ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ހުށަހަޅައިދޭ "ޤުރުއާނާއި ސައިންސް ފޯރަމް" މާ ޝަޢުޤުވެރި

" މުސްޙަފެއް، ޤުރުއާން ތަރުޖަމާއެއް ނެތް ގެއެއް އަޅުގަނޑުމެންގެ ތެރޭގައި މަދުވާނެ. ނަމަވެސް އަޅުގަނޑުމެންނަށް ޤުރުއާނާމެދު ވިސްނައި ފިކުރުކުރެވެނީ ވަރަށް މަދުން. ކީރިތިޤުރުއާނަކީ އެފޮތް ކިޔަވައި އެއާމެދު ވިސްނަންވީ ފޮތް. އެފޮތުގައި އައިސްފައިވާ ވާހަކަތަކާއި އިލްމީ ހަޤީގަތްތަކުގެ ތެދުކަން އެނގޭނީ އެއާމެދު ވިސްނައި ފިކުރުކުރި ބަޔަކަށް" ހޯމަ ދުވަހުގެ ރޭ، ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލުން، އަމްހަލް މުޙައްމަދު އިސްމާއިލް ފޯރަމް ފެއްޓެވުމުގެ ގޮތުން ބުންޏެވެ.

ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލުން ހުށަހަޅައި ދިނީ ކީރިތި ޤުރުއާނުގައިވާ ޖިއޮލޮޖީގެ ޢިލްމާ ގުޅޭ ޕްރެޒެންޓޭޝަނެކެވެ. އެ ޕްރެޒެންޓޭޝަނުގައި އެ ދަރިވަރުން ހުށަހެޅީ ފަރުބަދަތަކާއި ބިމުއަޑީގައިވާ މައުދަންތަކާއި ކަނޑާއި ކޯރުތަކާއި ވިލާތަކާއި ވޯޓަރ ސައިކަލްތަކާ ގުޅޭ ހަޤީގަތްތަކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބާއްވާ ޤުރުއާނާއި ސައިންސް ފޯރަމުގައި ބައިވެރިވާން ހުޅުވާލުމުން އެ ސިޓީގެ ހަ ސްކޫލަކުން މި އަހަރު ބައިވެރިވިއެވެ. އެހެން އަހަރު ތަކުގައި ބައިވެރިވަނީ އެ ސިޓީގެ ސަރުކާރު ސްކޫލްތަކުންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އާމިނަތު ޝެހެނާޒު ދަރިވަރު ނޫހަށް ވިދާޅުވީ، ސައިންސް ފޯރަމް ބާއްވާތާ ހަތަރު އަހަރު ވި އިރު، މިހާ ފުޅާކޮށް ގިނަ ސްކޫލްތަކަށް ބައިވެރިވެވޭ ގޮތަށް ބާއްވަނީ މި އަހަރު ކަމަށެވެ.

" އެންމެ ފުރަތަމަ އަތޮޅު ތަޢުލީމީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދިޔައީ ދީނީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް. އެ ޕްރޮގްރާމް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އިތުރު ސްކޫލްތައް ބައިވެރިކޮށް، އެންމެ ފަހުން ޒަމާނާއެކު އެކި ފަރާތްތަކުގެ އިރުޝާދާއެކު ބަދަލުތަކެއް ގެނައީ" ޝެހެނާޒު ވިދާޅުވިއެވެ.

ޝެހެނާޒު ވިދާޅުވީ، ސައިންސް ފޯރަމަކީ އެ ކައުންސިލުގެ ޕްލޭންގައި ހިމަނައި ބަޖެޓްވެސް ކަނޑައަޅައިގެން މިހާރު ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

" މިހާރު ސްކޫލްތަކުން ވެސް ދުރާލާ މި ފޯރަމަކަށް ތައްޔާރުވޭ. މީގެ ސަބަބުން ދަރިވަރުންނަށް މައުލޫމާތު ލިބި ދިރާސާކޮށް ހުށަހެޅުމަށް ފުރުޞަތު ތަކެއް ތަނަވަސްކޮށްދެވޭ" ޝެހެނާޒު ވިދާޅުވިއެވެ.

ސައިންސް ފޯރަމުގައި ގެނެސްދޭ މައުޟޫތައް ކަނޑައަޅަނީ ސިޓީ ކައުންސިލުން އެކުލަވާލި ދީނީ އިލްމްވެރިންގެ ކޮމިޓީއަކުންނެވެ. ސްކޫލްތަކަށް މައުޟޫތައް ދެނީ ޤުރުއަތުލައިގެންނެވެ.

" ހުށަހަޅާ ހުށަހެޅުން ތަކުގައި އަޅުގަނޑުމެންގެ ދައުރެއް ނޯންނާނެ. މައުޟޫތައް ކަނޑައެޅީމާ ދަރިވަރުން ތައްޔާރުކޮށްދެނީ ސްކޫލްތަކުގެ އިސްލާމް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ޓީޗަރުން"

ކޮންމެ ސްކޫލަކުން ވެސް ހުށަހަޅާ 15 މިނެޓާއި 20 މިނެޓް ދެމެދުގެ އެ ހުށަހެޅުންތަކަށް ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާ ދީނީ އިލްމްވެރިން ކޮމެންޓް ވެސް ކުރައްވައެވެ. އިތުރު މައުލޫމާތު ދެއެވެ. ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަވެސް ކުރައްވައެވެ. މި ފޯރަމް ކުރިއަށް ގެންދަނީ އާންމުންނަށް އެ މައުޞޫއަކާ ގުޅޭ ގޮތުން ސުވާލުވެސް ކުރެވޭ ގޮތަށެވެ.

" އާންމުންނަށް ބައިވެރިވުމުގެ ގޮތުން ސުވާލުވެސް ކުރެވޭނެ. ފޭސްބުކް ޕޭޖުން ލައިވް ކުރަމުންދާއިރު، އެ ޕޭޖްގައި ސުވާލުކުރާ ފަރާތްތަކަށް ވެސް ޕެނަލުން ޖަވާބުދެއްވާނެ" ޝެހެނާޒު ވިދާޅުވިއެވެ.

މި ފޯރަމް ކުރިއަށް ގެންދަނީ 26 މާރޗްއިން 31 މާރޗަށެވެ.

" ޤުރުއާނާ ސައިންސްގެ އަލީގައި ޖިއޮލޮޖީގެ ޢިލްމަށް ބާލާލާއިރު، އެ ދަރިވަރުން ގެނެސްދިނީ ދުނިޔެ ހިފެހެއްޓިފައިވާ ގޮތާއި ދަގަނޑުގެ ހަޤީޤަތާއި ދެކޮޅުގެ ދެމެދުގައިވާ ހުރަހުގެ ވާހަކައާއި ވިލާ އުފެދުމުގެ ނިޒާމް އަދި ވޯޓަރ ސައިކަލްގެ ދިރާސާތަކުން ކަށަވަރު ވެގެން ދަނީ މިފަދަ ފޮތެއް ލިޔުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަ ކަމެއް ނޫންކަން" ޖިއޮލޮޖީއާ ގުޅޭ ގޮތުން ހުށަހެޅި ޕްރެޒެންޓޭޝަން ނިންމާލަމުން މުޙައްމަދު މިޝަޢަލް މަމްދޫޙް ބުންޏެވެ.

ޤުރުއާނާއި ސައިންސް ފޯރަމުގައި ސްކޫލްތަކުން ހުށަހަޅައިދޭ ހުށަހެޅުންތައް:

  • ޏ. އަތޮޅު ތައުލީމީ މަރުކަޒު – ކީރިތި ޤުރުއާނުގައިވާ އެސްޓްރޮނޮމީ ޢިލްމުގެ މަޢުލޫމާތުތައް (އިރާއި ހަނދާއި ތަރިތައް)
  • ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް – ކީރިތި ޤުރުއާނުގައިވާ ޖިއޮލޮޖީގެ ޢިލްމުގެ މަޢުލޫމާތުތައް (ވޯޓަރ ސައިކަލް، ފަރުބަދަތައް)
  • މުހައްމަދު ޖަމާލުއްދީން ސްކޫލް – ކީރިތި ޤުރުއާނުގައިވާ ބަޔޮލޮޖީ ޢިލްމުގެ މަޢުލޫމާތުތައް (ބޮޓެނީ، ފިޒިއޮލޮޖީ)
  • ހާފިޒް އަޙްމަދު ސްކޫލް – ކީރިތި ޤުރުއާނުގައިވާ އެމްބްރޮލޮޖީ ޢިލްމުގެ މަޢުލޫމާތުތައް (އިންސާނާ އުފެއްދެވުން)
  • އައިޑިއަލް ސްކޫލް – ކީރިތި ޤުރުއާނުގައިވާ މޭވާގެ ވާހަކަތައް
  • ފުވައްމުލަކު ސްކޫލް – ކީރިތި ޤުރުއާނުގައިވާ ދުނިޔޭގެ ވާހަކަތައް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *