ޢުމުރުން 15 އަހަރުގެ މޫސަ: އަކުނިވަޔަށް ދަމާތީ ޑޮކްޓަރަށް ދެއްކިއިރު ދެ ކިޑްނީވެސް ފެއިލް

އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުކުތީ ކުލާސްކުދިންނާއި ބެލެނިވެރިން

ނިދާފައި އޮންނައިރު ހޭލެވެނީ އަކުނިވަޔަށް ދަމާތީއެވެ. އާންމުކޮށް އެހެން ވާތީ ޑޮކްޓަރަށް ދެއްކުމުން ހައްދަން ދިނީ ޓެސްޓްތަކެވެ. ޓެސްޓްތަކުގެ ނަތީޖާއިން އޭނާއާއި އާއިލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޓެސްޓްތަކުން ދެއްކީ ކިޑްނީގައި މައްސަލައެއް އުޅޭކަމެވެ. އައިޖީއެމްއެޗާއި އިންޑިޔާއިން ހެއްދި އިތުރު ޓެސްޓްތަކުން އެނގުނީ ދެ ކިޑްނީ ފެއިލްވެ މަސައްކަތް ކުރަނީ އެންމެ ދިހަ އިންސައްތައިގައިކަމެވެ.

ލ. މާވަށު ސްކޫލްގެ ގުރޭޑް 9ގައި ކިޔަވަމުންދާ 15 އަހަރުގެ މޫސާ ސާމް މާލެއައީ ފުރަތަމަ ޓާމުގެ ޗުއްޓީއަށެވެ. ޑޮކްޓަރަށް ދައްކާލަންށާ ވެސް އެކުގައެވެ. އެ ދަތުރާއެކު އޭނާގެ ދިރިއުޅުން ވަނީ މުޅިން ބަދަލުވެފައެވެ. ސްކޫލްގެ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުނުއިރުވެސް ސިއްޙީ އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެއެވެ. އޭނާ އުޅުނީ ކުޅިވަރުގެ ތެރޭގައެވެ. ހެލިފެލިވެއެވެ.

މޫސަ މިހާރު އަންނަނީ ހަތްފާއަކު ތިން ދުވަހު ޑައިލިސިސް ހަދަމުންނެވެ.

މޫސަގެ މަންމަ ފާތިމަތު ވަސީމާ ބުނީ ދަރިފުޅަށް އޭނާގެ ކިޑްނީ ދޭން ތައްޔާރެއެވެ. އެކަމަކު ހަކުރު ބަލި ހުންނާތީ އެކަން އޭނައަކަށް ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

" ދަރިފުޅުގެ ހުރިހާ ކަމެއްގައި ވެސް އެހީތެރިވެ މަސައްކަތް ކުރަނީ އޭނާގެ ބައްޕަގެ ފަރާތުގެ ބޭބެއިންނާއި ދައްތައިން" އެންމެ ހަނގުދަރި މި އަހަރު އޯލެވެލް ހަދާތީ މިހާރު ރަށުގައި ހުރި ސީމާ ބުންޏެވެ.

ބައްޕަ ނިޔާވީ މޫސަގެ އުމުރުން ފަސްއަހަރުގައެވެ.

މޫސަގެ ބައްޕައާ އެއްބަނޑު ބޭބެ އަހުމަދު މުހައްމަދު ބުނީ އާއިލާއިން މިހާރު މަސައްކަތް ކުރަނީ ކިޑްނީ ޓްރާންސްޕްލާންޓެއް ހައްދަން ކަމަށާއި އާއިލާގެ ތެރެއިން ޑޯނާއެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

" މިހާރު ދަނީ މެޑިކަލް ޓެސްޓް ހެދުމުގެ މަސައްކަތް. އެ މަސައްކަތް ކާމިޔާބު ވެއްޖެނަމަ ވީހާވެސް އަވަހަށް ޓްރާންސްޕްލާންޓް ހަދަން އިންޑިޔާއަށް ދާން ތައްޔާރު މިވަނީ" އޭނާ އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ، އެފަދަ ބޮޑު މަސައްކަތަކާ އެ އާއިލާއިން ކުރިމަތިލާއިރު، އާ ސަންދައިން ހަމަޖައްސައިދޭ ޚަރަދުގެ އިތުރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ. ހަ މަސްދުވަހު އިންޑިޔާގައި ތިބުމަށާއި އިތުރަށް ކުރަންޖެހޭ މެޑިކަލް ޚަރަދާއެކު މަދުވެގެން ދިހަހާސް ޑޮލަރު ބޭނުންވާ ކަމަށް އާންދާޒާ ކުރެވޭ ކަމަށެވެ.

މޫސައަށް އެހީވުމަށް އޭނާގެ ކުލާސްކުދިންނާއި އެކުދިންގެ ބެލެނިވެރިން ދަނީ ފަންޑްރައިޒިން އިވެންޓްތަކެއް އެ ސްކޫލްގައި ހިންގަމުންނެވެ. މިކަމުގައި އެ މާވަށު ސްކޫލުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސީމާ ބުނީ، މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ މޫސަގެ ކުލާސްކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ފަރާތުން ކަމަށެވެ.

ސީމާ އެދެނީ އިންޑިޔާއަށް ދިއުމުގެ ކުރިން ދަރިފުޅުގެ ފަރުވާއަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިފައި އޮތުމެވެ. އެއީ އެ އާއިލާއަށް އެކަނި އުފުލޭ ބުރަކައަށް ނުވާތީ، މަންމައެއްގެ ހައިސިއްޔަތުން އޭނާ އެދެނީ ދީލަތި އެހީއަކަށެވެ.

އިތުރު މަޢުލޫމާތު: 9846707 / 9728852

އެކައުންޓް ނަންބަރު: 7725505540001 ފާތިމަތު ވަސީމާ (ޝާމްގެ މަންމަ)

އެކައުންޓް ނަންބަރު (ޑޮލަރު) : 7730000110086 އަހުމަދު މުހައްމަދު

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *