އެތްލެޓިކްސްގައި ލާމުން ވިދާލި ދެ ބެއިން

17 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓަކަށް ދައްތަ، 15 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓަކީ ކޮއްކޮ

ފުރަތަމަ ފަހަރަށް ލާމު އަތޮޅުގައި އެ އަތޮޅުގެ ސްކޫލްތަކަށް ޚާއްޞަކޮށްގެން ބޭއްވި އިންޓަރސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ މޮޅު އެތްލީޓުންގެ ތެރޭގައި ހިމެނުނީ 14 އަހަރުގެ އާމިނަތު ލަޔާ އިބްރާހިމާއި އޭނާގެ ދައްތަ އައިޝަތު ލިވާ އިބްރާހިމެވެ. މި ދެބެއިން ނިސްބަތް ވަނީ ލ. އަތޮޅު މަދަރުސާއަށެވެ. މުޅި މުބާރާތުގެ ގިނަ ވަނަތައް އެ މަދަރުސާއަށް އަނބުރާލުމުގައި މި ދެބެއިންގެ ހިއްސާ ބޮޑެވެ.

މިހާރު ގުރޭޑް 7 ގައި ކިޔަވަމުން އަންނަ ލަޔާ ވަނީ އޭނާ ވާދަކުރި 15 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓްގެ މަގާމް ހޯދާފައެވެ. އޭގެ އިތުރުން 100 މީޓަރާއި 1500މީޓަރުގެ އިތުރުން ދިގު ފުއްމުމާއި މެޑްލޭ ރިލޭއިން ރަން މެޑަލް ވެސް ލަޔާ ހޯދިއެވެ.

ގުރޭޑް 9ގައި ކިޔަވަމުން އަންނަ ލިވާ ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓުގެ މަގާމް ހޯދާފައެވެ. އަދި 100 މީޓަރާއި 800 މީޓަރާއި ދިގުފުންމުން ރަން މެޑަލް ލިވާ ހޯދިއެވެ.  100*4 ރިލޭއާއި 200*4 ރިލޭއިން ވެސް ރަން މެޑަލް ލިވާގެ ކާމިޔާބީގެ ހަރުހަގަނޑަށް އިތުރުކުރިއެވެ.

ލަޔާ ބުނީ އަބަދުވެސް ކުޅިވަރަށް ޝައުޤު ހުންނަ ކަމަށާއި ސްކޫލް ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވި ނަމަވެސް އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތެއްގައި މީގެ ކުރިން ބައިވެރިވެފައި ނުވާ ކަމަށެވެ. އެހެންވެ އަތޮޅު މުބާރާތައް ތައްޔާރުވެ ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރި ކަމަށް ލަޔާ ބުންޏެވެ.

އިންޓަރ ހައުސް މުބާރާތުން ރަނގަޅު ކާމިޔާބެއް ލިބުމުން، ސްކޫލް ތަމްސީލުކުރަން ފުވައްމުލަކުގައި އޮތް އެތްލެޓިކްސް މުބާރާތައް ދާން ލިވާއަށް ފުރުޞަތު ލިބުނެވެ. ރަނގަޅު ކާމިޔާބީއަކަށް އުއްމީދު ކުރި ނަމަވެސް އެ މުބާރާތުގައި ބައިވެރިވީ ހަމައެކަނި އެ ސްކޫލްގެ ފިރިހެން ކުދިން އެކަންޏެވެ. ލިވާއަށް ދާންޖެހުނީ އިންޓަރ ސްކޫލް ވޮލީ މުބާރާތަށެވެ.

ދެ ބެއިން ބުނީ ލާމު އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތާތަށް ކުރެވުނު މަސައްކަތާއި ސްކޫލުން ކޮށްދިން ކަންތައްތަކަށް ބަލާއިރު މުބާރާތުން ރަނގަޅު ވަނައެއް ލިބޭނެ ކަމުގެ ޔަޤީންކަން އަބަދުވެސް އޮތް ކަމަށެވެ.

" އެ ވަރަށް މަސައްކަތް ކުރެވުނީމާ ވަރަށް ބޮޑު ޔަޤީންކަމެއް އޮތް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް" ލިވާ ބުންޏެވެ.

އެތްލެޓިކްސްގެ އިތުރުން ވޮލީ އާއި ފުޓްބޯޅައާއި ހޭންޑްބޯޅަ އަކީވެސް ދެ ބެއިންގެ ޚާއްޞަ ކުޅިވަރުތަކެވެ. އަތޮޅު ފެންވަރުގައި ބޭއްވި ހޭންޑް ބޯޅަ މުބާރާތްތަކުގައި ވެސް ބައިވެރިވެފައެވެ.

ލަޔާއާއި ލިވާ ބުނީ އެ ދެބެއިންގެ ކާމިޔާބީގައި ކޯޗުންގެ ހިއްސާ ބޮޑުކަމަށެވެ. ޚާއްޞަކޮށް ޓީޗަރުންނާއި ފަސާހް ކޯޗާއި ސަމްހާޒް ސަރގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރިއެވެ.

" މާލެ ދެވޭ ފަހަރެއްގައި ވެސް ކޯޗް ބަލާނެ ފުރުޞަތެއް އޮތީ ކޮންދިމާލަކުންތޯ. އަބަދުވެސް ބަލާނެ ޓީމަކާއެކު ފުރުޞަތު ހޯދައިދީގެން ޕްރެކްޓިސް ކޮށްދެވޭތޯ" ލަޔާ ބުންޏެވެ. ދެ މީހުން ވެސް ބޭނުންވަނީ އެފަދަ ފުރުޞަތު އެ ސްކޫލުގެ އެހެން ދަރިވަރުންނަށް ވެސް ލިބުމެވެ.

ދެ ބެއިން ބެސް ބުނީ ރަށާއި ސްކޫލަށް ކާމިޔާބީތަކެއް ހޯދައި ދެވުނީތީ އުފާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކާމިޔާބީތަކެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ކާމިޔާބީގައި މަންމައާއި ބައްޕަގެ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރިއެވެ.

" މަންމައާއި ބައްޕައާއި މުޅި އާއިލާގެ ސަޕޯޓް އަބަދުވެސް ލިބޭ. އެއީ ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް" ލ. އަތޮޅު މަދަރުސާއަށް ހިނިތުން ގެނެސްދިން ދެ ބެއިން ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *