ރާހީ ބަންޑުންކޮށްލީ ދިވެހި ބަހަށާއި ވާހަކަދެއްކުމުގެ ފަންނަށް އޮތް ލޯބި

ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން އޭނާ އެދުނީ ނެތެމުން ދިއުމުގެ ބިރުހީވެފައި އޮތް ބަހުރުވަތައް ކުރިއަރުވަން މަސައްކަތް ކޮށްދޭން

އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބައްވާ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ ބޭއްވިއިރު، މުބާރާތުގެ ބައިވެރިވި ދަރިވަރެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކީ ޝަރަފުއްދީން ސްކޫލްގެ ގުރޭޑް 9ގެ ދަރިވަރު ރާހީ އަހުމަދު ސައީދެވެ.

އެ ރަސްމިއްޔާތުގައި ރާހީ ބަންޑުންކޮށްލީ އޭނާގެ ހިތުގައި ދިވެހި ބަހަށާއި ވާހަކަ ދެއްކުމުގެ ފަންނަށް އޮތް ލޯތްބާއި ޝައުޤުވެރިކަމެވެ. އެ ފަންނުގައި ކުރިއަރައި ދިއުމަށް އޭނާ ކުރަމުންދާ މަސައްކަތެވެ.

ވާހަކަދެއްކުމުގައި ގެންގުޅުނު ހަލުވިކަމާއި ފޯރިއާއި ޖޯޝްގައި އެންމެން ތިބީ ރާހީގެ ވާހަކައިގެ ތެރެއަށް ވަދެވިފައެވެ. ފާއިތުވި ދެ އަހަރު ޝަރަފުއްދީނުގެ އެންމެ މޮޅު ވާހަކަ ދެއްކުން ތެރިޔާ ކަމުގެ ޝަރަފު ހޯދި ރާހީ ބުނީ، ވާހަކަ ދެއްކުމުގެ މުބާރާތެއްގައި ބައިވެރިވީ އޭނާ ގުރޭޑް 6ގައި ކިޔަވަމުން ދިޔަ އަހަރުގައި ކަމަށެވެ. އޭގެ ފަހުން ސިޓީ ފެންވަރުގައި ބޭއްވި މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބީތަކެއް ލިބުނު ކަމަށެވެ.

" އެ ލިބުނު ކާމިޔާބީން އަޅުގަނޑަށް ދެނެގަނެވުނީ އަދި އިތުރު ހިތްވަރެއް ކޮށްފިނަމަ މި ފަންނުގައި ކުރިއަށް ދެވިދާނެކަން. އޭގެ ސަބަބުން އަޅުގަނޑުގެ ހިތުގައި މިފަންނަށް، ދިވެހި ބަހަށް އޮތް ލޯބި އުތުރިއަރައިގެންދިޔަ. މުސްތަގުބަލަށްޓަކައި ކުރެވުނީ ވަރަށް ވެސް ފޮނި އުއްމީދުތަކެއް. އެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށް ބުރަ މަސައްކަތްތަކެއް ކުރިން. ކުރީގައި ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވި މީހުންގެ ތަޖުރިބާއިން އިބްރަތްތަކާއި ފިލާވަޅުތަކެއް ލިބިގަތިން" އޭނާގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ.

ރާހީ ބުނީ ވާހަކަ ދެއްކުމުގެ ހުނަރަކީ މުސްތަގުބަލަށް އެތައް މަންފާއެއް ކުރާނެ ހުނަރެއް ކަމަށާއި މާދަމާ ކޮންމެ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވި ކަމުގައި ވިޔަސް އެފަދަ ހުނަރެއް އަށަގަނެފައި ހުރުމުގެ ސަބަބުން އެތައް ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށެވެ.

" މާދަމާ ވިޔަފާރިވެރިއަކަށް ވާން ބޭނުންނަމަ ކަސްޓަމަރުންނާ މުއާމަލާތް ކުރަން އެނގެންޖެހޭނެ. މާދަމާ ޑޮކްޓަރުންނަށް ވާން ބޭނުންނަމަ ބަލިމީހުންނާއި ވެސް މުއާމަލާތް ކުރަން އެނގިގެންދާނެ. މާދަމާ މުދައްރިސުންނަށް ވާން ބޭނުންނަމަ ސްކޫލް ދަރިވަރުންނާއި ވެސް މުއާމަލާތްކުރަން އެނގިގެންދާނެ"

ރާހީ ދެން ފާހަގަކުރީ ދިވެހި ބަހުގެ އެކެޑަމީން ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތުން ކުރަމުންދާ ފައިދާގެ މައްޗަށެވެ. ރާހީ ބުނީ ވާހަކަ ދެއްކުމުގެ މުބާރާތުގެ ސަބަބުން މައުލޫމާތުގެ ޚަޒާނާ މުއްސަނދިވާ ކަމަށެވެ. ވާހަކަދެއްކުންތެރިކަމުގެ ހުނަރު ވެސް ކުރިއަރައިދާއިރު، އަޅުގަނޑުމެންގެ ލޯ މުޅި ދުނިޔެއަށް ހުޅުވި، އަމިއްލަ ވަޠަން އަމިއްލަ ޤައުމު އަމިއްލަ ފަސްގަނޑުގެ އެހާރާމިހާރުގެ ވާހަކަތައް ތާރީޚުގެ ފަށްފުށްތަކުން އަޅުގަނޑުމެންގެ ޤައުމަށްޓަކައި ޤުރުބާންވި ބަޠަލުންގެ ރަތް ލެއިންނާއި ރަންއަކުރުން ލިޔެފައިވާ އެކިއެކި ވާހަކަތައް އެނގިގެން ދަނީ މިފަދަ މުބާރާތްތަކަށް މައުލުމާތު ހޯދަން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް ރާހީ ފާހަގަކުރިއެވެ.

" އަދި ކޮބާތޯ ބާރު ދުވެލީގައި ތަރައްޤީއާއި ތަހޫޒީބާއި ދަމައްދުނާ ކުރިމަތިލަމުންދާ ދުނިޔޭގެ އާދަތަކަށް ވެސް ލޯ ހުޅުވާލަ ދެނީ މިފަދަ މުބާރާތްތަކުގެ ސަބަބުން"

މުބާރާތްތައް ބާއްވާއިރު، އަތޮޅުތަކުން އަންނަ ދަރިވަރުން އުފުލަންޖެހޭ ތަކުލީފުތަކާ ގުޅޭ ގޮތުން އޭނާގެ ތަޖުރިބާގެ އަލީގައި އެންމެންނަށް ހާމަކޮށްލީ އޭނާގެ ދުލުގެ ފަރިތަކަމެވެ.

ވާހަކަދެއްކުމުގެ މުބާރާތައް އަތޮޅުތަކުން އަންނަ ދަރިވަރުން އުފުއްލަންޖެހޭ ތަކުލީފުތަކާއި ކުރިމަތިލާ ގޮންޖެހުންތަކާއި ކުރަންޖެހޭ ޚަރަދުތަކަކީ މިއަދު މި މާލަމުގައި ތިއްބެވި ގިނަ ބޭބޭފުޅުންނަށް ތަޞައްވަރު ކުރެވޭނެ ކަމެއްނޫން ކަމަށް ރާހީ ބުންޏެވެ. ސްކޫލްގެ އެތައް ދުވަހެއްގެ ކިޔެވުން ޤޫރުބާންކޮށްފައި މައިންބަފައިންގެ ޖީބުން އެތައް ފައިސާއެއް ޚަރަދުކޮށްފައި މާލެއަށް މިއަންނަނީ އަޅުގަނޑުމެންގެ ހިތުގައި ދިވެހިބަށް އޮތް ލޯތްބެއްގެ އޮތް ޝަޢުޤެއްގެ ބޮޑުކަމުން ކަމަށް ވެސް ރާހީ ބުންޏެވެ. ދެން އޭނާ އެދުނީ އެ ތަކުލީފަށް ލުއެއް ހޯދައިދނުމަށް ކުރެވިދާނެ ކަމެއްގެ ހައްލެވެ.

" ވާހަކަ ދެއްކުމުގެ މުބާރާތައް އަތޮޅުތަކުން އަންނަ ދަރިވަރުންނަށް ދައުލަތުން އިނާޔަތެއް ފޯރުކޮށްދެވިއްޖެނަމަ އެއީ ޤައުމިއްޔަތުގެ ފުރާނަމަ ކަމުގައިވާ ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި ކުރެވިގެންދާނެ ފުރިހަމަ މަސައްކަތެއް. މުސްތަޤުބަލަށް ކުރާ އުއްމީދަކީ ވާހަކަ ދެއްކުމުގެ މުބާރާތައް އަންނަ ދަރިވަރުންނަށް ދައުލަތުން އިންޔަތެއް ދިނުން" އެކަޑަމީގެ ރައީސްއާއި އެޑިއުކޭޝަން މިނިސްޓްރީއާއި ބަހާއި ތާރީޚާބެހޭ ވަޒިރު، ޔުމްނާ މައުމޫން އިންނެވި ރަސްމިއްޔާތުގައި ރާހީ ބުންޏެވެ.

އުފާވެރި ކަމާއި ޖޯޝާއި ފޯރީގައި ވާހަކަ ދެއްކި ނަމަވެސް އޭނާގެ ހިތުގައި އޮތް ކަންބޮޑުވުމާއި ނުތަނަސްކަމުގެ ވާހަކަވެސް ބަންޑުންކޮށްލިއެވެ. ނިންމާލަމުން އައްޑޫ ބަހުރުވައިން ރާހީ ބުނީ އައްޑޫ ބަހުރުވައަކީ މިއަދު ނެތެމުންދާ ބަހުރުވައެކޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށާއި، އައްޑުއަށް އުފަން އައްޑުއަށް ނިސްބަތްވާ އެއްވެސް ދަރިއަކު، ދުނިޔެއިން ގެއްލެމުންދާ މާދަރީ ބަހުގެ ލިސްޓްގައި އެ ބަހުރުވަ ހިމަނެން ބޭނުން ނުވާނެ ކަމަށެވެ.

" އެކަމަކު މުޖްތަމައުން ފެނގެންދާ އެންމެ ހިތާމަވެރި މަންޒަރަކީ އައްޑޫ ވަހުރުވަ ނެތެމުންދާ ކަމުގެ އަލާމާތްތައް"

ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ރާހީ އެދުނީ ދިވެހި ބަސް ދިރުވައިއަލާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އައްޑޫއާއި ފުވައްމުލަކާއި ހުވާދު ބަހުރުވަ ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުމަށެވެ.

ރާހީ ބުނީ، ވާހަކަ ދެއްކުންތެރިއަކަށް ވުމަށް އޭނާ ކުރި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ މައިންބަފައިން ކަމަށާއި، ދެން ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ޝައްފާން ޝަފީޤުގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ކަމަށެވެ. އެ ފަރާތްތަކަށް އޭނާ ޝުކުރުއަދާ ކުރީ ހިތުގެ އެންމެ ފުންމިނުންނެވެ.

ޝަރަފުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރު، ޝައްފާން ޝަފީޤު ވިދާޅުވީ، ވާހަކަ ދައްކަންޖެހޭ ކޮންމެ ހާލަތެއްގައި ވެސް ރާހީ ހުންނާނީ ތައްޔާރަށް ކަމަށާއި އެކަމަށް ނޫނެކޭ ނުބުނާނެ ކަމަށެވެ.

" އުޒުރެއް ނުދައްކާނެ، ޖެހިލުމެއްނެތި ކުރިމަތިލައި ނަތީޖާ ހޯދަން ގަދައަޅައި މަސައްކަތް ކުރާނެ" ޝައްފާން ވިދާޅުވިއެވެ.

ޝައްފާން ވިދާޅުވީ، ރާހީގެ ކާމިޔާބީގައި މައިންބަފައިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި ކާމިޔާބު ހޯދައިދޭން ބެލެނިވެރިން ވަރަށް މަސައްކަތް ކޮށްދޭ ކަމަށެވެ.

ރާއްޖޭގެ 25 ސްކޫލްގެ 125 ވާހަކަދެއްކުންތެރިންގެ ތެރެއިން އެންމެ މޮޅުކަމަށް ފަނޑިޔާރުން ނިންމެވި 10 ދަރިވަރުންގެ ތެރޭގައި ރާހީ ހިމެނުނެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *