-
ޖެހިޖެހިގެން ދެ އަހަރު ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުން އެއްވަނަ ހޯދި އާޔަންގެ މިހާރުގެ އަމާޒަކީ އަންނަ އަހަރު ވެސް އެއްވަނަ ހޯދުން
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުން، ފާއިތުވި ދެ އަހަރު ވެސް އެއްވަނަ ހޯދި އިސްކަންދަރު ސްކޫލްގެ ގުރޭޑް 9ގައި މިހާރު ކިޔަވަމުން ގެންދާ އާޔަން އަޙްމަދު ޢިނާންގެ އެންމެ ބޮޑު އުފަލަކީ އޭނާގެ މަންމަގެ ހުވަފެނުގައި ކުލަޖައްސައި ދެވުނީމައެވެ. ޤައުމީ މުބާރާތުގެ އިތުރުން އެތައް މުބާރާތަކުން އެއްވަނަ ހޯދާ، ޤުރުއާން ކިޔެވުމުގެ ފަންނުގައި އޭނާ ދަނީ ހުނަރުވެރިކަން ސާބިތުކޮށް ދެމުންނެވެ. އެ މަސައްކަތުގައި އޭނާގެ ފަހަތުގައި ހުރީ ވެސް މަންމައެވެ.
ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމަކީ ޢާޔަންގެ މަންމަ ފާތިމަތު އަމީޒާ ދެކުނު ހުވަފެނެކެވެ. ރަށު ފެންވަރުން، އަތޮޅު ފެންވަރުން ހޮވިގެން މާލޭގައި ބޭއްވި ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ގަދަ ދިހައެއްގައި ހިމެނުނެވެ. ވަޞީލަތްތަކާއި ޓީޗަރުން ނުލިބުމުގެ ސަބަބުން ބޭނުންވި ވަރަށް ޤުރުއާނުން ކުރިއަށް ދެވޭގޮތް އަމީޒާއަކަށް ނުވިއެވެ. ރީއްޗަށް ޤުރުއާން ކިޔަވާ މީހަކަށް ވުމަށް އޭނާ ދެކެމުންއައި ހުވެފެނުގައި ކުލަޖައްސަމުން މިއަދު އެ ގެންދަނީ އޭނާގެ ދަރިފުޅެވެ.
" އަޅުގަނޑުގެ ޑްރީމެއް އެއީ ރީއްޗަށް ޤުރުއާން ކިޔަވާ މީހަކަށްވުން. ދިމާވި ތަފާތު އެތައް ހުރަސްތަކާ ހުރެ އެ ހުވަފެނުގައި ކުލަނުޖެއްސުނު. ދަރިއަކު ލިބުމާއެކު ދެން ބެލީ އެ ހުވަފެނުގައި ދަރިފުޅު ކުލަޖައްސާތަން ދެކެން" އަމީޒާ ބުންޏެވެ.
އާޔަންއަށް ވާހަކަ ދެކެވެން ފެށި ހިސާބުން އަކުރުއެޅުން ފަދަ ކަންތައްތައް އަމީޒާ ދަސްކޮށްދޭން ފެށިއެވެ. ތަޖުވީދުގެ މަގުން ޤުރުއާން ކިޔަވަން ދަސްކުރަން ފެށީ ފަސް އަހަރުގައެވެ. ހަތިމުން ކިޔަވަން ފެށީ ވެސް ޢުމުރުން ފަސް އަހަރުގައެވެ. ޤައުމީ މުބާރާތެއްގައި ބައިވެރިވީ ހަ އަހަރުގައެވެ. އެ އަހަރު ޕްރީ ސްކޫލް އުމުރުފުރައިން އެއްވަނަ ލިބުނުނެވެ.
އަމީޒާ ބުނީ، ޢާޔަންއަށް ކިޔަވައިދޭން ފުރަތަމަ ލިބުނު ޓީޗަރަކީ ވަރަށް ރަނގަޅު ޓީޗަރެއް ކަމަށެވެ. 12 އަހަރު ވަންދެން އެއް ޓީޗަރަކާއެކު މަސައްކަތް ކުރެވުނީ އެހެންވެ ކަމަށެވެ.
" ޓީޗަރުދޭ އިރުޝާދާއެކީގައި އަމިއްލައަށް ޕްރެކްޓިސް ކުރުމުގެ މަސައްކަތް ގޭގައި ކުރިއަށް ގެންދިޔައީ. މޮޅެތި ތީޗަރުން ބޮޑުއަގުއި ގެނެސް ކިޔަވައިދިން ނަމަވެސް ގޭގައި އަމިއްލައަށް މަސައްކަތް ނުކުރެވޭނަމަ އެންމެ ފުރިހަމަ ނަތީޖާ ނެރުމަށް ފަސޭހަ ނުވެދާނެ. އަމިއްލައަށް ގަދައަޅާ މަސައްކަތް ކުރުމަކީ ނަތީޖާ އިތުރަށް ރަނގަޅުކުރަން ލިބޭ ބާރެއް"
އަމީޒާ ބުނީ، އޭނާއަކީ އޮފީހެއްގައި ބުރަކޮށް މަސައްކަތް ކުރަންޖެހޭ މީހަކަށް ވާތީ، ވަގުތު ހޯދަނީ ވަކި ތާވަލެއްގެ ދަށުންނެވެ.
" ތަޖުރިބާކުރެވިފައި ވަނީ ފަތިސް ނަމާދުކޮށްގެން ކިޔަވާ ކިޔެވުން ހިތުގައި ހަރުލާކަން. މުބާރާތްތަކުން ކާމިޔާބު ލިބޭނީ ދާއިމީ ގޮތެއްގައި މަސައްކަތް ކޮށްގެން. އެހެންވެ ޢާޔަން ވެސް މުބާރާތްތަކަށް ދުރާލާ ތައްޔާރުވާން ފަށާނެ"
މިދިޔަ އަހަރު ބޭއްވީ ޤައުމީ މުބާރާތުން އެއްވަނަ ލިބުނު ދުވަހު މި އަހަރު ބާއްވާ މުބާރާތައް ތައްޔާރު ވުމުގެ މަސައްކަތް ޢާޔަން ފެށިއެވެ. ބޭނުންވި އެ ލިބުނު ތާރީޚީ ކާމިޔާބީ ދެމެހެއްޓުމެވެ. އެކަމަށް ކުރަން ޖެހުނު މަސައްކަތާއި ހޭދަކުރަންޖެހުނު ވަގުތު ދިގެވެ. އެކަމަކު ވެސް އެ އަޒުމުގައި މަސައްކަތް ފަށާ މި އަހަރުގެ މުބާރާތުން ވެސް ފަޚުރުވެރި އެއްވަނަ ހޯދީއެވެ. ދެން އޮތީ ފަލާހު ޤުރުއާން މުބާރާތެވެ. އެ މުބާރާތުން ވެސް ފުރިހަމަ ކާމިޔާބެއް ހޯދުމައްޓަކައި އާޔަން ދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ.
ޤައުމީ ޤުރުއާން މުބާރާތުގެ އިތުރުން މިހާތަނަށް ލިބުނު ކާމިޔާބީތަކަށް ބަލާއިރު، 2021 ވަނަ އަހަރު އިސްކަންދަރު ސްކޫލުން ބޭއްވި އޯޕަން ޤުރުއާން މުބާރާތާއި 2018 ވަނަ އަހަރު ޕީއެސްއެމްއިން ބޭއްވި ޤުރުއާން މުބާރާތާއި 2019 ވަނަ އަހަރު ބޭއްވި އިއުފަވި ޤުރުއާން މުބާރާތުން އެއްވަނަ ލިބިފައިވެއެވެ. 2020 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީން ބޭއްވި ފަހިޕޭ ޤުރުއާން މުބާރާތުން ދެވަނަ ލިބިފައިވެއެވެ.
" މިދިޔަ އަހަރު ބޭއްވި މުބާރާތުން އެއްވަނަ ލިބުނީމާ މި އަހަރުގެ މުބާރާތުން ވެސް އެއްވަނަ ހޯދަން އަޒުން ކަނޑައެޅީ. އެމަގަށް މަސައްކަތް ވެސް ކުރީ" ޢާޔަން ބުންޏެވެ.
" އަބަދުވެސް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދަމަހައްޓަން ވަރަށް މަސައްކަތް ކުރަން. އިތުބާރު އޮވެގެން މުބާރާތައް އެރީ ވެސް. ކިޔަވަން ފަށާއިރު ހިތް ބިރުގަތުމެއް ހުއްޓަސް ކިޔަވަން ފެށީމާ އެކަން ދާނެ މަޑުމަޑުން"
ގިނަ ކުދިން ކުރު ރާގަށް ކިޔެވިޔަސް ޢާޔަން ކިޔަވާ ހިތްވަނީ ދިގުރާގަށެވެ. ދިގުރާގަށް ކިޔަވާ ހިތް ޖެހުނީ އޭނާއަށް ކިޔަވައިދިން ޓީޗަރުގެ ސަބަބުންނެވެ.
ޢާޔަން ބުނީ ދިގުރާގަކީ ބޭނުން ގޮތަކަށް ކިޔެވޭ ރާގެކެވެ. އެހެންވެ އޭނާއަށް އެންމެ ކަމުދަނީ ވެސް ދިގު ރާގެވެ. ޚާއްޞަކޮށް ޝައިޙް ޝަހާތު މުޙައްމަދު އަންވަރުގެ ކިޔެވުމެވެ.
އާޔަން ބުނީ އޭނާ އެންމެ އުފާވަނީ ޤުރުއާނުގެ ތެރޭގައި ބޮޑުވަމުން ދިޔައީތީއެވެ. މަންމައާއި ބައްޕަގެ އާއިލާގެ ތެރޭގައި ވެސް ޤުރުއާނަށް އޮތް ލޯބި ބޮޑެވެ. ވަނައެއް ލިބުނަސް އެކަން އެންމެން ފާހަގަކުރެއެވެ. ހިތްވަރު ދެއެވެ.
ޢުމުރުން އެންމެ ތިން އަހަރުގައި ފާތިޙާ ސޫރަތް ކިޔެވީމާ އެކަން ފާހަގަކުރަން އާއިލާން ކުރި މަސައްކަތް ޢާޔަން މިއަދު ވެސް ފާހަގަކުރެއެވެ.
" ސޫރަތުލް ފާތިޙާ އަޅުގަނޑުލައްވައި ކިޔުއްވައިގެން އަޅުގަނޑުގެ މުންނައާއި މާމަމެން ބޮނޑިބަތް ކެއްކި ހަނދާން އަޅުގަނޑު މިހާރުވެސް ހުރޭ. ވަރަށް އުފާވޭ ޤުރުއާނުގެ ތެރޭގައި ބޮޑުވަމުން އައީތީ" ޢާޔަން ބުންޏެވެ.
" އާއިލާގައި ޑޮކްޓަރަކު ނެތީމާ އެންމެން ވެސް ބޭނުންވޭ ޑޮކްޓަރަކަށްވާން. އިރާދަ ކުރެއްވިއްޔާ ޤުރުއާން ކިޔެވުމުގައި ދެމިހުރެ އެކަން ވެސް ފުރިހަމަ ކޮށްދޭނަން" ޢާޔަންގެ ހިތުގައި ވަނީ ވަރުގަދަ ޢަޒުކެމެވެ.
އާޔަން ބުނިގޮތުގައި ކާމިޔާބު ހޯދަން ބަރާބަރަށް ނަމާދުކޮށްފައި ދުޢާކުރުން މަތީ ދެމިހުރުން ވަރަށް މުހިންމެވެ. ކުރާ މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤުރުއާން ކިޔެވުމާއެކު ނަމާދުކޮށް ދުޢާކުރުމެވެ.
އާޔަން ބުނީ އޭނާގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ މަންމައެވެ. އަދި އިސްކަންދަރު ސްކޫލްގެ ޤުރުއާން ޓީޗަރުންނާއި އަދި ޓިއުޝަން ދިން ޓީޗަރުން ކޮށްދިން މަސައްކަތަކީ ޢާޔަން ހެޔޮހިތުން ފާހަގަކުރާ ކަމެކެވެ. އެ ޓީޗަރުންނަށް އޭނާގެ ހިތުގައި ދެވިފައި ވަނީ ޚާއްޞަ ގަދަރެކެވެ.
" ކިޔަވައިދޭނެ ޓީޗަރުން ހޯދައިދީ، ކޮންމެ ދުވަހަކުހެން މުޤައްރަރަށް ޕްރެކްޓިސް ކުރުމުގައި މަންމަ ކައިރީގައި އިންނާނެ. ދަރިފުޅަށް ވާނެއޭ ދަރިފުޅަށް ކިޔެވޭނެއޭ އެއްވަނަ ހޯދޭނެއޭ ބުނެ ހިތްވަރު ދެނީ މަންމަ. ކާމިޔާބީގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭން ހުރީ މަންމަ" ޢާޔަން ކާމިޔާބީގައި މަންމަ ހިއްސާވާ މިންވަރު ޢާޔަން ފާހަގަކުރިއެވެ. އަދި މަންމަ ބުނާ ބަސް އަހައިގެން ހިތްވަރާއެކު މަސައްކަތް ކުރަމުންދާން ބައްޕަ ދޭ ނަޞޭޙަތް ޢާޔަން ފާހަގަކުރިއެވެ.
ހިޔާލު