަށް ތައްޔާރުވަމުންދާ ރާއިފު ހުރީ "ޤައުމީ މުބާރާތުން އެއްވަނަ ހޯދުމަށް މަގެއް" އެ މަޢުޟޫއަށް ފޮތެއް ލިޔަން ނިންމައިގެންނެވެ. އެއީ ވާހަކަ ދައްކަން ބޭނުންވާ ކޮންމެ ދަރިވަރަކަށް އޭނާގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުންނެވެ.

" ވާހަކަ ދެއްކުންތެރިކަމާބެހޭ ފޮތްތައް ކޮންމެ ވެސް ވަރަކަށް އެބަހުރި. އެކަމަކު މުބާރާތުން އެއްވަނައަށް ހޯދުމަށް އަމާޒުކޮށްގެން ލިޔެފައި އޮތް ފޮތެއް އޮތް ކަމަކަށް އެނގިފައެއް ނެތް. އެހެންވެ އަޅުގަނޑުގެ ވަރަށް ބޮޑު ޝަޢުޤެއް އެބައޮތް އެ ފޮތް ލިޔަން" ފޮތުގެ މަސައްކަތަށް އޭނާއަށް ވަގުތު ދެވޭނީ ކުރިމަތީގައި އޮތް ސާނަވީ އިމްތިޙާނަށްފަހުއެވެ. އެއީ އޭނާ ކުރަން މިހާރު ހިތުނިޔަތް ގަނެފައިވާ މުހިންމު މަސައްކަތެކެވެ.

ރާއިފު އެންމެ ކިޔަވާހިތް ވަނީ އިކޮނިމިކްސްއެވެ. އެކަމަކު އޭނާ ވާން ބޭނުން ވަނީ އައިޓީ ދާއިރާއިން ވެބްޑިވެލޮޕަރަކަށެވެ. ދިރާސާކޮށް ބަލާހިތްވަނީ ދިވެހި ތާރީޚާއި ސަޤާފަތެވެ.

" ޓެކްނޮލޮޖީއާއި ކޯޑިންގެ ތެރޭގައި އުޅުނަސް ދިވެހި ތާރީޚާއި އަދަބިއްޔާތަކީ ދޫކޮށްލެވޭނެ އެއްޗެއް ނޫން" ރާއިފުގެ ހިތުގައި ދިވެހި ބަހާއި ތާރީޚަށް ދެވިފައި ވަނީ ޚާއްޞަ ގަދަރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *