ރަޝާއާއި ރަހާ: ޘާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ހިމެނުނު އެއްމާބަނޑު ދެ ބެއިން

ނ. ހޮޅުދޫ މޭނާ ސްކޫލްގައި ހުސްވި އަހަރު ކިޔެވި، އެއްމާބަނޑު ދެބެއިން، މަރިޔަމް ރަޝާ ޒުހުރީއާއި ފާތިމަތު ރަހާ ޒުހުރީ އޯލެވެލްގައި ހޯދީ ތާރީޚީ ކާމިޔާބެކެވެ. އެއް ކުލާހެއްގައި ކިޔަވައި، ޘާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ހިމެނުމެވެ. އަދި އެވަރުން ނިމޫނީކީވެސް ނޫނެވެ. ޘާނަވި އިމްތިޙާނުގެ ގަދަ ދިހައެއްގެ ނުވަ ވަނަ ވެސް އެ ދެބެއިން ކަށަވަރު ކުރީއެވެ. މިއީ ރާއްޖޭގައި މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ އެއްމާބަނޑު ދެބެއިންނަށްވުން އެކަށީގެންވެއެވެ.

ޘާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއްގެ ނުވަވަނައަކީ އެ ދެބެއިން އުއްމީދު ކުރި ނަތީޖާއެއް ނޫނެވެ. އެއަށް ވުރެ މަތީ ވަނައަކަށް އެ ދެބެއިން އުއްމީދު ކުރިއެވެ. އެކަމަށް މަސައްކަތްވެސް ކުރިއެވެ.
އޯލެވެލްގައި ރަޝާއަށް ބައިލޮޖީން އޭ ސްޓަރ ލިބުނެވެ. ފިޒިކްސްއިން ބީއެއް ލިބުނުއިރު ހަ މާއްދާއަކުން އޭ ލިބުނެވެ. އެއީ އިސްލާމް ދިވެހި އިނގިރޭސީ ކެމިސްޓްރީ ޓްރެވަލް އެންޑް ޓޫރިޒަމް، ހިސާބެވެ. ރަހާއަށް ލިބުނީ ބައިލޮޖީއާއި ފިޒިކްސްއިން އޭ ސްޓަރއެވެ. ދިވެއްސާއި ޓްރެވަލް އެންޑް ޓޫރިޒަމުން ބީ އެކެވެ. އޭ ލިބުނީ ކެމިސްޓްރީ އިނގިރޭސި، ހިސާބު، އިސްލާމުންނެވެ.

" މިއީ ކުރި މަސައްކަތާ އަޅާ ބަލާއިރު، އުއްމީދު ކުރި ނަތީޖާއެއް ނޫން. މިއަށްވުރެ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރީ" ރަޝާއާއި ރަހާ ބުންޏެވެ.
އެންމެ ކުޑައިރުއްސުރެ ދެ ބެއިން އުޅެމުން ދިޔައީ އެކުއެކީގައެވެ. އެކަކު އަނެކަށް ދިމާވާ ކަންތައްތައް ކިޔާދީ " ބެސްޓް ފްރެންޑް" ގެ ގޮތުގައެވެ. ފިލާވަޅުތައް ހެދުމުގައި އެކަކު އަނެކަކަށް އެހީތެރިވެދެއެވެ. ނޭނގޭ އެއްޗެއް އެކަކު އަނެކަކަށް ބުނެދެއެވެ. އެކަކަށް ދިމާވާ ކަންތައްތަކުގައި އަނެކަކު ބައިވެރިވެއެވެ. މިއީ ދެބެއިންގެ ފަރާތުން ފެންނަ އެންމެ މުހިންމު ސިފައެވެ.

" ސްކޫލްގައި ކަމެއް ދިމާވިޔަސް ވަރަށް ސަޕޯޓިވްވާނެ. ކޮންމެ ކަމެއްގައިވެސް ކައިރީގައި ހުންނާނެ އެހީވާން" ދޮންތަ ރަޝާއަތް އިޝާރާތްކޮށް، ކޮއްކޮ ރަހާ ބުންޏެވެ.
މޭނާ ސްކޫލްގައި ދެ ކުދިންނަކީ ނަން ހިނގާ ދެކުދިންނެވެ. ކިޔެވުމުގެ އިތުރުން ގިނަ ހަރަކާތްތަކުގައި ބައިވެރިވިއެވެ. ކިޔެވުމުގައި ހޯދި ރަނގަޅު ނަތީޖާ އިތުރު ހަރަކާތްތަކުންވެސް ހޯދިއެވެ. ދެ ކުދިންނަކީވެސް ސީނިއަރ ޕްރިފެކްޓުންނެވެ. އަދި އެބޯޑްގެ ޖެނެރަލް ސެކެރެޓަރީވެސްމެއެވެ.
މޭނާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މި ދެބެއިންގެ ބައްޕަ ވިދާޅުވީ އެ ދެބެއިން ކޮންމެ މުބާރާތެއްގައި ބައިވެރިވިޔަސް ބޭނުންވާނީ އެއްވަނަ ކަމަށާއި އެކަން ޙާޞިލްކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.

" މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަން ދެ ކުދިންވެސް ވަރަށް މަސައްކަތް ކުރާނެ. އެއީ މަދަހަ މުބާރާތެއްގައި ބައިވެރިވިޔަސް، ޤުރްއާން މުބާރާތެއްގައި ބައިވެރިވިޔަސް އެކަމަކަށް ބަދަލެއް ނާދޭ" ޒުހުރީ ވިދާޅުވިއެވެ.
މި ދެބެއިން ޤުރުއާނަށް ވަކިން ޚާއްޞަ ޝަޢުޤެއް ބެހެއްޓިއެވެ. ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތްތަކުގައި ބައިވެރިވެ އެއްވަނަ ހޯދިއެވެ. އެ ހުރިހާ މުބާރާތްތަކުގެ ތެރެއިންވެސް އެ ދެބެއިން ފާހަގަ ކުރަނީ އަތޮޅު ޤުރްއާން މުބާރާތާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން އަލްކައުނުން ބޭއްވި ޤުރްއާން މުބާރާތެވެ. އަތޮޅު މުބާރާތުން އެއްވަނަ ރަހާއަށެވެ. އަލްކައުނު ޤުރްއާން މުބާރާތުން އެއްވަނަ ލިބުނީ ރަޝާއަށެވެ. މި ދެ މުބާރާތުގެ ވެސް އެއް ވަނައަށް ދިޔަ ދަރިވަރަށް ލިބުނީ އުމްރާ ދަތުރެކެވެ.

" ކޮއްކޮއަށް އެއްވަނަ ލިބިގެން އުމުރާ ދަތުރެއް ލިބުނީމާ ވަރަށް އުފާވި. އެފަދަ ފުރުޞަތެއް ލިބޭތޯ އުއްމީދުކޮށްގެން ހުއްޓާ އަލްކައުނު ޤުރުއާން މުބާރާތުން އެއްވަނަ ލިބިގެން އުމްރާ ދަތުރެއް ލިބުނީ. އެއީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް" އޭލެވެލްއަށް ކިޔަވަން ތައްޔާރުވަމުންދާ ރަޝާ ބުންޏެވެ. " ކޮއްކޮއަށް އުމްރާ ދަތުރު ލިބުނުތާ ހަފުތާއެއް ނުވަނީސް އަޅުގަނޑަށް މި ލިބުނީ. މިހާރުވެސް އެ ދުވަސް ހަނދާން ހުރޭ"

ދެބެއިން ވެސް ބުނީ އޯލެވެލްގައި ހެނދުނު ގޯސްތައް އޭލެވެލްގައި ތަކުރާރުވާން ބޭނުން ނުވާކަމަށާއި ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ. " މި ލިބުނީ ވަރަށް ރަނގަޅު ފިލާވަޅެއް. ހެދުނު ގޯސްތައް ބަލައި އޭލެވެލްގެ ނަތީޖާ މިއަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާނަން" ދެ ބެއިން ބުންޏެވެ.
އެ ދެބެއިން ބުނީ ލިބުނު ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ތިއްބެވީ މަންމައާއި ބައްޕައެވެ. ދެ ފަަރާތުގެ މާމައާއި އާއިލާއެވެ. ކިޔަވައިދެއްވި މުދައްރިސުންނާއި ސްކޫލްގެ ޕްރިންސިޕަލެވެ. ސްކޫލްގެ މެނޭޖްމަންޓެވެ. " ކިޔަވާ ގަޑީގައި ވަރަށް ގިނަ ފަހަރު މަންމަވެސް އިންނާނެ. އޯލެވެލްއަށް ކިޔެވި ދުވަސްވަރު ކިތަންމެ ދަށްވަރަކަސް ކާއްޗެހި ގެނެސްދީ، ކައިރީގައި އިންނާނެ"
ރަށްރަށުގައި ހުރި މަދު ވަޞީލަތްތައް ބޭނުން ކޮށްގެންވެސް ކާމިޔާބީއާ ހަމައަށް ވާޞީލް ވެދާނެކަން އެ ދެކުދިން ދައްކުވައިދީފިކަން އެ ދެބެއިންގެ ބައްޕަ އަހުމަދު ޒުހުރީ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ކިޔެވުމުގެ އޯލެވެލްގެ މަރުޙަލާ ނިމިގެން ދިޔައިރު އެ ދެބެއިން އުޅުނީ ސްކްރީންތަކާ ދުރުގައެވެ. ފޯނެއް ނުގެންގުޅެއެވެ. އަވަހަށް ނިދާފައި ފަތިހު ހޭލާއެވެ.


ރަޝާ: އަލްކައުނު ޤުރްއާން މުބާރާތުން އެއްވަނަ ހޯދި

" ގްރޭޑް ދިހައެއްގެ އެ ކުލާހުގައިވެސް ފޯނެއް ނުގެންގުޅޭ އެންމެ ތިން ކުދިން ތިބީ. އަޅުގަނޑުގެ ބޭނުމަކަށްވީ ސްކްރީންއާ ދުރުކޮށް ކިޔެވުމަށާއި ރަނގަޅު އަޚުލާގެއްގެވެރި ދީނަށް ލޯބިކުރާ ދަރިންތަކެއް ތަރުބިއްޔަތު ކުރަން" އެކަން ކުރެވޭ ކަމުގެ އިޙްސާސް ޒުހުރީއަށް ކުރެއްވެއެވެ.
ކިޔެވުމުގައާއި އުޅުމުގައި އެއްމާބަނޑު ދެބެއިންގެ ފަރާތުން އެއްކަހަލަ ކަންތައްތަކެއް ފެނުނަސް، ކުރިއަށް އޮތް މަރުޙަލާގައި ދާން ބޭނުން ވަނީ ދެ ދާއިރާއަކަށެވެ. ރަޝާ ބޭނުން ވަނީ ޕައިލެޓަކަށެވެ. ރަހާ ބޭނުން ވަނީ ޑޮކްޓަރަކަށެވެ.
އެއީ މަންމައާއި ބައްޕަގެ އުއްމީދެއް. އެ އުއްމީދު ޙާޞިލްކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް" ރަހާ ކިޔައިދިނެވެ.

ހިޔާލު

5 Responses

  1. ދެކުދިންނަށް ބާއްޖަވެރި ދުވަސްތަަކަށް އެދެމެވެ. ކާމިޔާބަކީ މަސައްކަތް ކުރާ ކުދންގެ ހައްގެކެވެ.

  2. ފުރަތަމަ ދެކުދިންނެއް ނޫން ތީ. ނަބާހާ އާއި ނަބީހާ އެއްމާބަނޑު ދެބެއިން އެއީ. އެމީހުން ވެސް އޯލެވެލްގައި ޓޮޕް 10 އަށް އެރި.

  3. ދެ ކުދީންނަކީ ވަރަށް އަޚްލާޤް ރަނގަޅު، ކިޔެވުމަށް މޮޅު ދެ ކުދީން. ދެ ކުދީންނަށް ކާމިޔާބައި ކުރިއެރުމަށް އެދެން!

  4. ތިޔަކުރެއްވިހިއްވަރައްސާބަސްދަންނަވަން ކުރިއަށްއޮތްތަނުގަވެސްރަގަޅުކާމިޔާބަކައްއެދެން މާތްﷲތިޔަދެބެންނަންހެޔޮގޮތްމިންވަރުކުރައްވާށި އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *