ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް "ސްޓެމް" އެޑިއުކޭޝަން ތަޢާރަފުކޮށް ކިނބިދޫ ސްކޫލު ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ. 'ސްޓެމް' ގެ އުނގެނުމާއި 'ސްޓެމް ސްޕޭސް' ނުވަތަ ސްޓެމް ސްޕޭސް ބޭނުންކޮށްގެން ކިޔަވައިދޭން ފެށި ރާއްޖޭގެ ފުރަތަމަ ސްކޫލަށްވުމުގެ ޝަރަފާއެކު ކިނބިދޫ ސްކޫލުގައި މި މަޝްރޫޢު ފަށާފައިވަނީ އިއްޔެއެވެ.
'ސްޓެމް' އަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގް އަދި މެތެމެޓިކްސް މި ހަތަރު މާއްދާ އެއްކޮއްލައިގެން ކިޔަވައި ދިނުމެވެ. 'ސްޓެމް' އިން ދުނިޔޭގައި، މިވަގުތު މި ދާއިރާތަކުގައި ބޭނުންކުރާ އުކުޅުތަކާއި ވަސީލަތްތައް އެއީ އަސާސް ކަމަށް ބަލައިގެން ދަރިވަރުންނަށް އުނގަނައި ދެވެއެވެ.
ދަރިވަރުން 'ސްޓެމް ސްޕޭސް' ގައި އުނގެނުމުގެ ބޭނުމަކީ ކުދިންގެ ވިސްނުމާއި ފިކުރު އެކަކު އަނެކަކާ ހިއްސާކޮށް އެކުގައި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމެވެ. މީގެ ބޭނުމަކީ ޒުވާން އުމުރުފުރައިގެ ކުދިންނަށް ތަޢުލީމާއި ތަމުރީނު ބޭނުންކޮށްގެން ކަންކަން ހައްލު ކުރަން އެނގުމާއި މަޢުލޫމާތު އެއްކޮށް، އެއިން ދޭހަވާ އެއްޗަކާއި ހެތްކަށް ބަލައި 'ސްޓެމް' ގެ އެހީގައި ކަންކަމުގެ ހައްލު ހޯދުމެވެ.
ސްޓެމް އެޑިއުކޭޝަން ތަޢާރަފު ކުރަން ބޭއްވި ރައްސްމިއްޔާތުގެ ތެރެއިން
ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ ސްޓެމް ކުރިއަށް ގެންދަނީ ގްރޭޑް ހަޔަކުން މަތީގެ ގްރޭޑް ތަކަށެވެ. ކޮންމެ ދަރިވަރަކު ވެސް ސްކޫލްގެ ޓައިމްޓޭބަލްގެ ބޭރުން "ސްޓެމް" ގައި ބައިވެރިވާނެއެވެ.
އަހުމަދު ވިދާޅުވީ "ސްޓެމް" އަށް ޚާއްޞަކޮށްގެން އެ ސްކޫލްގެ ލައިބްރަރީގައި ވަނީ ވޯކިން ސްޓޭޝަންތަކެއް ހަދާފައެވެ. އެތަނުގައި ދަރިވަރުން މަސައްކަތް ކުރާނީ ގްރޫޕުތަކެއްގެ ގޮތުގައެވެ.
" އަޅުގަނޑުމެންނަށް ޖާގަ އޮތީ ތިން ސްޓޭޝަނަށް. އަބަދުވެސް ތިން ގްރޫޕެއް މަސައްކަތްކުރަމުން ދާނީ" ޕްރިންސިޕަލް ވިދާޅުވިއެވެ. " އަޅުގަނޑުމެން ދަސްކޮށް މި ދެނީ ދަރިވަރުންނަށް ސައިންސާއި ޓެކްނޮލޮޖީއާއެކު ފުންކޮށް ވިސްނަން"
ކިނބިދޫ ސްކޫލްގައި ސްޓެމް އެޑިއުކޭޝަން ތައާރަފު ކުރުމަށް އޮސްޓްރޭލިޔާގެ މޮނާޝް ޔުނިވަރސިޓީން ވަނީ 15000 ޑޮލަރުގެ ސާމާނު އެ ސްކޫލަށް ހަދިޔާކޮށްފައެވެ. ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އެންމެ ފަހުގެ ރޯބޯޓް ހިމެނެއެވެ.
ހަދިޔާ ކުރި ރޯބޯޓްގެ ތެރޭގައި އެސްޓްރޯ ރޯބޯޓް، ޑޭޝް އެންޑް ޑޮޓް ރޯބޯޓް، އޮސްމޯ ރޯބޯޓް، އޯޒޯބޮޓް ކޯޑިން ރޯބޯޓް ހިމެނެއެވެ. މި ހުރިހާ ރޯބޯޓެއް ވެސް މަސައްކަތް ކުރާނީ ދަރިވަރުން ދޭ ކޮމާންޑްތަކާ އެއްގޮތަށެވެ.
" މީގެތެރެއިން ކޯޑް ކޮށްދޭން ދަސްކޮށްދެވޭނެ. އަދި އުފެއްދުންތެރި ޚިޔާލުތައް ނެރެދޭން ދަރިވަރުންނަށް ދަސްކޮށްދެވޭނެ" ޕްރިންސިޕަލް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ސްޓެމް އެޑިއުކޭޝަން އެ ސްކޫލްގައި ފެށީ މިދިޔަ އަހަރު ތަޖުރިބާ ކުރުމަށްފަހުއެވެ.
advertisment
ހިޔާލު