"ނޫން! ބޭނުމެއް ނޫން" ލީލާގެ މި ވާހަކަ ކޮންމެ ކުއްޖަކަށްވެސް ކިޔައިދޭން އެބަޖެހޭ

ލީލާ އަހުމަދުގެ " ނޫން! ބޭނުމެއް ނޫން" މިއީ މީގެ އެއް އަހަރު ކުރިން ނެރުނު ކުޑަކުދިންގެ ވާހަކަ ފޮތެކެވެ. މި ފޮތުގެ މުހިންމުކަން މިއަދު މިއޮތީ ޖެހިފައެވެ. މިއީ ކޮންމެ މަޔަކާއި ބަފަޔަކު، އޭނާގެ ދަރިފުޅަށް ހޯދައިދޭން މަޖުބޫރު ފޮތަކަށް މިއަދު ވެއްޖެއެވެ.
ލީލާގެ މި ކުރު ވާހަކަ އިން ބުނެދެނީ ވަރަށް ދިގު ވާހަކަތަކެކެވެ. ކުޑަކުއްޖަކަށް ދިމާވާ ޖިންސީ ނޭދެވޭ ކަންތައްތަކުން ސަލާމަތްވުމަށް އެންމެ ފުރަތަމަ ކަންތައްތައް ކުރަންޖެހޭ ގޮތެވެ. ދާންވީ މިސްރާބެވެ.

މިއީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުން އެ ކުދިން ސަލާމަތްވުމާއި، އެފަދަ ކަންތައްތަކަށް ބެލެނިވެރިން އެކުދިންނާ މުއާމަލާތް ކުރަން މަގުފަހި ކޮށްދޭ ފޮތެކެވެ. އަދި ކުދިންނާމެދު ބެލެނިވެރިން ސަމާލުވާންޖެހޭ ކަންތައްތަކާއި ކުދިންނަށް އެނގެންޖެހޭ ކަންތައްތަކާއި ދިމާވާ އެފަދަ ކަންތައްތައް ސިއްރުނުކޮށް ކިޔައިދޭން މި ފޮތުން ދަސްކޮށްދެއެވެ.
ކުދީންގެ ހަށިގަޑު ފޮރުވަން ޖެހޭ ކަމާއި އަދި ކޮންމެ ކޮންމެ މީހަކަށް އެކުދީންގެ ހަށިގަނޑުގައި އަތް ނުލެވޭނެކަމާއި ފެންނަން ނުވާނެ ތަންތަން ކިޔައިދީފައިވެއެވެ. އަދި ދިމާވާ މިފަދަ ކޮންމެ ކަމަކަށް ނޫނެކޭ ބުނަން ކުދިންނަށް މި ފޮތުން ހިތްވަރު ލިބެއެވެ.

މިފަދަ ނޭދެވޭ ކަމެއް ހިނގައިފިނަމަ އެކަމެއްގެ ވާހަކަ މައިންބަފައިން ގާތު ބުނެވޭ ވަރަށް އެކުދީންނަށް މި ވާހަކަ ކިޔައިދޭން ޖެހެއެވެ. މެޓާ، ޗޮކްލެޓް ފަދަ ތަކެތި ދީގެން ނުވަތަ ބިރު ދައްކައިގެން ވެސް ކުދީންގެ ގައިގައި އެއްވެސް މީހަކަށް އަތް ނުލެވޭނެކަން ކުދީންނަށް ބުނެދޭން ޖެހެއެވެ.

ލީލާ ވިދާޅުވި ގޮތުގައި މި ވާހަކަ ލިޔުނީ ކުދިންނާއި ބެލެނިވެރިން ހޭލުންތެރި ކުރުވަން ފޮތްތަކެއް ލިޔަން މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ފަހަރިއަކު ދެއްކި ވާހަކައަކުންނެވެ.

" އެންމެ ފުރަތަމަ ބެލީ އެ ވަގުތައް މުހިންމީ ކޮންކަހަލަ މައުޟޫއަކަށް ފޮތެއް ލިޔުންތޯ. މިހެން ވިސްނަނިކޮށް ފަހަރިއަކު އެއްދުވަހަކު އައިސް ބުނެފި ކުޑަކުދިންނަށް ދިމާވެފައިވާ ގޯނާގެ ސްޓެޓިސްތަކެއްގެ ވާހަކަ. އެ ދުވަހު ވިސްނީ މިއީ ރަނގަޅު މައުޟޫއެކޭ ފޮތެއް ލިޔަން." ލީލާ ވިދާޅުވިއެވެ.
ލީލާ ވިދާޅުވި ގޮތުގައި އެފަދަ ފޮތެއް ކުޑަކުދިންނަށް އަމާޒުކޮށް ލިޔަން ފެށިއިރު، ކޮންމެވެސް ވަރެއްގެ އުނދަގޫތަކާ ކުރިމަތިވިއެވެ. އެއީ ގިނަ ބަޔަކަށް ދައްކަން އެހާ ފަސޭހަ މައުޟޫއަކަށް ނުވުމާއި، ކުޑަކުދިންނާ ގުޅޭ ބަހުރުވައިން ކުރުކޮށް، އެންމެ ތިލަކޮށް، ގެނެސްދޭންޖެހުމެވެ.
" ކުއްޖަކު ފޫހި ނުވާނެ ގޮތަށް ގަނޑު ގިނަ ނުކުރުމާއި، އަޑުއަހާނެ ވަރަށް ބަލައިގެން ވީހާވެސް ކުރުކޮށް ގެނެސްދީފައި ހުންނާނީ" މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ލީލާ ވިދާޅުވިއެވެ. " ފޮތް ލިޔުމުގެ ކުރިން ރިސަރޗްކުރިން. ވަރަށް ގިނަ ފޮތްތައް ބެލިން. އެ ހުރިހާ ކަމަކަށްފަހު ފޮތް ލިޔުނީ. އެންމެ މުހިންމު ކަމަކަށް ބެލީ ކުޑަކުދިންނަށް އަމާޒުވާ ފޮތަކަށް ވާތީ އޭގައި ހިމަނާނެ ތަސްވީރުތަކަށް. ކޮއްކޮއަކީ ކުރަހާވެސް މީހަކަށް ވުމުން އޭނަ އެކަން ކޮށްދިނީ"

ފޮތް ލިއުއްވުމަށްފަހު ލީލާ އެއަށް ނަމެއް ނުދެއްވައެވެ. އެ ފޮތް ކިޔާލަން ދެއްވީ ލީލާއަށް ބޮޑުދައިތަ ކިޔާ ދެ ކުއްޖަކަށެވެ. އެ ފޮތަށް ނަމެއް ދިނީ އެ ދެކުދިންނެވެ.

" އޭގައިވާ އެއްޗަކަށް ވިސްނުމަށްފަހު އެކުދިންނަށް ވިސްނުނީ، ގައިގައި އަތްލާން ބޭނުމެއް ނޫނޭ. އެހެންވެ އެ ދެކުދިން ނިންމީ " ނޫން! ބޭނުމެއްނޫން" ކިޔަން" ލީލާ ވިދާޅުވިއެވެ.
ލީލާ ވިދާޅުވީ އޭނާ އުއްމީދު ކުރެއްވީ ކޮންމެ ކުއްޖަކާއެކު ބެލެނިވެރިއަކު ކިޔާނެ ފޮތަކަށް އެފޮތް ވާނެ ކަމަށެވެ. އެކަމަކު ފޮތް ކިޔުމުގެ ރޫހެއް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމަށް ލީލާ ވިދާޅުވިއެވެ.

" މީހުންގެ ހިތަށް އަރަނީ ޖިންސީ ގޯނާ ކުރަނީ އެހެން މީހުންގެ ދަރިއަކަށޭ. މަގޭ ދަރިއަކަށް ނޫނޭ. އެ ވިސްނުމުގައި ތިބޭތީ މަސައްކަތެއް ނުކުރޭ އެމީހެއްގެ ދަރިފުޅު ހޭލުންތެރިކުރުވާކަށް. އޭގެ ބަދަލުގައި ބޭނުމަކަށް ވާންވީ ކުއްޖާއަށް މައުލޫމާތު ދޭން، މައުލޫމާތު މުއްސަނދިކޮށްދޭން. އޭރުން ކަތިނަޒަރަކުން ބެލިއަސް ކުއްޖާއަށް އެނގޭނެ އެއީ ރަނގަޅަށް ކުރާކަމެއް ނޫންކަން. އެވަރު އަޅުގަނޑުމެން ދަސްކޮށްދޭންޖޭހޭ." ލީލާ ވިދާޅުވިއެވެ.

ވިހި ސަފުޙާގެ މި ފޮތް އަސްރަފީ ބުކްޝޮޕުން ލިބެން އެބަހުއްޓެވެ. ޖިންސީ ގޯނާގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، ކޮންމެ ކުއްޖަކަށްވެސް މި ފޮތުގައިވާ ފަދައިން ނޫނެކޭ ބުނަން ދަސްކޮށްދޭން ޖެހެއެވެ. އެއީ ބެލެނިވެރިންނާއި މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ.

ހިޔާލު

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *