ރާއިޢް: ޤުރުއާން ހިތުދަސްކޮށް ފުރިހަމަކުރީ ކާފަގެ ވަޞިއްޔަތް، އާއިލާއަށް ގެނެސްދިނީ އުފާވެރިކަން

ސާދަ އަހަރުގެ އަޙުމަދު ރާއިޢް ބަޝީރު ޤުރުއާން ހިތުދަސްކޮށް، ކާފަގެ ވަޞިއްޔަތް ފުރިހަމަކޮށް، އޭނާގެ ޢާއިލާއަށް އުފާވެރިކަން ގެނެސްދީފިއެވެ.

" ހުރިހާ ޙަމްދެއް ﷲއަށް. އޭނާގެ ކާފަގެ ވަޞިއްޔަތާއެކު، ޤުރުއާން ހިތުދަސްކޮށް ހިފުޒުކުރި ދުވަހަކީ އެއީ އާއިލާއަށް ލިބުނު އެންމެ ބޮޑު އުފާ" ރާއިޢްގެ މަންމަގެ އަޑުގައި ވަނީ އުފާވެރިކަމެވެ.

ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލްގެ ގުރޭޑް 7ގައި ކިޔަވަމުންދާ ރާއިޢް، ޤުރުއާން ހިތުދަސްކުރީ ފުވައްމުލަކުގައި ހުންނަ ޒިކްރާ ކޮލެޖްގެ ޙިފްޒް ކުލާހުންނެވެ. ޙިފްޒް އިމްތިޙާނުން އޭނާ ފާސްވީ އެއްވަނަ ދަރަޖައިގައެވެ. ސެޓްފިކެޓް ލިބުނީ މިދިޔަ ހަފްތާގައެވެ.

ރާއިޢްގެ މަންމަ ނަންދާ ޒުބައިރު ދަރިވަރު ނޫހަށް ބުނީ، ރާއިޢްއަށް ޤުރުއާން ހިތުދަސްކޮށް ނިންމާލެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ކަމަށެވެ. އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ ބޮޑުބޭބެ އަލީ ވަސީމްގެ ފަރާތުންނެވެ.

" ދަރިފުޅަށް ކާމިޔާބު ހޯދައިދޭން އެންމެ ބޮޑު މަސައްކަތެއް ކުރީ ބޭބެ. ސްކޫލަށް ގެންގޮސް ގެނެސްދީ، ހިފްޒްކުލާހަށް ގެންދިއުމުގެ އިތުރުން މިސްކިތަށް ގެންގޮސް ޤުރުއާނުގެ ތެރޭގައި ގެންގުޅުނީ ބޭބެ. އޭގެ ސަބަބުން ޤުރުއާނަށް އޮތް ލޯވީ އިތުރުވެ ކުރިއަށްދާން މަގުފަހިވެގެން ދިޔައީ" ރާއިޢްގެ މަންމަ ބުންޏެވެ.

ނަންދާ ބުނީ ބޭބެގެ އިތުރުން އާއިލާގެ އެންމެންހެން ރާއިޢްއަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި ބައިވެރިވާކަމަށެވެ. އަދި އޭނާއަށް ހިތްވަރުވެސް ދޭ ކަމަށެވެ.

ރާއިޢް ޤުރުއާން ހިތުދަސްކުރީ މިދިޔަ ރޯދަމަހުގެ ތެރޭގައެވެ. އެއަށްފަހު މުރާޖާކޮށް ހިފްޒު އިމްތިޙާނުގައި ބައިވެރިވީ ހުސްވި ފެބުރުއަރީ މަހުގެތެރޭގައެވެ.

ކުޑައިރުއްސުރެ ޤުރުއާނަށް ޚާއްޞަ ސަމާލުކަމެއްދެމުން އަންނަ ރާއިޢް އަންނަނީ ތަރާވީޙް ނަމާދު އިމާމުވެ ކުރަމުންނެވެ. ތަރާވީޙް ނަމާދު މިދިޔަ އަހަރު ކުރީ ފުވައްމުލަކު ސިޓީގެ ފުނާޑު އަވަށު، މަސްޖިދުއް ސިއްދީޤުގެވެ. މި އަހަރު އިމާމުވެ ތަރާވީޙް ނަމާދު ކުރަން އޭނާ ތައްޔާރުވަމުން ގެންދަނީ މަސްޖިދުއް ތައުބާގައެވެ. އޭގެ ކުރިން، 2020 ވަނަ އަހަރުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުޞަތު އޭނާއަށް ލިބެއެވެ.

ޤުރުއާން ކިޔެވުމުގައި ރާއިޢްގެ އެދުރަކީ ރޯޝަނީގޭ އައިޝަތު އަބްދުﷲ އެވެ. އޭނާއަށް އެންމެ ކަމުދަނީ ކުރީގެ ޤުރުއާން މުދައްރިސް އަބްދުﷲ މުފީދުގެ ކިޔެވުމެވެ. މުފީދުގެ ކިޔެވުމަކީ އޭނާ އެންމެ ގަޔާވާ، ކުރިއަށް ދިއުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

" މުދައްރިސްގެ އެ ކިޔެވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވުނު. އޭގެ ފަހަތުން ކުރިއަށް މި ދެވުނީ" ރާއިޢް ދަރިވަރު ނޫހަށް މިދިޔަ އަހަރު ކިޔައިދިނެވެ.

ފުވައްމުލަކުގައި މިދިޔަ އަހަރު ބޭއްވި ރޯޒްމީޑް އަހުމަދު އަލިދީދީގެ ހަނދާނީ ޤުރުއާން މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދައިގެން އުމުރާ ދަތުރެއް ވެސް ރާއިޢްއަށް ލިބުނެވެ. އަދި މި އަހަރު ޒިކުރާ ކޮލެޖުން ބޭއްވި ހިފްޒް މުބާރާތުން އެއްވަނަ ހޯދާ އުމްރާ ދަތުރެއް ވަނީ ލިބިފައެވެ.

"ފިރިހެން ކުއްޖަކު ލިބޭ ކަމުގެ އުފާވެރި ޚަބަރާއެކު ފުރަތަމަ ވެސް ކުރި ވަސިއްޔަތަކީ އެ ދަރިފުޅަކީ ޤުރުއާން ހިތުދަސްކޮށްދީ، ދީނީ ކަންތައްތަކަށް ސަމާލުކަންދޭ ކުއްޖަކަށް ހަދައިދޭން" ރާއިޢް އުފަން ވުމުގެ ކުރިން އޭނާގެ ކާފަގެ އެ ވަޞިއްޔަތް ފުރިހަމަކޮށް ދެވުނީތީ ދނަންދާ ހުރީ އުފަލުންނެވެ.

އެންމެ ތުއްތުއިރުއްސުރެ ކައިރީގައި ބައިންދައިގެން ޤުރުއާން ކިޔަވައިދިނުމާއި ދީނީ ކަންތަކަށް ދަރިފުޅު ޝަޢުޤުވެރި ކުރުމުގައި މުހިންމު ރޯލެއް އަދާކުރީ އޭނާގެ ކާފަ ކަމަށް ވެސް ނަންދާ ބުންޏެވެ.

ޤުރުއާން ހިތުދަސްކޮށް ހާފިޒަކަށް ވުމަކުން ޤުރުއާން މުރާޖަޢާކުރުން ދޫކޮށްލާކަށް ރާއިޢް ބޭނުމެއްނޫނެވެ. މިހާރުވެސް ޤަވާއިދުން އޭނާ ދަނީ ކިޔަވަމުންނެވެ.

ރާއިޢް ބުނީ މިހާރު އެނާ އެންމެ  ބޭނުންވަނީ ރާއްޖެއިން ބޭރުގެ މުބާރާތެއްގައި ބައިވެރިވެ ރީތި ނަކަކާއި ޝަރަފެއް ރާއްޖެއަށް ހޯދައިދޭށެވެ.

" މިހާރު އެންމެ ކުރަން ބޭނުންވަނީ ބޭރުގެ މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށް ވަނައެއް ހޯދުން" ހާފިޒަކަށްވާން އެނާ ކުރި ބުރަ މަސައްކަތާމެދު ރާއިޢް ފަޚުރުވެރިވެއެވެ.

ނަންދާ ބުނީ އެއާއިލާއަށް ދިމާވި ދަތި އުނދަގޫ އެތައް މަރުހަލާތަކެއްގެ ތެރެއިން ރާއިޢް އެ އާއިލާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދީފިއެވެ. އެކަމަށްޓަކައި އޭނާ ކުރި ބުރަ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް އޭނާ އަދާކުރީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ. އެޝުކުރުގައި ޚާއްޞަ ގޮތެއްގައި ޒިކުރާ ކޮލެޖުގެ ހިފްޒްކުލާހުންނާއި އޭނާ ކިޔަވަމުންދާ ހާފިޒު އަހުމަދު ސްކޫލުން ކޮށްދިން މަސައްކަތް ފާހަގަކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *